އއ. އަތޮޅު މަތިވެރި ކައުންސިލް އަދި ށ.އަތޮޅު ކައުންސިލުގެ ބައި- އިލެކްޝަން ބޭއްވުމަށް ހަމަޖައްސައިފި

އއ. އަތޮޅު މަތިވެރި ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި ށ. އަތޮޅު ކައުންސިލުން ހުސްވެފައިވާ މިލަންދޫ ދާއިރާގެ މެންބަރުކަމުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން ޑިސެމްބަރ 31 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި އެކަން އިޢުލާނުކޮށްފިއެވެ.

މިދެ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމުގެ މަޤާމަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި- އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2011 ނޮވެމްބަރ 15 ވާ އަންގާރަ ދުވަހުން ފެށިގެން 2011 ނޮވެމްބަރ 29 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ން ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގައި ކަމަށް އެކޮމިޝަނުން ވަނީ ހާމަކޮށްފައެެވެ. އަދި ހުކުރު ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:30 ން ހަވީރު 17:00 އަށް އިލެކްޝަންސް ކޮމިޝަނުގައި ކަމަށްވެސް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.