މެންބަރުންގެ ޚިޔާލު: މިއުޅެނީ ހަމަ އިސްލާމްކަން ގަދަވެގެން ހެއްޔެވެ، ނޫނީ ގައުމު ފަސާދަ ކުރާން ހެއްޔެވެ؟

ފުނަމާ

ދާދި ފަހުން ދުނިޔޭގައި އެންމެ ބިރުވެރި ޖަލެއް ކަމުގައި ބުނެއުޅޭ ގުއަންޓަނާމޯބޭ ޖަލުގައި އަނިޔާ ލިބެމުންދިޔަ މުސްލިމު އަޚެއް ސަލާމަތްކޮށް ދިވެހިރާއްޖެއަށް ގެނައުމަށް ދިވެހި ސަރުކާރުން ވާހަކަ ދައްކާލިއިރަށް ބަޔަކު ނުކުމެ އެމީހާއަށާއި ދިވެހި ސަރުކާރަށް ނުގޮވާކަށް ހަމަ އެކައްޗެއްވެސް ނެތެވެ. އެއިރުވެސް އެކަމުގައި ދުނިޔެއިން މޮޔަވެގެން ދުވުނު މީހުންގަނޑު އަނެއްކާ މިއަދު ނުކުމެ މިގަންނަނީ ކޮންގަނޑެއް ހެއްޔެވެ؟
ކުރީގެ ސަރުކާރުން ބުދުއެތެރެކޮށް ބުދުކޯލު ހަދައި ބަޔަކު އޭގެ ވަށައިގެން އަޅުކަން ކުރުވައި ދިވެހިފަސްގަނޑެއްގައި ބުދުދީން ފެތުރިއިރު އެވަރުގެ މޮޅު ކަމެއް ނެތިގެން އެކަމުންވެސް ދިވެހިން މަޝްހޫރުވެގެން ދިޔަކަމުގައި ބުނިމީހުން މިއަދުވެސް އެތިބީއެވެ. ރިޔާސީ ގަނޑުވަރުގެ ތެރޭގެ އަރިސް ބޮޑަކު އޭނާގެ މަރުކަޒެއްގައި މަސައްކަތް ކުރަމުން ގެންދިޔަ ބަަޔަކު މެދުވެރިކޮށް މުޅިރާއްޖޭގައި ނަސޯރާދީން ފަތުރަމުން ގެންދިޔައިރު އެއީވެސް ދުށީ މޮޅުކަމެއް ކަމުގައެވެ.
މުޅިރާއްޖޭގެ ކަންކޮޅުތަކުގައި ދިޔަބޮޑުވާހާ މިންވަރަށް ބަނގުރާ އެތެރެކޮށް މިހުރިހައި ޒަމާނު އެބޮއެގެން ބަޔަކު މަސްތުވެ ބަރަހަނާ ހާލުގައި ދެމިފައިތިބިއިރުވެސް މުސާރަދީފައިތިބި މުދިމުން މިގައުމުގެ މިސްކިތް ތަކުގައި ގަޑިން ގަޑިއަށް ބަންގިގޮވާ އަޑުއިވެއެވެ. އަދި ޚާއްސަކޮށް ރިސޯޓުތަކުގައި ކުރިސްމަސް ފާހަގަކޮށް ހަދަމުން ގެންދިޔައީ މަގުމަތީގައި ސަރުކާރުވައްޓާލަން ގޮވަމުންދާ މީހުންނަށް ނޭނގި ހެއްޔެވެ؟ ގޭގޭގައި މަސައްކަތް ކުރާން ގެނެސްގެން މިއުޅޭ ޣައިރު ދީންތަކުގެ މީހުން އެގޭގޭގެ ތެރޭގައި އެމީހުން ގެންގުޅޭ ކަލާނގެ ތަކަށް އަޅުކަން ކުރާކަން މިމީހުންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ މިރާއްޖޭގެ އެކިކަންކޮޅު ތަކުގައި ކުރީން އުޅުނުމީހުން އަޅުކަންކުރި މުދުތަކާއި އެފަދަ ތަކެތި މިއަދާ ހަމަޔަށްވެސް މިހުރީ ، ފަހެ މިގައުމު އިސްލާމްވި ކަމުގައި މިބެލެވެނީ އިއްޔެ ހެނދުނު ހެއްޔެވެ؟ މަދު ފިހާރައެއްގައި މެނުވީ ފާޑުފާޑުގެ ބުދު އެބަހުއްޓެވެ. ރާއްޖޭގައި ހެދިފައިވާ ނިކަގަހާއި މިނޫންވެސް އެފަދަ ބައެއް ގަސްގަހަށް މިގައުމަށް އަންނަ ބައެއް މީހުން އަޅުކަން ކުރާކަން މިމީހުންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ މަގުމަތީގައި ސޮލީބު އަޅައިގެން މިއުޅޭ ޒުވާނުން ނުފެނޭ ހެއްޔެވެ؟ ކުރީގެ ވެރިމީހާ ދެފާދިރީންގެ ވެރި ސޮލީބު ތަވީދެއްހެން އަޅައިގެން އުޅުނުތަން ނުދެކެން ހެއްޔެވެ؟ މިއަދަކު މިއުޅެނީ ފަހެ އަލުން ދުނިޔެއެއް ފެނިގެން މޮޔަވެގެން ހެއްޔެވެ؟
ނޫނެކެވެ. މިވާ ގޮތަކީ އަތުން ބީވެދިޔަ ވެރިކަން ނުލިބިގެން ދުނިޔެއިން މޮޔަވަނީއެވެ. ހިތްދަތިވެ ހާސްވަނީއެވެ. މިސަރުކާރުގެ ވައުދުތައް ފުއްދި ރައްޔިތުންގެ ތާއީދު ބޮޑުވަމުން ދިއުމުގެ އިތުރުން ބޭރުދުނިޔޭގައިވެސް މިސަރުކާރަށް އޮތް ތާއީދާއި ، ސަރުކާރުން ކުރަމުން ގެންދާ މުހިންމު ކަންކަން އެންމެހައި މީހުން ބަލައިގަންނަ މިންވަރާއި ކާމިޔާބުވަމުންދާ ކަންކަން ފެނިގެން ދުނިޔެއިން މޮޔަވަނީއެވެ. މީގެކުރީން މިރާއްޖޭގައި އިސްލާމް ދީނަށް ދެވުނު ގަދަރު އެންމެ ރަނގަޅަށް ދައްކައިދިނީ މައުމޫނުގެ ވެރިކަމުގައި ދީނީ އިލްމުވެރީންގެ ތުނބުޅިއާއި އަޅައިގަނެގެން ޗިލީސޯސް ޖަހައި ބާލައި އުކާލުމުންނާއި ، ހިމަންދޫގެ އަޚުންނާއި އުޚުތުން ރޯދަމަހު އިއުތިކާފުގައި ތިބޭނެ ތަނެއް ސަރުކާރުން ނުދީގެން އަމިއްލަ މީހެއްގެ ގޭގައި މިސްކިތެއް އަޅައި އެތަނުގައި އިއުތިކާފަށް ތިބޭތަން ބަލާންނުކެރިގެން އެމީހުންނަކީ ޓެރަރިސްޓުން ކަމުގައި ހަދައި ގުދާރުތައް ބިންދާލައިގެން ކަމުގައި ދެކިއުޅުނު މީހުން މިއަދު