މެންބަރުންގެ ޚިޔާލު: ގައުމު އެދިގޮވަނީ އިޚުލާސްތެރި ޚިދުމަތަށެވެ. ވަކިމީހަކަށް ނޫނެވެ.

ފުނަމާ

މީގެ ކުރީގައި ދިވެހީންކުޅަ ތަޖުރިބާ މިއަދުމިވަނީ ކަމުނުގޮސްފައެވެ. އެއިރު އެންމެންވެސް އެތިބެނީ އެއިރަކު ހުންނަ ވެރިއެއްގެ ފަހަތުގައި ސަނާކިއުމަށް އެކަންޏެވެ. ދުވަހަކު ވެރިޔަކު ގޯސްކަމެއް ނުކުރާނެއެވެ. މިއީ އެވެރީން އެއިރު ދައްކާ އުޅުނު ވާހަކައެވެ. އަދި ބުނަނީ ވެރިކަމަކީ ﷲ ދެއްވާ ކަމެކެވެ. އެކަމާ ނޫޅޭށެވެ. އެކަމަކު މިއަދު ވާހަކައާއި ގޮތްފާޑު މިވަނީ ބަދަލުވެފައެވެ. ވެރިކަމަކީ ﷲގެ މިންވަރުފުޅުން ދެއްވާ ކަމެއް ކަމުގައި ގަބޫލުކުރާ މީހުންވެސް ވެރީންނަށް ފާޑުކިޔައި ވެރީންހަމަމަގަށް އަޅުވާން ޖެހޭނެކަން ގަބޫލުކުރެއެވެ. މިއީ ޑިމޮކްރަސީ އިން ހަމައެކަނި ލިބުނު ފިލާވަޅު ކަމުގައި ވިނަމަވެސް ޝުކުރު ކުރާހާ ވެއެވެ. އެކަމަކު މިއަދު ވެރިކަމަކީ ބައެއްގެ ގަދަބާރުން އަތުލައިގެން އުޅޭ އެއްޗެއް ކަމުގައި އެބުނާމީހުންގެ ވިސްނުމުގައި ހަމަ ތެތްކަމެއް އަމުދުން ނެތީ ކަމުގައި ގަބޫލުކުރާން އެބަޖެހެއެވެ. އެހެނީ ހަނގުރާމަ ތަކުގައިވެސް ނަސްރު ދެއްވަނީ އެއިލާހު މިންވަރު ކުރަށްވާ ބަޔަކަށްކަން ނޭނގޭތީއެވެ.
މިއަދު ދިވެހީންގެ ދޫތައް ވީއްލި މިނިވަންވުމާ ކޮންމެ ވާހަކައެއް ދެއްކިޔަސް ސަރުކާރުން އެކަމާ އަޅާނުލުމުގެ ސަބަބުން ތަފާތުއެކި އަޑުތައް މިގައުމުގައި މިދަނީ އިވެމުންނެވެ. މިނިވަންކަމާއެކު ދީނާ ޚިލާފުނުވާގޮތަށް ޚިޔާލުފާޅުކޮށް ހެދުމުގެ މިނިވަންކަން މިވަނީ ލިބިދީފައެވެ. ނަމަވެސް މިކަންކަމުގެ ފައިދާ އެންމެ ހެޔޮގޮތުގައި ނުކުރެވޭ ކަމީ އެންމެންވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. އެހެންކަމުން ބޮޑެތި ދޮތުތައް ހަދައި ހަގީގަތްތައް ފޮރުވާލަން މަސައްކަތް ކުރަމުން ގެންދާ ބަޔަކުވެސް މިގައުމުގައި އެބައުޅެއެވެ. އެއީއަކީ މިރާއްޖޭގައި އެކަނިއޮތް ކަމެއްވެސް ނޫނެވެ. އަދި ޑިމޮކްރަސީގެ އަސާސެއްވެސް ނުމެނޫންމެއެވެ. ކޮންމެ ކޮންމެ ވާހަކައެއް ދެއްކުމަކީ ޑިމޮކްރަސީ ގަބޫލުކުރާ އަދި ، ކުރިއެރުވޭނެވެސް ކަމެއް ނޫނެވެ. މިއަދު ކިތަންމެ ގޮންޖެހުން ތަކަކާއި އެކުގައި ނަމަވެސް ދިވެހި ރައްޔިތުން މިދަނީ ކަންކަން ދަސްކޮށް މިނިޒާމަށް އަހުލުވެރިވަމުންނެވެ. ޑިމޮކްރަސީއަކީ އެހާފަސޭހައިން ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި މުޅީން ގާއިމުކުރެވުނު ނިޒާމެއް ނޫންކަން ހަނދާން ބަހައްޓާން ޖެހެއެވެ. އެހެންނަމަވެސް ހިންދުމާ ކަނޑުގެ ތެރޭގައި ފެތުރިފައިމިވާ ކުދިރައްތައް މިގޮތުގައި އޮތުމަކީވެސް ނަސީބުކަމުގައި ވީފަދައިން މިގައުމުގެ ރައްޔިތުންގެ ނަސީބުގަދަކަމުން މާބޮޑު ލޭއޮހޮރުވުމަކާނުލައި ޑިމޮކްރަސީ މިވަނީ ރާއްޖެއަށް ގެނެވިފައެވެ. ކަމެއް ގެނައުމަކީ ފަސޭހަކަމަކަށް ވެދާނެ ކަމުގައި ހީކުރިޔަސް އެކަމެއް ރަނގަޅު ގޮތުގައި ދެމެހެއްޓުމަކީ ހީކުރާވަރަށްވުރެ އުނދަގޫ ކަމެކެވެ. އެހެންކަމުން މިޑިމޮކްރަސީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިފެހެއްޓުމަކީވެސް އެހާފަސޭހަ ކަމަކަށް ވެދާނެޔޭ ހީނުކުރާށެވެ. އެކަމަކު އުފާކުރާންޖެހޭ ކަމަކީ ދިވެހީން މިއަދު މިޑިމޮކްރަސީއަށް ހޭނެމުންދާކަމެވެ.
ކުރީގެ ސަގާފަތަކީ ވަކިމީހަކަށް ބެލުމެވެ. އެމީހާ ކަޮންމެ ކަމެއް ކޮންމެގޮތަކަށް ކުރިޔަސް ބޮޑުވަރިހަމައެވެ. ރައްޔިތުންނަށް ބަސްބުނުމުގެ ހައްގެއް ނެތެވެ. އެކަމަކު މިއަދަކު އެކަމެއް އެގޮތަކަށް ނުވެއެވެ. ސަރުކާރު ހިންގުމުގެ ކަންކަމަކީ ރައްޔިތުން މިއަދު އެންމެބޮޑަށް އެކަމާ ބަސްކިޔައި ބެހޭ ކަންކަމެވެ. ފަހަރެއްގައިވެސް ސަރުކާރު ހިންގާވެރިޔަކަށް މެދުނުކެނޑި ސަނާކިއުމަކީ މިއަދަކު މީހުން ކުރާންބޭނުން ކަމެއް ނޫނެވެ. މީގެ ކުރީން ކޮށްދިން ކަމެއްގެ ވާހަކަ އަބަދާއި އަބަދު އިވޭބީދައިން މިއަދު އިވޭނީ ސަރުކާރުން ނުކޮށްދެވޭ ކަންކަމުގެ ވާހަކައެވެ. މިއަދު އެއިވެނީ އެއަޑުތަކެވެ. މިއީ މިހާޅަފަތުގައި ދިވެހީން ޑިމޮކްރަސީ ބަލައިގަތްކަމުގެ ހެއްކެކެވެ. ވެރިމީހާއަށް އުޖޫރަދެނީ ކަންކުރާށެވެ. ނުކޮށް ހުންނާކަށް ނޫނެވެ. މީހުން އުފާވަނީ ކަންކުރުމުންނެވެ. ވާހަކަ ދައްކައި ކަޑަޖެހުމަކުން ނޫނެވެ.
ރައްޔިތުންގެ އުންމީދުތައް މިއަދު އެހެރީ ވަރަށް އުހުގައެވެ. އެއާހަމަޔަށް އަތްފޯރާތޯ ބަލަމުން ސަރުކާރުން އެގެންދަނީއެވެ. ކުއްލިއަކަށް ފެށިގެންދާ ބޮޑެތި މަޝްރޫއުތައް އެހާމެ ހަލުއިކޮށް ނިންމާލެވުމުން ރައްޔިތުންގެ އުންމީދުތައް ކުރިޔަށްވުރެ އުހަށް އަނެއްކާވެސް އުފުލެއެވެ. މިހެންވުމުގެ ހަގީގަތަކީ ޒަމާންތަކެއް ވަންދެން ދިވެހީން އުންމީދުކޮށްގެންތިބި ކަންތައްތަކެއް ފުރިހަމަނުވެ ވަނިކޮށް ކުއްލިއަކަށް ފުރިހަމަވާން ފެށުމެވެ. މިއަދު ކުރެވެމުން، ފުރިހަމަވަމުން މިދާ ކޮންމެކަމަކީ ހާދަދުވަހެއްގެ އިންތިޒާރެވެ. އެހެންކަމުން ދިވެހީން އަދި މިއައްވުރެ ބާރު ސްޕީޑުގައި އިތުރު ކަންކަން ވުމަށް އެދެއެވެ. މިސާލަކަށް ބަލާލަމާތޯއެވެ. ބެލެނިވެރިޔަކާ ދުރުގައި ހުރި ކުޑަކުއްޖަކު އަބަދުވެސް ހުންނާނީ އުންމީދުތަކެއް ފުރިހަމަވުމަށް ބޭނުންވާ ބެލެނިވެރިޔާ ގާތަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ކެއްތެރިކަމެއްނެތި އެކަމަށް އިންތިޒާރު ކުރާނެއެވެ. އަދި ބެލެނިވެރިޔާ އައުމުން ނުވަތަ ގާތަށް ދެވުމުން އެއްކަލަ ކަންކަން ފުރިހަމަ ކުރާން ބޭނުންވެ އެދޭނެއެވެ. އެއްކަމެއް ފުރިހަމަ ވުމުން އަނެއްކަމަކަށް އެދެވޭނެއެވެ. ގާތުގައިވާ ދުވަސްކޮޅު ބޭނުން ހުރިހައި ކަމެއް ކުރެވޭތޯ ބަލާނެއެވެ. އަދި ހަމަ އެހެންމެ ބެލެނިވެރިޔާއާއި ވަކިވާކަށް ނޭދޭނެވެސް މެއެވެ. ވަކިވާނެދުވަސް އެނގޭނަމަ ދެރަވެ މާޔޫސްވެސް ވާނެއެވެ.
