މެންބަރުންގެ ޚިޔާލު: އިދިކޮޅު ފަރާތްތަކުގެ ނިޔަތަކީ ސަރުކާރު ވަށްޓާލުން އެކަންޏެވެ.

ފުނަމާ

ޕާކިސްތާނުފަދަ ގަދީމީ އިސްލާމީ ހަޟާރަތެއް އޮންނަ ، އަދި ރާއްޖެއާއި ގާތަގުޅުމެެއް އޮންނަ އިސްލާމީ ގައުމަކުން ރާއްޖޭގައި ސާކުސަމިޓާއި ގުޅިގެން ގެހެއްޓި މޮނިއުމަންޓެއްގެ މައްސަލަ މިހާބޮޑުކޮށް ދީނީ ހަމަނުޖެހުމަކަށް މިގައުމުގެ ރައްޔިތުން ވައްޓާލުމަސް މިއަދު ދީނީގޮތުން ހައްދު ފަހަނަ އަޅާފައިވާ ބަޔަކާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިކުރަމުން ގެންދާ މަސައްކަތް ތަކަށް ބަލާލުމުން އެނގި ހާމަވަނީ އެންމެ ކަމެކެވެ. އެއީ މިކަމުގެ ބޭނުމަކީ މިކަން ބޮޑުކޮށްގެން ނަމަވެސް މިއުޅެނީ ސަރުކާރު ވަށްޓާލަން ކަމެވެ.

ޝައްކެއްވެސް ނެތެވެ. މިގައުމުގެ ގާނޫނުއަސާސީއާއި ޚިލާފު އަދި ، ދީނީގޮތުން މައްސަލައެއް އުފެދޭނެ އެއްވެސް އެއްޗެއް މިގައުމަށް އެތެރެ ކުރުމަކީ ދިވެއްސަކަށް ވީތީވެ އަޅުގަނޑުވެސް ގަބޫލުކުރާ ކަމެއް ނޫނެވެ. އެގޮތުން އަދި، އަޅުކަން ކުރުމަށް ނޫންނަމަވެސް ފާޑުފާޑުގެ ބުދުތައް މިގައުމުގައި ބެހެއްޓިފައި ހުރިހުރުމަކީ އަޅުގަނޑު ނޫނަސް ކިތަންމެ ބަޔަކު އެކަމާ ހިންހަމަ ނުޖެހިދާނެ ކަމެކެވެ. އެކަމަކު ކޮންމެ ކަމެއް ރަނގަޅު ކުރެވޭނީ ތަޅާފޮޅައިގެން ނޫންކަން އެނގޭން އެބަޖެހެއެވެ.

މިވަގުތު އައްޑޫ ސިޓީއާއި އެސަރަހައްދުގައި ހިމެނޭ ފުއައްމުލަކުގައި ސަރުކާރުން ފައްޓާފައިވާ ކިތަންމެ މަސައްކަތަކަށް މިކަމުން ހިޔަނި އެޅިގެން އެބަދެއެވެ. ހަމަ އެހެންމެ މިގޮތައް ގަޑުބަޑު އުފައްދައިގެން އައްޑޫއަށް ސަރުކާރުން މިކޮށްދިންހައި ކަމެއްގެ އަގުވަށްޓާލުމަކީވެސް އިދިކޮޅު މީހުންގެ ބޭނުމަކަށް ވެދާނެއެވެ. ރާއްޖޭގެ ޚާއްސަކޮށް މާލޭގެ ބައެއް ފިހާރަތަކަށް ވަންނައިރު އެފެންނަ ތަފާތު ބުދުތަކަކީވެސް ހަމަ ބުދެވެ. ބުދަށް އަޅުކަން ކުރާ މީހުން ތަފާތު އެކި ސޫރަތަކަށް ބުދު ހަދައިގެން އަޅުކަންކުރާކަން އެބައެނގެއެވެ. ވީއިރު މިފަދަ އެއްޗިއްސަށްވެސް އިހުތިރާމުކުރާ ބަޔަކު ތިބެދާނެތާއެވެ. އެކަމުން އަގީދާ ފަސާދަވެސް ވެދާނެއެވެ. އެހެނީ މިއިދިކޮޅު މީހުން މިދައްކައި ދޭން މަސައްކަތް ކުރަނީ ދިވެހީންނަކީ އަށެއްކަ ސަތޭކަ އަހަރުގެ އިސްލާމީ ތާރީޚެއް އޮތް ބައެއް ކަމުގައި ވީނަމަވެސް ދީނީ އަގީދާ ބަލިކަށިވެ ކިރިޔާ ހިތަންޏެއް ވެލިޔަސް އެހިޔަންޏަށްވެސް އަޅުކަން ކޮށްފާނެ ބައެއް ކަމެވެ. މިހާބަލިކަށި އަގީދާއެއްގެ ވެރި ބަޔަކަށް ވިއްޔާ ފޮޓޯގަނޑެއްވެސް ދައްކާން ހެޔޮނުވާނެތާއެވެ. ދީންދޫކޮށްލަ ފާނެއެވެ.