މާފުއްޕާފައި މަގުމައްޗަށް ނުކުމެ ﷲ އަކްބަރު ގޮވަމުން ދުވުނަކަސް އެކަމެއް ގިނަބަޔަކު ގަބޫލެއް ނުކުރާނެއެވެ. އެވެސް ދިވެހީންނަށްވުރެ މުއްސަނދި އިސްލާމީ ތާރީޚެއް އޮތް މުސްލިމު ގައުމަކުން ތާކު ބެހެއްޓި މޮނިއުމަންޓެއް ފެނިގެންނެވެ. މިގައުމުގައި ދިވެހީންގެ ވާހަކަޔޭ ކިޔައިގެން މައުމޫނު މާލޭގައި ބުދުކޮއިލު ހަދައިގެން ހާމުދުރުންގެ ހެދުން އަޅުވައި ބޯބާލައިގެން ކުޅިކުޅުނުތަން ދުށް ދިވެހީން މަދެއް ނޫނެވެ. އެހެންވީއިރު މިއުޅެނީ އަލަށް މާބޮޑު ކަމެއް ވެގެން ހެއްޔެވެ؟ ނޫނީ ހަމަ ހެދިގެން ހެއްޔެވެ؟ ތިޔަމީހުން ތާއީދުކުރާ އިސްލާމީ ވެރިކަން ހިނގާ ގައުމުތަކުގެ ތެރެއިން މިސުރާ ލީބިޔާ އަދި މިއަދުވެސް އަރަބި ބަހާރުގެ އެކިއެކި ގައުމުތަކުގައި ތިމީހުން ތާއީދުއެކުރާ ވެރީން އެމީހުންގެ ރައްޔިތުންގެ ތެރެއިން ވެރިކަމާ އިދިކޮޅަށް ބަސްބުނާ މީހުންގެ ތެރެއަށް ބަޑިޖަހައި ދުވާލަކު އެތަކެއް ސަތޭކަ މީހުން މަރަމުން ގެންދަނީވެސް ﷲ އަކްބަރު ގޮވަމުންނެވެ. އެހެނެއް ކަމަކު މިއަދު މިސަރުކާރަކީ އޯގާތެރި ސަރުކާރެކެވެ. އެކުޅި ކުޅުވަން ނޫޅޭށެވެ. އެއީ ނަމޫނާ ކަމުގައި ދައްކައިގެން އުޅެން ނުހަދާށެވެ. އަދި ﷲއަކްބަރު ގޮވަމުން ދުނިޔޭގައި ޓެރަރިސްޓުން މުސްލިމުން ބަދުނާމުކުރާން އެކުޅޭ ކުޅިގަނޑު ދަސްކޮށްގެން އައިސް ފައިން ލޮނުވެލި ނުހިކެނީސް މިގައުމުގައި އެކުޅި ކުޅެން ނޫޅޭށެވެ. ﷲގެ ނަންފުޅުގަނެ ތަކުބީރު ކިޔުމަކީ މަކަރުވެރި ކަމާއެކު ނުކުމެ ގައުމެއް ފަސާދަ ކުރާން އުޅޭ ބަޔަކަށް ޖާއިޒުވެގެން ވާނެ ކަމެއްވެސް ނުމެނޫންމެއެވެ. ދިވެހީން އެކަމަކަށް ތަރުހީބެއް ނުދޭނެއެވެ. ފަހަރެއްގައި ދުނިޔޭގައި ކަންހިނގާގޮތާއި އިސްލާމީ ތާރީޚަށް ލޯބޯ ކޮށި ވެފައި ތިބި ބަޔަކާއި ، މަދު ލާރިކޮޅަކަށް ވިކިގެން އުޅޭ ބަޔަކު ފަހަތުގައި މިއަދު ތިބިނަމަވެސް މާދަމާ އެކަމެއްވެސް ނޯންނާނެއެވެ. ބޭޒާރުވެ ނިމިދާނެއެވެ.
