އަހަރަކު 1000 ކުދިންނަށް މަތީ ތަޢްލީމު ޙާޞިލު ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

cabinet1

އަހަރަކު 1000 ކުދިންނަށް މަތީ ތަޢްލީމް ޙާޞިލު ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސެވުމަށާއި، މިކަން ޙާޞިލު ކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޚާއްޞަ ޔުނިޓެއް ޤާއިމު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މަތީ ތަޢުލީމު ޙާޞިލު ކުރުމަށް މާލީ އެހީ ދިނުމުގެ ސިޔާސަތެއް އެކުލަވާލެއްވުމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.
މިކަމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، މަޖިލީހުން މި ނިންމެވި ގޮތުގެ މަތިން، މިކަން ކޯޑިނޭޓް ކުރައްވައި ހިންގެވުމަށް ކޮމިޓީއެއް ހޮއްވެވިއެވެ. މި ކޮމިޓީގެ އިސް ބޭފުޅަކީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. ކޮމިޓީގައި ތިއްބަވާ އެހެން ބޭފުޅުންނަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޞިފާ މުޙަންމަދާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގިންތިން، މެދު އާމްދަނީ ލިބޭ ޤައުމުތަކުގެ ގިންތިއަށް ރާއްޖެ ބަދަލުވެފައިވިޔަސް، މިފަދަ އެހެން ޤައުމުތަކާ އަޅާބަލާއިރު، ރާއްޖޭގެ ޒުވާނުންނަށް، މަތީ ތަޢްލީމާއި އެކިއެކި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެވޭ ނިސްބަތް މާބޮޑަށްވެސް ދަށްކަން ފާހަގަކުރެއްވިއެވެ. އަދި މަތީ ތަޢްލީމު ޙާޞިލު ކުރަން ބޭނުންވާ ދަރިވަރުންނަށް ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތެއްގައި ތަޢްލީމް ޙާޞިލު ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވިއެވެ.