ޢަބްދުﷲ ގާޒީ ހިންގާ އެއްވެސް ޝަރީޢަތަކަށް އެއްވެސް ބަޔަކު އިހުތިރާމްނުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ގޮވާލައްވައިފި

އިބްރާހީމް ރާމިޒް

ސުލޫކީ މައްސަލަތަކެއް ހުރިކަމަށް ޖޭއެސްސީން ނިންމާފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު (ޢަބްދުﷲ ގާޒީ ) ހިންގާ އެއްވެސް ޝަރީޢަތަކަށް އެއްވެސް ބަޔަކު އިހުތިރާމްނުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މިއަދު ގޮވާލައްވައިފިއެވެ.

މިއަދު މެންދުރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި މޫސަ ވިދާޅުވީ ޢަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާއާ ދޭތެރޭ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމާފައިވާތީ އޭނާ ހިންގާ އެއްވެސް ޝަރީއަތަކަށް މިހާރު އިޙްތިރާމްކުރަން ނުޖެހޭނޭ ކަމަށެވެ. އަދި ޢަބްދުﷲ ގާޒީ އަކީ އަދުލު އިންސާފުގެ ކަންތައް ހިފެހެއްޓުމުގައި ރައްޔިތުން އަބަދުވެސް ތުހުމަތުކުރާ އެކަކު ކަމަށާއި، ދައުލަތުގެ 3 ބާރުވަކިކުރެވިފައިވާ އިރު، ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީ އަދުލުއިންސާފް ގާއިމްކުރުމުގެ ދާއިރާއާ މެދު ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އަދި އަދުލުއިންސާފުގެ ދާއިރާ ހަމަމަގަށް އެޅުވުމަށް އެމްޑީޕީން ނިކުތީ ރައްޔިތުންގެ މިފަދަ ޝަކުވާތައް ބޮޑުވެގެން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ޢަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެ ޖޭއެސްސީން އޭނާއާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވަމުން މޫސަ ވިދާޅުވީ އެމްޑީޕީން ގޮވިގޮވުމަށް އިޖާބަދީ ޖޭއެސްސީން ގާޒީއަކާ ދެކޮޅަށް ފިޔަވަޅުއަޅަން ނިންމީތީ އުފާކުރައްވާ ކަމަށާއި، ޢަބްދުﷲ ގާޒީ ނޫނަސް ކިތަންމެ ގާޒީއެއްގެ މިފަދަ އަޚްލާގީ މައްސަލަތައް އެބަހުރިކަމަށާއި، އެ މައްސަލަތައް ބަލައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއެޅުން އަވަސްކުރުމަކީ އަދުލުއިންސާފުގެ ދާއިރާ ހަމަމަގަށް އެޅުވުމަށް ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

ކުރީގެ ވެރިކަމުގެ ދުވަސްވަރު ޖަލުތަކުގައި އަނިޔާކޮށް މީހުން މަރާފައިވާ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރެވުނު އިސްތަފާ އިބްރާހީމް މަނިކު ދޫކޮށްލުމާއި، ދައުލަތަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތު ގައި ޝަރީޢަތް ހިންގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމްގެ މައްސަލަ ބޭއްވުމަށްފަހު، ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލަ ނިންމުމާއި، މަސްތުވާތަކެތީގެ ބޮޑުން ދޫކުރުންފަދަ މައްސަލަތަކުގައި ޢަބްދުﷲ ގާޒީ އަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭތީ ޤާނޫނީ ގޮތުން މި މައްސަލަތައް ބަލައި އޭނާއާ މެދު ފިޔަވަޅުއެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަށް ވެސް މޫސަ ގޮވާލެއްވިއެވެ.

“ރާއްޖޭގައި އަދާލަތު ގާއިމްކުރުމަށް އުފެއްދި އަދާލަތު ޕާޓީން” ޢަބްދުﷲ ގާޒީ ފަދަ ގާޒީންގެ ހިމާޔަތުގައި ނިކުމެފައިވާ ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީއަށް ވެސް މިއަދުގެ ނޫސް ކޮންފަރެންސް ގައި މޫސަ ވަނީ ފާޑުވިދާޅުވެފައެވެ.