ޕްރެޒިޑެންޓްސް ބެޖް ޙާޞިލުކުރި ގަރލް ގައިޑަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބެޖް ދެއްވައިފި

hep-girlguide

ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ދިވެހިރާއްޖޭގެ ގައިޑުންނަށް ދެއްވާ އެންމެ ޝަރަފްވެރި ބެޖް “ޕްރެޒިޑެންޓްސް ބެޖް”، ހިރިޔާ ސްކޫލްގެ ޖައުޒާ ޚަލީލަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެއްވައިފިއެވެ.

ބެޖް ދެއްވުމަށް މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބެޖް ޙާޞިލުކުރި ޖައުޒާ ޚަލީލަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރެއްވިއެވެ. އަދި ބެޖް ޙާޞިލުކުރުމަށްޓަކައި ޖައުޒާ ކޮށްފައިވާ ބުރަ އަދި ފަޚުރުވެރި މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޖައުޒާ ޚަލީލަކީ 2010 ވަނަ އަހަރު ހިރިޔާ ސްކޫލުގެ ގްރޭޑް 10 ނިންމި ދަރިވަރެކެވެ.