ގައިމުވެސް ހެދުމާ އެއާ ގުޅޭ ބައެއް ސާމާނު ވިއްކާ ފިހާރަތަކުގައި ކުރީއްސުރެވެސް ހުންނަ ބުދުތައް އެބަފެނެއެވެ. އޮރިޔާން ކާޑާއި އެމާނަ ހިމެނޭ އެއްޗެތި ރާއްޖެ އެތެރެ ކުރުމަކީމެސް މަނާކަމެކެވެ. އެކަމަކު އެހެރީތާއެވެ. ފާޑުފާޑުގެ ޓީވީ ޗެނަލުތަކުން ބުދަށް އަޅުކަން ކުރާމަންޒަރު ދައްކަމުން ބުދުދީނާއި އެހެނިހެން ދީންތައް ޕުރޮމޯޓު ކުރުމަށް ކުރާ މަސައްކަތްތައް ހަމަ އެބުނާ ދީނީ ދަންނަބޭކަލުންނަށާ ނުދަންނަ ބޭކަލުންނަށްވެސް ފެންނާނެތާއެވެ. ކޮންމެ ގެއެއްގައި އެއަރޓެލްއެއް ނޫނީ އެކަހަލަ ކޮންމެވެސް އެއްޗެއް ނޫނީ ކޭބަލްޓީވީގެ ޒަރީއާއިން ނަމަވެސް އެގެންދަނީ މިފަދަ ޕުރޮގުރާމުތައް ސައްވީސް ގަޑިއިރު ބަލަމުންނެވެ. މައްސަލައަކަށް ނުވެއެވެ. އަގީދާވެސް ބަރާބަރެވެ.

މުޅި ދުނިޔޭގަވެސް މިއަށްވުރެ ފުރިހަމަ މުސްލިމު ގައުމެއް ނެތްކަމުގައި މިތިބަ ދައުވާ ކުރަނީއެވެ. ޕާކިސްތާނާއި މިސުރުގައި އެތިބަ ބޮޑެތި ޝޭޚުންނަކީވެސް މިގައުމުން އިސްލާމީ ތައުލީމު ހާސިލް ކޮށްގެން އުޅޭ ބައެކޭ މިހާރު އެބަހީވެއެވެ. އެމީހުންނަށްވުރެ ބޮޑަށް ދީންއެނގެނީ މިގައުމުގައި މިއުޅޭ ހައެއްކަ ތުނބުޅިލީ މީހުންނަށެވެ. އެކަމަކު މިމީހުންގެ ހާލުހުރި ގޮތަކީ ޓިންޓިން އެޑްވެންޗަރސްގެ ކޮމިކެއް ފެނުނަސް އަގީދާ ބަލިކަށިވެ އެކޮމިކުގައިވެސް ހުޅުޖަހާފާނެއެވެ. ނަބީބޭކަލުން ގައުމުތަކަށް ދަތުރު ކުރެއްވީ ޕާސްޕޯޓުގައި ކަމުގައި ނުވާތީވެ ޕާސްޕޯޓެއްނެތި ބޭރުގައުމުތަކަށްދާން މަތިންދާ ބޯޓަށް އެރުމަށް އެއަރޕޯޓު ހިފަންވެސް ހިނގައިދާނެއެވެ. މައްކާއާއި މަދީނާގައި މީގެ ސާދަ ގަރުނު ކުރީން އިންޖީނުލީ އުޅަނދު ނުގެންގުޅޭތީވެ ގައުމުގައި ހުރިއްޔާ ހުރި ވެހިކަލެއްގައި ހުޅުޖަހާން ދުވެފާނެއެވެ. މިގައުމުގެ ވަޒީރަކަށް އަންހެން ބޭފުޅަކު ހުރިއްޔާ މަގުމައްޗަށް ނެރެ ހުޅުޖަހަންވެސް އުޅެފާނެއެވެ. މިއީ މިވެރީންގެ އަގީދާގެ ވަރުގަދަކަން ކަމުގައި ބުނެ ޕުރޮމޯޓު ކުރަން އެއުޅެނީތާއެވެ. ފޮޓޯނެގުން ހަރާމޭ ގޮވަމުން ކެމްޕޭނެއް އަތުވެއްޖިއްޔާ އަމިއްލަފޮޓޯ ނަގައިގެން ވޯލްޕޭޕަރ ހެދީމައި ހަމައެންމެ ރަނގަޅެވެ. މީހެއްގެ އަންބަކު ގަދަކަމުން ވަރިކުރުވިޔަސް މިމީހުން ކޮށްފިއްޔާ ހަލާލެވެ. .

މިއަދުވެސް މިސަރުކާރުން ކުރީގައި ވެރިކަންކުރި ކަލޭގެގެ ބުދެއް މާލެއާއި މިގައުމުގެ ކޮންމެ ރަށެއްގެ ކޮންމެ ހަތަރު އަނގޮޅިއެއްގައި ބެހެއްޓިޔަސް އެވަށާ ތޮވާފުކުރާނެ ލައްކަގިނަ ތުނބުޅިލީ މީހުންވެސް ތިބޭނެއެވެ. އަދި އެކަން ރަނގަޅުވެސް ވާނެއެވެ. ދޮލަނގުގައި އަސުރުމާ އަތުރައިގެން ކާށިހިފައިގެންގޮސް ” ތިއައީ ޒައީމޭ ބޮޑުގަނޑުވަރުގެމަތީން ގާއުކަމުން ގެންދާ ” ކިޔަމުން ފައިތިލައިގެ މަތީގައި ކާށިވެސް ޖަހާނެއެވެ. ގޯސްމިވަނީ މިސަރުކާރުން އެމީހުންނަށް ވެރިކަން ނުދީ ، ވެރިކަމުގައި ތިބޭތީއެވެ. އެކަމަކު އަހަރެމެން ދަންނަ ގޮތުގައި ވެރިކަމަކީ ﷲތައާލާ މިންވަރު ކުރެއްވި އަޅަކަށް، މިންވަރުކުރެއްވި އިރަކުން ދެއްވާ ކަމެކެވެ. އަނެއްކާ ވެރިކަން ބޭނުންވެގެން އުޅުމަކީ ހަރާމް ކަމެކޭވެސް ބުނެ އެއުޅެނީ އެމީހުންނެވެ. ކުރީންކީ އެމްޑީޕީން އުޅެނީ މިގައުމުގައި ނަސޯރާދީން ފަތުރަން ކަމުގައެވެ. މިހާރު ގޮވަނީ ބުދުދީން ފަތުރާ ވާހަކައެވެ. މިޕުރޮޕެގެންޑާ ފަތުރަން މިހާރު އިތުރު ވެބްސައިޓުތައްވެސް ހަދައިފިޔޯލައެވެ. އެކަމަކު ދެން މީހުންނަށް ގަބޫލުކުރާން ފަސޭހަވާނީވެސް ދެފަހަރު އެއްގޮތައް ދައްކާ ވާހަކައެވެ. އިދިކޮޅު މީހުންގަނޑު ކުޑަގިފިލި ނުހިފިގެން މިތެޅި، ފޮޅެނީ ވެރިކަން ވައްޓާ ނުލެވިގެންނެވެ. އެހެން ނިޔަތެއް ނެތެވެ.