މިގައުމުގައި މުޒާހަރާ ކުރީ ކޮންބައެއް ކިހިނެއްވެގެންކަން އަމުދުންނޭނގި އެކަމަކު އެބަޔަކު އެހެން އުޅެގެން ދައްޖާލީ ވެރިކަން މުލުން ލުހެލިކަން އެނގިފައި އޮތީމައި ތިމަންނާމެންވެސް އެހެން އުޅޭނަމޭ ހީކޮށް ތެޅިފޮޅުނަކަސް އަދި އެކަން ވާނެކަމުގައި ގަބޫލުކުރާ ގިނަމީހުންނެއް މިގައުމަކު މިހާރަކު ނެތެވެ. އެއަށްވުރެ މިސަރުކާރުގެ ދީލަތިކަމާ މުރާލިކަން އަދި ، އިޚުލާސްތެރިކަން މިއަދު މީހުން ދަނެއެވެ. މިއުޅޭ ބަޔަކު މިއުޅެނީ ހަމަ އެމީހުންގެ އިސްލާމްކަން ގަދަކަމުގައި ދައްކާން ހެއްޔެވެ؟ ނޫނީ މިގައުމު ފަސާދަކޮށް ފުނޑާލަން ނިޔަތް ގަނެގެން ހެއްޔެވެ؟ މުސްލިމުކަން ގަދަނަމަ މިސްކިތްތައް އެހެރީއެވެ. އަރައި ނުފައިބައި ތިބެގެން ތަކުބީރު ނުކިޔަނީ އަޅެކީއްވެ ހެއްޔެވެ؟ ބުދަކާއި އަޅައިގަނެގެން ތެޅިމަރުނުވެ ހަނުތިބެ ބަލާށެވެ. ކޮންމެ ކަމެއް ވާއިރަށް ޒުވާނުންގެ މުޒާހަރާއޭ ގޮވައި ނުކުމެ ކޮންމެ ކަމެއް ހާސިލްކުރަން ނޫޅޭށެވެ. މާދަމާ ދާރުލް އާސާރުގެ ކައިރީގައި މުޒާހަރާ ކޮށްލާއިރަށް އެތަނުގައި އެހުރި ކާބަފައިން އަޅުކަންކުރި ބުދުތައްވެސް އުކާލައި ދިވެހީންގެ ސަގާފަތެއް އޮތްކަންވެސް ނޭނގޭވަރު ކޮށްލަން ވީހެއްޔެވެ؟ އަނެއްދުވަހު ރިސޯޓުތަކަށް އަރައި ހަޅޭއްލަވާއިރަށް އެތަންތަން ބަންދުކުރާން ވީހެއްޔެވެ؟ ނުވާނެއެވެ. މިގައުމު ދެމިއޮންނާނެއެވެ. މިސަރުކާރުވެސް އޭގެ ދައުރުހަމަވެ ދާންދެން ﷲގެ މިންވަރުފުޅާ ދިވެހި ރައްޔިތުންގެ ތާއީދާއި އެކު ދެމި އޮންނާނެއެވެ. ވައުދުތައްވެސް އިރާދަ ކުރެއްވިއްޔާ ފުއްދައި ނިންމާނެއެވެ. ހިތްދަތި ވިޔަކަސް ކުރާނެ ކަމެއް ނެތެވެ. އިދިކޮޅު މީހުން މިއަދު ލައްވާ ޕީޕީއަކުން މިގައުމު ދެނެއް ދައްޖާލީ ، ޖައްބާރު ވެރިކަމަކަށް ތަރުހީބެއް ނުދޭނެއެވެ. ޓެރަރިސްޓުން ނަކަށްވެސް ފުރުސަތެއް ނުދޭނެއެވެ. އިސްލާމީ ރިވެތި އުސޫލުތަކާއި އެކުގައި ކުރިއަރައި ތަރައްގީ ވެގެންދާ މަންޒަރު މިދަނީ ފެންނަމުންނެވެ. ބުރެކި ޖައްސައިލާން ހިތުލައިގެން ނުކުތަކަސް އެކަމެއް ނުވާނެއެވެ.