ފަނޑިޔާރުގޭގެ މައްސަލަ ހައްލުވެނިމުނީ އެއް ނޫން. މައްސަލަ ހައްލުކުރުމުގެ ފެށުންމީ – އިބުރާ

އިބްރާހީމް ރާމިޒް

– ޖުޑިޝިއަރީއަކީ ވެއްޓުނު ޑިކްޓޭޓރޝިޕްގެ އެއްބައިކަން ހަނދާން ނައްތައެއް ނުލާނަން – އިންތި

– މައުމޫނާއި ޢަބްދުﷲ ގާޒިއާ ގާތްގުޅުމެއް އޮންނަ ކަމަށް ޝައްކުކުރެވޭ – އަސްލަމް ޝާކިރު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމަކީ ފަނޑިޔާރުގޭގެ މައްސަލަ ހައްލުވެ ނިމުނީކީ ނޫން ކަމަށާއި، އެއީ މައްސަލަ ހައްލުކުރުމުގެ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން، އެޕާޓީގެ އަލަތު ރައީސް އިބުރާ ވިދާޅުވީ ޢަބްދުﷲ ގާޒީއާ ބެހޭ ގޮތުން އެތައް މައްސަލައެއް ހުށަހެޅިފައިވާ އިރު އަދި ބަލައި ނިމިފައި މިވަނީ އެންމެ މައްސަލައެއް ކަމަށާއި، އެ މައްސަލަވެސް ބަލައި ނިމުނީ އެހާގިނަ ދުވަހުން ކަމަށެވެ. އެހެން ކަމުން މިއީ މައްސަލަތައް ހައްލުކުރުމުގެ ފެށުން ކަމަށް އިބުރާ ވިދާޅުވިއެވެ. އިބުރާ އިތުރަށް ވިދާޅުވީ، ޢަބްދުﷲ ގާޒީގެ މައްސަލަތައް ބަލާ ނިމޭއިރު، ޢަބްދުﷲ ގާޒީއަކީ ފަނޑިޔާރުންގެ ގޮނޑީގައި އިނުމުގެ އަޚްލާޤާއި ޤާބިލްކަން ހުރި މީހެއް ނޫންކަން ހާމަވާނޭ ކަމަށެވެ.

އިބުރާ ވިދާޅުވީ ރައްޔިތުން އަޑުއުފުލުމުގެ މުހިންމުކަން މި މައްސަލައިން ސާބިތުވާ ކަމަށާއި،ޢަދުލު އިންސާފުގެ ދާއިރާ ފަސާދަވެދާން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.،

ޢަބްދުﷲ ގާޒީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިބުރާ މިއަދު ވަނީ ޖޭއެސްސީ އަށް ގޮވާލާފައެވެ.

މިއަދުގެ ނޫސް ކޮންފަރެންސް ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި، އެމްޑީޕީ ދިއްގަރު ދާއިރާގެ މެންބަރު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފައިނޭންސް އަސްލަމް މުޙައްމަދު ޝާކިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންތިގެ ވާހަކައިގައި ޢަދުލުއިންސާފް ގާއިމްކުރުމުގެ ދާއިރާ އަކީ ރާއްޖޭގެ ރައްޔިތުންނަށް އިތުބާރުކުރެވޭ ފަދަ މުޥައްސަސާ އަކަށް ވަންދެން މަސައްކަތްކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ އިރު، އެ ފަނޑިޔާރާ މެދު އިތުބާރު ނެތީސް، އެ ފަނޑިޔާރަކަށް މައްސަލަތަކުގައި ޙުކުމްކުރެވޭނޭ ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، އެހެން ކަމުން މިހިނދުން މިހިނދަށް ޢަބްދުﷲ ގާޒީއާއި މެދު ފިޔަވަޅުއަޅައި، އޭނާ މަގާމުން ވަކިކުރަން ޖެހޭނޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި އަދި ވިދާޅުވީ “ރާއްޖޭގެ ޖުޑިޝިއަރީ އަކީ ވެއްޓުން ޑިކްޓޭޓަރޝިޕުގެ އެއްބައިކަން އަދި ހަނދާން ނައްތާނުލައްވާ ކަމަށެވެ.

މި ނޫސް ކޮންފަރެންސް ގައި އަސްލަމް ޝާކިރު ވަނީ ޢަބްދުﷲ ގާޒީ އާއި ކުރީގެ ރައީސް މައުމޫނާ ގާތްގުޅުމެއް ވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޢަބްދުﷲ ގާޒީ އާ މެދު ތުހުމަތުކޮށް 2005 ވަނަ އަހަރު އޭރުގެ އެޓަރނީ ޖެނެރަލް ޑރ. ޙަސަން ސައީދު، މައުމޫނަށް ޝަކުވާގެ ސިޓީއެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އަސްލަމް ޝާކިރު ވިދާޅުވިއެވެ.