އަދާލަތުޕާޓީން ދިވެހިން ދީނާ ދުރުކޮށް، އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދާ ކަމަށް އަސްލަމް ޝާކިރު ވިދާޅުވެއްޖެ

މައުމޫނަކީ ދީނީ ދަންނަބޭކަލެއްކަމަށް ބުނާބުމަކީ ”ޖޯކެއް” ކަމަށް މޫސަ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

haruge-19-04-2010-13

އަދާލަތުޕާޓީން ދިވެހިން ދީނާ ދުރުކޮށް، އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ކަމުން އެ ޕާޓީއާ މެދު ވަރަށް ބޮޑަށް ސަމާލުވާން ވެއްޖެ ކަމަށް އެމްޑީޕީގެ ދިއްގަރު ދާއިރާގެ ރައީސް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަސްލަމް މުޙައްމަދު ޝާކިރު (އަސްލަމް ޝާކިރު) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ އާއްމު ޖަލްސާގައި އަސްލަމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އިސްލާމްދީނުން ބޭރުވެފައިވާ ކަމަށާއި، އޭނާ އަނބުރާ ދީނަށް ވަންނަން ޖެހޭނެ ކަމަށް ސޮއިކޮށް ފަތުވާ ނެރެފައިވާ 44 ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް މެމްބަރުން މިހާރު މައުމޫނުގެ ފަހަތުން އުޅޭކަމަށާއި އެހެން ކަމުން ދީނީ އިލްމުވެރިންނޭ ކިޔައިގެން އުޅޭ މީހުންނާ މެދު ދެކެންވީ ކޮންގޮތަކަށްކަން އޮޅި އެފަރާތްތަކާމެދު އިތުބާރު ގެއްލިފައިވާ ކަމަށެވެ.

haruge-29-9-2011-37

އަސްލަމްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވެސް ވަނީ އަދާލަތު ޕާޓީއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. އެގޮތުން 44 ދަންނަބޭކަލުން ގެ އިއްތިފާގުން ކުރީގެ ރައީސް މަޢުމޫނަކީ ލާދީނީ މީހެއް ކަމަށް ބުނެ މީގެ ކުރިން ބަޔާން ނެރުނު ދަންނަބޭކަލުން މިހާރު މައުމޫނަކީ ދީނީ ދަންނަބޭކަލެއްކަމަށް ބުނާބުމަކީ ”ޖޯކެއް” ކަމަށް މޫސަ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރާއި އިދިކޮޅު ހުރިހާ ވާހަކަތަކަކީ ވެސް ބަޔަކު ވެރިކަން ހޯދުމަށް ދައްކާ ވާހަކަތައް ކަމަށާއި އެ ވާހަކަތަކުގައި އެމްޑީޕީ ބިރުގަންނަ ވަރުގެ އެއްވެސް ކަމެއް ނެތްކަމުގައި ވެސް މޫސަ ވިދާޅުވިއެވެ.

ރޭގެ ޖަލްސާ ގައި އަސްލަމް ޝާކިރު ވިދާޅުވީ އަދާލަތު ޕާޓީ އާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން، އައްޑޫގައި ބަހައްޓާފައިވާ ސަރކް ގައުމުތަކުގެ މޮނިއުމަންޓްތަކާ ބެހޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށާއި، އެ މޮނިއުމަންޓްތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާޑުކިޔަމުންދާ މޮނިއުމަންޓް ބަހައްޓާފައިވާ ޕާކިސްތާނަކީ އިސްލާމްދީން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ، ދިވެހިން ދީނީ ގޮތުން ގަދަރުކުރާ ގައުމެއް ކަމަށެވެ. އެހެން ކަމުން ޕާކިސްތާނުގެ އެ ހަދިޔާ ދީނާހިލާފު އެއްޗަކަށް ވެގެން ނުވާނޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން އަދާލަތުން ދައްކަމުން އަންނަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.