މެންބަރުންގެ ޚިޔާލު: އިސްލާމީ ހަޟާރަތު ކުރިއެރުވޭނީ ރިވެތި ނަމޫނާ ދައްކައިގެންނެވެ

ފުނަމާ

ޒަމާނުއްސުރެ އަހަރެމެން އަޑުއަހަމުން ގެންދާ ކީރިތި ރަސޫލާގެ ސިޔަރަތުގެ އެކިހިސާބުތަކުން ، ބައެއް ޣައިރު މުސްލިމުންގެ ޚަސީލަތާ ގުޅިގެން ” އެފަދަ ހެޔޮލަފާ މީހަކު މުސްލިމުންގެ ތެރެއިން މެނުވީ ފެނިފައި ނުވާކަމުގައި” ކިޔާއަޑު ގިނަގިނައިން އަހަމުއެވެ. އެހެނީ މުސްލިމުންނަކީ އެންމެހައި ރިވެތި ސިފަތައް އެމީހުންގެ އެތެރެފުށާއި ބޭރުފުށުގައި ހިމަނައިގެން އެމީހުންގެ ސުލޫކީ މިންގަނޑު ފަރުމާ ކުރާން ޖެހޭބައެކެވެ. މިބުނެވުނު ހަގީގަތުގެ މަތީގައި މުސްލިމުން ތިބިހައި ދުވަހަކު މުސްލިމުންގެ ނަމާއި ގަދަރު ދިޔައީ ކުރިއަރައި ވިދުވަރު ގަދަވަމުންނެވެ. މުސްލިމުންގެ ވެރިކަމުގެ އާރާއި ބާރުދިޔައީ ގަދަވަމުންނެވެ. ނަމަވެސް މިއަދުގެ މުސްލިމުންގެ ހާލަތު ބަދަލުވެފައި މިވަނީ އަނެކުންގެ މަލާމާތް ރައްދުވާ މިންވަރަށެވެ.
އިރާގުގައި ވެރިކަންކުރި ސައްދާމު ހުސައިން އޭނާގެ ވެރިކަމުގެ ދަށުގައި ލައްވާފައިވާ ކުރުދީންގެ އެތައް ލައްކަމީހުން ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން މަރާލިއިރު ، އަޅުގަނޑުމެން ދިވެއްސަކު ޝެލްޓޮކްސް ފުޅިޔަކުން ބުރުވައި ހިނިތަކެއް މަރާލާއިރު ހިތައްކުރާ އަސަރުވެސް ނުކުރެއެވެ. މިއަދުވެސް ބޮޑެތި އިސްލާމީ ގައުމުތަކުގެ ގޮތުގައި އެބުނާ ގައުމުތަކުގެ ވެރީން އެމީހުންގެ ރައްޔިތުންގެ ގަޔަށް ފާޅުގައި ބަޑިޖަހައި މަރަމުން އެގެންދަނީ އެއްވެސް އަސަރަކާ ނުލައެވެ. މިއީ ކޮންމެދުވަހަކު އަޅުގަނޑުމެންވެސް އަހަމުންގެންދާ އަޑުތަކެވެ. ލޮލަށް ފެންނަމުންދާ ހަގީގަތެވެ. މިއުޅެނީ މުސްލިމުންގެ ނަން ކުރިއަރުވަން ހެއްޔެވެ؟ ނޫނެކެވެ. މުސްލިމު ގައުމުތަކޭ މިކިޔާ ގައުމުތަކުގެ ވެރިކަމުގައި އެތިބަ ބައެއްގެ ބޮޑާކަމާ ކިބުރުވެރިކަން ދެމެހެއްޓުމާ އެމީހުންގެ ވެރިކަން ހިމާޔަތް ކުރުމުގެ ބޭނުމުގައި މެނުވީ އެމީހުން އެއްކަމެއްވެސް ނުކުރެއެވެ. އިސްލާމްދީން އެމީހުން ބޭނުންކުރާނަމަ ހަމައެކަނި ބޭނުންކުރަނީވެސް ވެރިކަން ހިމާޔަތް ކުރުމަށް ބޭނުންކުރާ އަށްޑަނަ އެއްގެ ގޮތުގައެވެ. ތިމާމެންގެ އެކުވެރީންނަކީ ، ނުވަތަ ހަތުރުންނަކީ ކޮބައިކަން އެމީހުންނަކަށް ނުމެ އެނގޭމެއެވެ.
