ނޫސް ބަޔާން: މިއަދު ބައިލެކްޝަންސް ބޭއްވި ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެމްޑީޕީ ކާމިޔާބު ކުރުމާ ގުޅިގެން އެމްޑީޕީން ނެރޭ ބަޔާން

mdp-logo

މިއަދު ލޯކަލް ކައުންސިލް އިންތިޚާބުގެ ބައި އިލެކްޝަންސް ބޭއްވި 3 ގޮނޑި ކަމަށްވާ އއ.ހިމަންދޫ ކައުންސިލާއި، ފ.އަތޮޅު ކައުންސިލްގެ ބިލެތްދޫ ދާއިރާ އާއި ޏ.އަތޮޅު ކައުންސިލްގެ މެދު ދާއިރާގެ ގޮނޑީގެ ތެރެއިން އއ.ހިމަންދޫ ރަށު ކައުންސިލްގެ ގޮނޑިއާއި، ފ.އަތޮޅު ކައުންސިލްގެ ބިލެތްދޫ ދާއިރާގެ ގޮނޑި އެމްޑީޕީ ކާމިޔާބު ކުރިކަން އުފަލާއި އެކު ފާހަގަ ކުރަމަވެ.

މިކާމިޔާބީގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދުމުގައި މަސައްކަތްކުރެއްވި މިދާއިރާ ތަކުގެ އެންމެހާ މެމްބަރުންނާއި، އެމްޑީޕީ ގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި އެދާއިރާތަކުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެމްޑީޕީގެ ފަރާތުން ޝުކުރުދަންނަވަމެވެ. މި ބައިއިލެކްޝަންސް ގެ އެންމެހައި ކަންތައްތަކުގައި މަސައްކަތްކޮށް ދެއްވި މިޕާޓީގެ އެންމެހާ އިސްފަރާތްތަކާއި މިދާއިރާތަކުގެ އިސްވެރިންނަށް ޝުކުރު ދަންނަވަމެވެ.

އަދި މިބައި އިލެކްޝަންގައި ގޮނޑި ކާމިޔާ ނުކުރެވުނު ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެދު ދާއިރާގެ ކެންޑިޑޭޓަށް ގޮނޑި ކާމިޔާބު ނުކުރެވުނު ކަމުގައި ވިޔަސް މި ބައިއިލެކްޝަންސްގައި އޭނާ ހޯއްދެވި ކާމިޔާބީ އަކީ ވޭތުވެދިޔަ ހުރިހާ އިންތިޚާބުތަކާއި އަޅާބަލާއިރު، ނިސްބަތުން އެމްޑީޕީ އަށް ރަނގަޅު ނަތީޖާ އެއް ހާސިލް ކުރެވިފައިވާ، އަދި މި ބައިއިލެކްޝަންގައި ވާދަކުރި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޑީއާރުޕީ ވަރަށް ބޮޑު ތަފާތަކުން ބަލިކުރެވިފައިވާ ނަތީޖާ އެއް ނެރެވުނު އިންތިޚާބެއްކަން ފާހަގަ ކުރަމެވެ.

މި ބައިއިލެކްޝަންސް ފުވައްމުލަކު ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ހައިސިއްޔަތުން ކުރިމަތިލެއްވި ކެންޑިޑޭޓެއްކަމަށް ވާއިރު މިދާއިރާގައި އެމްޑީޕީ އާއި ވާދަކުރެވޭނެ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމާއި 2013 ގެ އަމާޒުތަކަށް އެމްޑީޕީ ދަތުރު ކުރަމުންދާ މިސްރާބާއި، މިޕާޓީ އަށް ސިޔާސީ ގޮތުން ޙާޞިލްކުރެވެމުންދާ ކުރިއެރުން އުފަލާއެކު ފާހަގަ ކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް