އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީގެ މުޤައްރިރަކަށް އިކޮނޮމިކް މިނިސްޓަރ ރާޒީ ޢައްޔަންކޮށްފި

އިބްރާހީމް ރާމިޒް

a032414

އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީގެ މުޤައްރިރަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އިކޮނޮމިކް މިނިސްޓަރ މަޙުމޫދު ރާޒީ އަދި ނައިބު މުޤައްރިރަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު އަދި އެޕާޓީގެ ޑައިރެކްޓަރ އޮފް ފޮރިން ރިލޭޝަންސް ޙާމިދު ޢަބްދުލްޣަފޫރު ޢައްޔަންކޮށްފިއެވެ.

މިރޭ އެމްޑީޕީ އޮފީހުގެ ކޮންފަރެންސް ހޯލުގައި ބޭއްވި އެ ކޮމިޓީގެ އިފްތިތާޙީ ބައްދަލުވުމުގައި މި 2 ބޭފުޅުންވެސް މަޤާމްތަކަށް ހޮވިވަޑައިގެންފައިވަނީ 11 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާޤުންނެވެ.

އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީގެ މި ބައްދަލުވުމުގައި، ކޮމިޓީގެ ކޯރަމް އަކީ 5 ކަމަށާއި، ކޮމިޓީގެ ހިންގާ ގަވައިދު އެކުލަވައިލެވެންދެން ކޮންމެ ހަފްތާއަކު އާދީއްތަ ދުވަހު ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށާއި، ހިންގާ ގަވައިދު އެކުލަވައި ނިމުމުން ކޮންމެ މީލާދީ މަހެއްގެ ފުރަތަމަ އާދީއްތަ ދުވަހު މި ކޮމިޓީގެ ބައްދަލުވުން ބާއްވާ ގޮތަށް ހަމަޖެއްސިއެވެ.