ޏ.އަތޮޅު ކައުންސިލް އާއި، ފ.އަތޮޅު ކައުންސިލް އާއި ހިމަންދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިޔަށް އެބަދޭ

އިބްރާހީމް ރާމިޒް

local-council-votelun

ޏ.އަތޮޅު ކައުންސިލުން ހުސްވެފައިވާ ފުވައްމުލަކު މެދު ދާއިރާ އަށް މެންބަރުކަމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުމާއި، ފ.އަތޮޅު ކައުންސިލް އިން ހުސްވެފައިވާ ބިލެތްދޫ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނާއި، ހިމަންދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިޔަށް އެބަދެއެވެ.

ވޯޓުލާން ފަށާފައިވާއިރު ހިމަންދޫ ކައުންސިލްގެ ބައި އިލެކްޝަން ފިޔަވާ އަނެއް ދެ ދާއިރާގައި ކޮންމެ ދާއިރާއަކުން ތިން ކެންޑިޑޭޓަކުން ބޭފުޅުން ވާދަކުރެ އެވެ. ހިމަންދޫ ދާއިރާއިން ވާދަކުރަނީ ދެ ކެންޑިޑޭޓެކެވެ.

އެއްފަސްގަނޑަކަށް އޮންނަ 2 ފަޅުރަށާއި، ފުވައްމުލަކުގެ މައްޗަށް އެކުލެވިގެންވާ ޏ. އަތޮޅު ކައުންސިލްގެ ފުވައްމުލަކު މެދުދާއިރާ ގައި ވާދަކުރާ ކެނޑިޑޭޓުންނަކީ، ޑީއާރްޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް މިސްކިތްމަގު ލިލީގެ، މުޙައްމަދު ޢަލީ އާއި, އަމިއްލަ ގޮތުން ކުރިމަތި ލެއްވި މާލެގަމު ހުނުބޮލި، ޢަބްދުﷲ މުޙައްމަދު ދީދީ އާއި، އެމްޑީޕީ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް މާލެގަން، ސެންޓުގޭ މުޙައްމަދު ޢަބްދުﷲދީދީ އެވެ.

ފ. އަތޮޅު ކައުންސިލް ބިލެތްދޫ ދާއިރާގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ވެސް އެއަތޮޅު ފީއަލީން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް ފީއަލީ އަތިރީގެ، އިބްރާހީމް ނަޢީމްއާއި، ޖުމްހޫރީ ޕާޓީ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް ފީއަލީ ދުއްލިސާގެ، މުޙައްމަދު މުޞްޠަފާ އާއި، އަމިއްލަ ގޮތުން ކުރިމަތި ލާފައިވާ ފީއަލީ ހިރުނދުމާގޭ، ޢަލީ ޒާހިރު އެވެ.

އއ. އަތޮޅު ހިމަންދޫ ކައުންސިލް ދާއިރާގައި ވާދަކުރާ ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން، ކުރިމަތިލާފައިވާ ހިމަންދޫ ނޫމަރާގޭ، އަފްރާޙު ޢާދިލްއާއި އެމްޑީޕީގެ ފަރާތުން ވާދަކުރާ އެރަށު، ފައިންޑޭޝް، ޝިމާލު އިބްރާހީމެވެ.

މި 3 ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން އެ ދާއިރާތަކުގައި ކުރިޔަށް ދާއިރު، މާލޭގައި ވެސް ވަނީ 2 ވޯޓު ފޮށި ބެހެއްޓިފައެވެ. އެގޮތުން މިވަގުތު މާލޭގައި ތިބި މި ދާއިރާތަކުގެ މީހުންގެ ތެރެއިން ފުވައްމުލަކު މެދުދާއިރާއަށް ވޯޓުލުމަށް އިލެކްޝަންސް ގައި ރަޖިސްޓްރީކޮށްފައިވާ މީހުން ވޯޓުލުމަށް މާލޭގައި ވަކި ފޮއްޓެއް ބެހެއްޓިފައިވާއިރު، ހިމަންދޫ އާއި ބިލެތްދޫ ދާއިރާގައި ހިމެނޭ ބިލެތްދޫ، ފީއަލި އަދި މަގޫދޫ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް ވޯޓުލުމަށް މާލޭގައި ވަނީ ވޯޓުފޮއްޓެއް ބެހެއްޓިފައެވެ.