ހަމަމިގޮތަށް މިއަދު ދިވެހީންވެސް މިހަލުވި ސްޕީޑުގައި މިލިބޭ ކުރިއެރުންތައް މެދުނުކެނޑި ލިބެން ބޭނުންވެއެވެ. މިކަމަށް އިންތިޒާރުކުރީ ަހާދަދުވަހަކުއެވެ. ޖެހިކަޑަތަކާއި އެޅިމިންތައް ގެއްލިދިޔައީ ހާދަހާ ފޮނިއިންތިޒާރެއްގައި ތިއްބައެވެ. ރަށް ހިއްކުނު ބަޔަކަށްވެސް އެކަންކުރެވުނީ ކަންބަލަބަލައި އެކަމުގެ ފަހަތުން ދެންއަންނާންއޮތް ކަންކަމަށް އެދުންވޭވޭ ގޮސް އުންމީދުގެއްލުނު ފަހުންނެވެ. ބަނދަރު ހެދުނީ ކުރީގެ މިނަށް ނުފެތޭ ދިހަބާރަ ގަނޑެތި ރަށުފަޅަށް އިތުރުވެ ހެދިބަނދަރުގެ ބޭނުން ކެނޑުނު ފަހުންނެވެ. އާމިސްކިތް ނިމުނީ އާބާދީ އިތުރުވެ މިސްކިތް ޖާގަނެތް ތަނަކަށް ވީފަހުންނެވެ. މިސްޕީޑު ކުރީން ރައްޔިތުން އެތިބީ ހެޔޮވަރު ކޮށްލަން މަޖުބޫރުވެ ހެޔޮވަރު ކޮށްގެންނެވެ. ނަމަވެސް ދެނެއް ދިވެހީން މިކަމެއް ގަބޫލެއް ނުކުރާނެއެވެ. މިއަދު ގައުމު ބަރަވެލީގެ މިސާލުގައި ތަރައްގީގެ ތޮށިގަނޑުލާން ދާކަށް ބޭނުމެއް ނުވެއެވެ. އެންމެ އެއަރޕޯޓަކުން ފުދިއްޖެ ކަމުގައި ބުނި ދިވެހީން މިއަދު އެކަހަލަ ކިތަންމެ އެއަރޕޯޓެއްވެސް މަދުކަމުގައި މިތިބަބުނަނީއެވެ. އަދި ކިއެއްތަ އެއަރޕޯޓެއް އަޅާން ރަށެއް ހިއްކާން ހައެއްކަމަސްދުވަސް މާދިގުކަމުގައިވެސް އެބުނަނީއެވެ. ތަޖުރިބާގެ އަލީގައެވެ. އިޚުލާސްތެރި ނިޔަތަކާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާބަޔަކު އެމަސައްކަތް ކުރާނެގޮތް މިދަނީ މިއަދު ފެންނަމުންނެވެ. މިއަކީ ތޯތޯވާހަކައެއް ނޫނެވެ. ހަގީގަތެވެ. ނުވާނެކަމުގައި ބުނާކޮންމެ ކަމެއް އެވަނީ ވަރަށް އަވަހަށެވެ. އުންމީދުތަކާ އެއްގޮތަށެވެ. އަދި އިތުރު އުންމީދުތައް އާކޮށް ދެމުންނެވެ. އެހެންކަމުން ދެހާސްތޭރަ ކީއްކުރަން ދެހާސް އަށާރަވެސް އަންނާނެއެވެ. ގައުމު އެދިގޮވަނީ އިޚުލާސްތެރި ޚިދުމަތަށެވެ. ވަކިމީހަކަށް ނޫނެވެ. މިކަން އެންމެންވެސް ދަންނާން ޖެހޭނެއެވެ.