ނޫސްބަޔާން: މަޖިލީހުގައި މިހާރު ހިނގަމުންދާ ބައެއް ކަންތައްތަކާއި ގުޅިގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ނޫސް ބަޔާން

ކާށިދޫ ދާއިރާގެ ގޮނޑިއާއި މެދު އުފެދުނު ހިޔާލުތަފާތުވުންތަކާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމަށްފަހު، ސްޕްރީމް ކޯޓްގެ ހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ކުރިއަށް ގެންދާން ފެށުނުކަމީ މިޕާޓީން ނުހަނު އުފާކުރާކަމެކެވެ. ނަމަވެސް ކާށިދޫ އަދި ގާފަރުގެ ރައްޔިތުންގެ ބަހެއްނެތި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތައް ނިންމަން ޖެހިފައިވާކަމީ މިޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ.
ސަބަބެއްނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމަކީ އެއްއިރެއްގައިވެސް މިޕާޓީން ތާއީދުކުރާ އަދި ޤަބޫލުކުރާނޭ ކަމެއްނޫނެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު ބިލްތައް ވީ އެންމެއަވަހަކަށް ނިންމާ، ރައްޔިތުންނަށް އެކަމުގެ ފައިދާއާއި ލާބަ ލިބުމަކީ މިޕާޓީން އިންތިހާ ދަރަޖައަށް ބޭނުންވާ ކަމެކެވެ. އިޤްތިސާދީ އިސްލާހީ އެޖެންޑާގެ ބިލްތަކާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ބޭނުންވާނެ ބިލުތައް ހުއްޓުމަށްޓަކައި، ބައެއް މެންބަރުން ރާވައިގެން މަޖިލިސް ހަލަބޮލިކޮށް މަސްލަހަތު ނަގާލާ، ދައުލަތުގެ މުދަލަށް ގެއްލުންދީ، ހިންގާ ނާތަހުޒީބު އަމަލުތައް މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އަޅުގަނޑުމެން އެދެނީ، ރައްޔިތުންގެ ހައްޤުތައް ދެމެހެއްޓުމަށްޓަކައި މިޕާޓިގެ ފަރާތުން ކުރާ އިޚްލާސްތެރި މަސައްކަތަށް އެއްވެސް ސަބަބެއްނެތި ހުރަސްއެޅުމަށް އިދިކޮޅުފަރާތްތަކުން ހިންގާ ޒިންމާދާރުކަންކުޑަ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލާ، ރައްޔިތުންގެ ލާބައަށް މަސައްކަތް ކޮށްދެއްވުމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިދާރާ

21 ނޮވެމްބަރ 2011