ވިކްޓްރީގެ ޗެއަރޕާސަން ކަމަށް އީވާ ހޮވިވަޑައިގެންފި

އިބްރާހީމް ރާމިޒް

eva

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާޕަސަންގެ މަގާމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ރޭ އިންތިހާބުކޮށްފި އެވެ.

ގަލޮޅު މަދަރުސާގައި ރޭ އޮތް އެ ކުލަބުގެ މި ދައުރުގެ އިންތިޚާބީ ޖަލްސާގައި ޗެއާޕަސަންގެ މަގާމަށް އީވާ ހޮވިވަޑައިގެންފައިވަނީ ރޭގެ ޖަލްސާގައި ބައިވެރިވި 114 މެންބަރުންގެ އިއްތިފާގުންނެވެ.

ވިކްޓްރީގެ މި ދައުރުގެ ޗެއަރޕާސަން ކުރިމަތި ލެއްވީ ވެސް ހަމަ އެކަނި އީވާ އެވެ. ކަމަށް ވައިސް ޗެއާމަނުންގެ ގޮތުގައި އިންތިޚާބުވީ ކުރީގެ ވެސް ދެ ވައިސް ޗެއަރމަނުން ކަމަށްވާ 106 ވޯޓާއެކު އިންތިޚާބުވި، ލޯޖެހި އަހުމަދު މަނިކާއި 98 ވޯޓާއެކު އިންތިޚާބުވި، މުހައްމަދު ޙަމީދު (އުމަރުބެ) އެވެ.

ރާއްޖޭގެ ކުލަބެއްގެ ފުރަތަމަ އަންހެން ޗެއަރޕާސަން އަކަށް އީވާ ހޮވިވަޑައިގެންނެވި އިރު، ވިކްޓްރީގެ އެގްޒެކެޓިވް ބޯޑުގެ ޑިރެކްޓަރު ކަމަށް އިންތިޚާބުވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ކާށިދޫ ދާއިރާގެ ރައީސް (ދޮންބިލެތް) އަހުމަދު ޙަލީމާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސުޖާއު (ޗާންދަނީ ސުޖާ) އާއި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު ގ.ކެނެރީގޭ ޑރ.އިބްރާހީމް ނާޝިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ކުޅުންތެރިޔާ ޔޫސުފް ނައީމާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޮންމެ ދައުރެއްގެ ދިގުމިނަކީ 2 އަހަރު ދުވަހެވެ. އެހެން ކަމުން ކުރިޔަށް އޮތް 2 އަހަރު ދުވަހު އެ ކުލަބުގެ ޗެއަރޕާސަން ކަމުގައި ހުންނަވާނީ އީވާ އެވެ.