ދެކިބަލާށެވެ. ދުނިޔޭގައި ލެއްވިއްޔާ ލެއްވި ހުރިހައި މުއްސަނދިކަމެއް އެމީހުންގެ ބިންތަކުގައި ލައްވާފައިވާ މުއްސަނދި ، ބޮޑެތި އިސްލާމީ ގައުމު ތަކުގެ މެދުގައި އެއޮތް ފަލަސްތީނުގެ ރައްޔިތުން ރޯއަޑު ނީވޭދުވަހެއް އެބަދޭހެއްޔެވެ؟ ކަންބޮޑުވަނީ ކާކުހެއްޔެވެ؟ މާދުރުގައި އެކަމާ ނުބެހި ތިބެތިބެފައި ރައްޔިތުން ހައްލާލަން ” ފަލަސްތީނޭ ، އަޚުންނޭ ، އުޚުތުންނޭ ” ބުނެލުމުން ވާޖިބުއަދާ ކުރެވުނީކަމުގައި ދެކެނީ ހެއްޔެވެ؟ އެހާލަތަށް ފަލަސްތީނުގެ ރައްޔިތުން ވެއްޓިގެން އެދިޔައީ އިސްލާމުންގެ އާރާއި ބާރު ކިހިނެއް ކޮންގޮތަކަށް ބޭނުން ކުރެވުނީމަ ހެއްޔެވެ؟ އަރަބި ބަހާރުގައި ﷲގެ ތަނަވަސް ރަހުމަތްފުޅުން ލެއްވި ރަނާއި އެހެނިހެން މައުދަނުތަކުގެ މުއްސަނދިކަން އެގައުމުތަކުގެ ވެރީން އެބޭނުންކުރަނީ އެމީހުންގެ ހައިބަތާއި ގަދަރާ ވެރިކަމުގެ ޝަހެންޝާހީ ވަންތަކަން އިތުރަށް ދެއްކުން ފިޔަވައި ދެންއެހެން ކޮންކަމަކަށް ހެއްޔެވެ؟ ރުޅިއަންނަހާ ފަހަރަކު ތިމާމެންގެ އަމިއްލަ ރައްޔިތުން ތަޅާރޯނާ ގެންނެވުންނޫން ކަމެއް އެމީހުންނަކަށް ނުކުރެވެއެވެ.
މުސްލިމު ކަމަކީ ހަމައެކަނި ތިމާގެ ފޭރާމާއި މޫނުމަތީގެ ސިފަތަކަކުން ދެއްކޭނެ އެއްޗެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ މިދިވެހި ރާއްޖޭގައި ތިމާމެންނަކީ ފުރިހަމަ މުސްލިމުންނޭ ބުނެ އަޑުއުފުލާ ބަޔަކު މިތިބައުޅެނީއެވެ. ނުކުރާކަށް ނުބައި ކަމެއް ނެތެވެ. ނުބޯކަށް އެއްޗެއް ނެތެވެ. ނުގޮވާކަށް އެއްކަމެއްވެސް ނެތެވެ. ހީކުރަނީ ތުނބުޅި ދިގުކޮށް މޭމައްޗާ ހަމަޔަށް ދޫކޮށްލާފައި ބޮޑުޖުއްބާ ލުމުން ރަސޫލުންނާއި ނަބިއްޔުންނާ އެއްދަރަޖައަށް ތިމަންނާމެންނަށް ދެވުނީ ކަމުގައެވެ. ވެރިކަމާ ބަގުޑިލައި ވެރިކަން ވަށްޓާލުމީ ސުވަރުގެ ވަދެވެން އޮތް ހަމައެކަނި މަގުކަމުގައެވެ. ދެބައޮޑުވުމާއި ،ޣީބަބުނުމާއި ، ފަސާދަ ކުރުމަކީ އެމީހުންގެ މަންހަޖެވެ. ޣައިރު މުސްލިމަކު ގައުމަށް އަރައިފިއްޔާ ހާރުވައި އަނިޔާކޮށް ފައްސާލުމާ ، ކާބަފައިން އަޅުކަންކުރާން ގެންގުޅުނު ބުދެއްގެ ތަސްވީރު ފެނުނަސް އޭގެ މައްޗަށް މުޑިޔަށް ޖެހިގަތުމަކީ ތިމާމެންގެ މުސްލިމު ކަމަށް އިތުރުވާ މެޑެއްޔެއް ކަމުގައި އެމީހުން ދައުވާ ކުރެއެވެ. ގައުމުގެ އަފުރާދުންގެ ހައްގުތަކަކީ އެމީހުންގެ ނަޒަރުގައި މާމުހިންމު އެއްޗެއް ނޫނެވެ. ބޭރުގެ މެހެމާނުންގެ ކުރިމަތީގައި އަޚުލާގީ މިންގަނޑެއް ގެންގުޅުމީ މުހިންމު ކަމެއް ކަމުގައި އެމީހުން ނުދެކެއެވެ. ތިމާމެން ފިޔަވައި އިންސާނީ ކަރާމާތެއް އޮތް ބަޔަކު ވާކަމުގައި އެމީހުން ނުދެކެއެވެ. އަނެކުންނަށް ގަދަރެއް އިޙުތިރާމެއް އަމުދުން ނުކުރެއެވެ. މީގެ ސަބަބުން އިސްލާމީ ގައުމެއްގެ އެތެރެ ކަތުރުފަނީގެ ޝިކާރައަކަށް ވަމުންދާކަމެއް އެމީހުންނަކަށް ނޭނގެއެވެ. ވަށްކަމާ ފަސާދަ ، ޒިނޭއާއި ، ލެއްވިއްޔާ ލެއްވިހައި ފާހިޝް އަމަލުތަކެއް މިގައުމުގައި މޫލައި ފެތުރެމުންދާކަމެއް އެމީހުން ނަކަށް ނޭނގެއެވެ. ނޫނީ އެނގޭ ކަމަކަށް ނުހަދައެވެ. އެމީހުންނަށް ﷲދެއްވި އިލްމަކީ ކީއްކުރަން ދެއްވި އެއްޗެއް ކަމެއް އެމީހުންނަކަށް ނޭނގެއެވެ. ބޭނުންކުރާންވީ ކޮންގޮތަކަށްކަމެއް ނުވިސްނެއެވެ. ހަމައެކަނި ހަނދާން މިހުންނަނީ ވެރިކަމެވެ. ބަދަލު ހިފުމެވެ. އަނބިދަރީންގެ ހައްގުތަށް ނީލަން ކިޔައިގެންވެސް އަމިއްލަ ޖީބުބަރުކުރުމެވެ. ތިމާޔަށްވުރެ އެހެންމީހެއްގެ އަޑުގަދަ ނުވާވަރަށް ހަޅޭއްލެވުމެވެ. މިތިބީ އޭރުން މުސްލިމުކަން ފުރިހަމަ ވެފައިކަމުގައި އެމީހުން ހީކުރެތެވެ.
ޣައިރު މުސްލިމުންގެ ގައުމުތަކުގެ ގޮތުގައި އަހަރެމެންގެ ތެރޭގައި މަޝްހޫރު ބައެއް ގައުމުތަކަށް އަހުރެންވެސް ދިއައީމުއެވެ. އަހަރެމެންނަކީ މުސްލިމުންނޭ ކިޔާފައި އަހަރެމެންގެ އެއްވެސް ހައްގެއް ނިގުޅައި ގަތުމަކަށް އެމީހުންނަކު ނޫޅެއެވެ. އެއަރޕޯޓު ތަކުގައި އެހުންނަ ނަމާދުކުރުމަށް ޚާއްސަ ކުރެވިފައިވާ ތަންތަނުގައި އަހަރެމެން ނަމާދުކޮށްލުމަކުން އެމީހުންގެ މިލިޔަނުންގުނޭ އާބާދީގެ މީހުން ގަބޫލުކުރާ އަގީދާ ފަސާދަވެދާނެތީވެ ބިރަކުން ނޫޅެއެވެ. އަނެއްކާ އަހަރެމެން މުސްލިމުންނަށްވުރެ އެމީހުންގެ އަގީދާ ވަރުގަދައީ ނޫންބާވައެވެ؟ އެމީހުންގެ ދީނާއި މުޅީން އިދިކޮޅު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ބަޔަކު އެގައުމަށް އަރާތީކަމުގައި ބުނެ މުޒާހަރާއެއްވެސް ނުކުރެއެވެ. އެމީހުން އަހަރެމެންނަށް އިހުތިރާމް ކުރެއެވެ. މެހެމާންދާރީ އަދާކުރެއެވެ. އަހަރެމެންނަށް ހަލާލުކާތަކެތި ފޯރުކޮށްދެއެވެ. ހަމައެއާއެކު އަހަރެމެންނަށް އެމީހުންގެ ” ގިފްޓުތައްވެސް ” ދިއްކުރެއެވެ. އަހަރެމެން ހިފާން ބޭނުންނަމަ ހިފާންވީއެވެ. ހިފާމީހުންވެސް މަދެއް ނޫނެވެ. އޭގެ ސަބަބުން އަހަރެމެންގެ ތެދުވެރިކަމާއި އަގީދާގެ މިންވަރު އެމީހުންނަކަށްވެސް ނޯޅެއެވެ. މިއަކީ މާކަބޮޑަކަށް ފާހަގަކުރަން ބޭނުންކަމެއް ނޫނެވެ. މިގައުމަށް ޣައިރުމުސްލިމަކު އަރައިފިއްޔާ ނޫނީ ، ވަޅުލެވިފައި އޮތް ބުދެއް މިގައުމުގެ ފަސްމަތި ވެއްޖިއްޔާ ، ތުނބުޅި ދިގުކޮށްގެން ބޮޑުޖުއްބާ ލައިގެން ނުކުމެ ހައިހައި ގޮވައި މުޒާހަރާ ކުރުމުން އެކަންކުރާ ބަޔަކު އެދެކެނީ އެމީހުންނަކީ މިޒަމާނަށް ފޮނުއްވާ ރަސޫލުންނާއި ނަބީބޭކަލުުންގެ ދަރަޖައަށް އެމީހުންނަށް ދެވުނީ ކަމުގައެވެ. ތިމާމެންގެ އަމިއްލަ ނަޖިސް ކަޅުވެއްޔާ އެއްކޮށްގެން ކައިގެން ނުކުމެތިބެ އޮށިގަނޑަކުން ދަތްކޮށްޓަ ކޮށްޓާފައި އެއޮށިގަނޑު ފަސްބައިގައި ފޮހުނީމައި އެދެން މިތިބީ އަސްހާބުންނަށްވުރެ މާމަތީ އިލްމުވެރީންނޯލައެވެ. މިމީހުންގެ މިނޭއްގާނި ކަމާއި ކަޓުމުއްލާކަން ދެކިގެން މިއަދު އެމީހުންނާއިއެކު ފާސިދު ވަމުންދަނީ ކިތައް ހިތްކަމެއް އެމީހުންނަކަށް ނޭނގެއެވެ. އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ހަމަހަމަކަމާއި މޫރިތިކަން ، ނުދެއްކުމުގެ ސަބަބުން މިދީނާމެދު ޝައްކުއުފެދި މަރުވަމުންދާ ހިތްތަކުގެ އަދަދެއް މިމީހުންނަކު ބަލާކަށް ބޭނުމެއް ނޫނެވެ.
ދެކިބަލާށެވެ. ދުނިޔޭގައި ޑިމޮކްރަސީ ހަރުދަނާވެ އެންމެންގެ ހައްގުތަކަށް އިހުތިރާމް ކުރެވެމުންދާ ހުޅަނގުގެ ގައުމުތަކާއި މިނޫންވެސް ގައުމުތަކުގައި އިސްލާމްދީން ކުރިއަރައި އެދަނީ އިންތިހާ ދަރަޖައިގެ ހަލުއި ކަމާއެކުގައެވެ. ބައިބަޔަށް މީސްތަކުން އިސްލާމްދީނަށް އެދަނީ ވަންނަމުން ކުރިއަރަމުންނެވެ. ނަމަވެސް މިގައުމުގައި މިގައުމަށް އުފަންވީތީވެ މުސްލިމެކޭ ބުނުންފިޔަވައި ދެންހުރި ހުރިހައިކަމެއް އިސްލާމްދީނުގެ ފޫޅާއެކު ކަނޑަމުން އުކަމުން ގެންދާ މިންވަރު ވަޒަން ކުރެވޭ ހެއްޔެވެ؟ ވާނީވެސް އެހެންތާއެވެ. ވެރިކަމަށް ނާދެވިގެން ޕާޓީއަށް މީހުން އިތުރުކުރުމަށް ކިޔޫގައި އެތިބެނީ ނަމާދުވަގުތެއް ފާއިތުވެދާކަން ހަނދާން ނެތިފައެވެ. މިކަމުގެ ނަތީޖާއަކީ ކޮބައިކަން މުލުގައި ތިބިބަޔަކަށް ނޭނގެނީކީވެސް ނޫނެވެ. އެކަމަކު ވެރިކަމުގެ ދަހިވެތި ކަމުގައި ތެޅިފޮޅެނީއެވެ. މުސްލިމުންނަކީ ކޮބައިކަން އިސްލާމްދީން ކުރިއަރައި ދާނީ ކިހިނެއްކަމެއް މިމީހުންގެ ސިކުނޑިއަކު ނެތެވެ. އާއެކެވެ. އިސްލާމީ ހަޟާރަތެއް ކުރިއެރުވޭނީ ރިވެތި ނަމޫނާ އަހަރެމެންނަށާ ބޭރުމީހުންނަށް ދައްކައިގެންނެވެ. އެހެންނޫންނަމަ މުސްލިމުންނޭ ކިޔައިގެން އުޅުނަކަސް ފަރުޖެއްސޭކަށް ނޯންނާނެއެވެ.