މެންބަރުންގެ ޚިޔާލު: ދެބޯގެރި ދުއްވަނީ!

މ. މުރާސިލު

މުލަކަތޮޅު މުއްޔަކީ ކުރީގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދީގެން ކުރިއަރުވަމުން ގެންދިޔަ ރަށެކޯލައެވެ. ޚާއްސަކޮށް އެސަރުކާރުގެ ފަހުދުވަސްވަރު އޭރުގެ ވެެރިމީހާ އާއިލާއާއިއެކު ޗުއްޓީ ހޭދަކޮށްލާން މުއްޔަށް ގިނަގިނައިން އައިސް އުޅެން ފެށުމާއިއެކު މުލީގައި ތަފާތު މަޝްރޫއުތައް ހިންގާން ފެށިޔޯލައެވެ. އެހެންކަމާއެކު މުލީގެ ރައްޔިތުންވެސް އޭރުގެ ސަރުކާރަށް ވަރަށްބޮޑަށް ސަނާކިޔަމުން ގެންދިޔައެވެ. ނަމަވެސް މުލީގައި ހެދުމަށް ހަމަޖެހިފައިވާ މީޑިއާ ސެންޓަރ ހެދުމަށް ބިންނަގައި ސާފުކޮށް މަސައްކަތް ފެށުމަށް ހުރިހައި ކަމެއް ނިންމާފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ވޯޓަކާއި ގުޅިގެން އަތޮޅުގެ އެންމެ އާބާދީ ބޮޑުރަށް ކަމުގައިވާ މުލަކުގެ ރައްޔިތުންގެ ވޯޓުހޯދުމަށް އެއިރު ސަރުކާރުގެ ފަރާތުން ކުރިމަތި ލައިގެން އުޅުނު ދެމުންބަރުންގެ ނުފޫޒާއި ބާރުގައި މީޑިޔާ ސެންޓަރ އާއި ޗިލްޑްރެންސް ފެމެލީ ސެންޓަރ މުލަކަށް ބަދަލު ކޮށްލުމުން މުލަކާއި މުލީގެ ރައްޔިތުންގެ މެދުގައި ޒުވާބުތަކެއް ހޫނުވެ ހިނގައި ދިޔައެވެ. ނަމަވެސް އެސަރުކާރުން ދެރަށުގެ ރައްޔިތުން ޖައްސައި ފިތުނަ ކުރުމަށް އެކުރި މަސައްކަތް ނިންމައި އިންތިޚާބު ކާމިޔާބު ކޮށްލިއެވެ.
މިސަރުކާރު ވެރިކަމަށް އައިއިރު މ އަތޮޅުގައި އެންމެ އެމްޑީޕީގެ މެންބަރުން ގިނަކަމުގައި ލިޔެ ކިޔުމުން ދައްކަނީ މުލަކެވެ. އެހެންކަމާއެކު މުލަކުގެ ރައްޔިތުންގެ ސަޕޯޓުއޮންނަ ވެރިކަމެއް ގާއިމު ކުރެވިއްޖެނަމަ މުލީގައި ހިންގަމުންއައި އަތޮޅުއޮފީސްވެސް މުލަކަށް ބަދަލުކުރާނެ ކަމުގައި އެއިރުގެ ސަރުކާރުން އަނެއްކާވެސް މުލީގެ ރައްޔިތުންނަށް ވިސްނައިދީ ހެދުމުގެ ސަބަބުންނާއި އަދި ޑީއާރުޕީއާއި އެމްޑީޕީގެ ސަޕޯޓަރުންގެ ހޫނު ޒުވާބުތަކުގައިވެސް މިފަދަ ވާހަކަތައް އިވެމުން ދިއުމުގެ ނަތީޖާއަކަށްވީ މުލީގެ ގިނަރައްޔިތުންގެ ހިތުގައި އެމްޑީޕީއާއި މެދު ނަފުރަތާއި ބިރުވެރިކަން އުފެއްދުމެވެ. ވެރިކަން ބަދަލުވެގެން ދިޔައިރު ދެއްކި ނަތީޖާއަށް ބަލާލާއިރު މުލަކާއި މުލިންވެސް އަޣުލަބިއްޔަތު ލިބުނީ އަތޮޅުގެ އެހެންވެސް ރަށްރަށެކޭ އެއްގޮތަށް ޑީއާރުޕީއަށެވެ. އެހިސާބުން މުލީގެ ރައްޔިތުންނަށް ވެރިވެފައިވާ ބިރުވެރިކަން އިތުރު ވެގެން ދިޔައެވެ.
މާކުރީޒަމާނެއްގައި މުލަކަތޮޅުގެ ވެރިކަންކުރަމުން ގެންދިޔަ ރަށަކީ މުލަކެވެ. ނަމަވެސް މުލަކުން މުއްޔަށް ވެރިކަން ބަދަލުކޮށް އޭގެ ސަބަބުން މުއްޔަށް އައީ ކުރިއެރުން ތަކެއް ލިބެމުންނެވެ. ކުރީގެ ސަރުކާރުތަކުގެ ސަގާފަތާ އެއްގޮތަށް ވެރިކަންކުރާ ރަށުގައި އެކަނި ތަރައްގީގެ މަޝްރޫއުތައް ހިންގާ ގޮތައް މުލީގައި އެކިއެކި މަޝްރޫއުތައް ހިންގާން ފެށުމާއި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް މުލީގައި ގާއިމު ކުރެވެމުން ދާންފެށުމާއި އެކު ކުރީން މަސްވެރި ރަށެއްގެ ގޮތުގައި އޮތް މުލީގައި ދުށްވަމުން ގެންދިޔަ އަށާރަ އޮޑި ހުއްޓި މުޅިރަށުގެ އެންމެން ކަހަލަ ގޮތަކަށް އެމުއައްސަސާ ތަކުގެ މުއައްޒަފުންގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. މިއަދު މުއްޔަކީ މަހަށްފުރާ އެންމެ ދޯންޏެއްވެސް ނެތް ރަށެކެވެ. އެހެން ނަމަވެސް މުލަކަކީ މިއަދު މަސްވެރި ކަމުގައި މުޅިއަތޮޅުގައި އެންމެ ކުރިއަށް ގޮސްފައިވާ ރަށެވެ. ބޮޑެތި ފައިބަރު އޮޑިތައް ބަނދެ އޭގެ ފައިދާއިން މުޅިރަށުގެ ކުރިއެރުމަށް ހިއްސާވަމުންދާ ރަށެކެވެ. މިނޫނަސް ސިނާއީ އެހެން ކަންކަންވެސް މުލަކުގައި ވަނީ ކުރިއަރާފައެވެ. ކަންމިހެން ވެފައި އޮއްވައި މުލީގައި މިހާރު ހުރި މުއައްސަސާތައް މަދުވެ ދިއުމަކީ މުލީގެ ރައްޔިތުންނަށް އިންތިހާއަށް ގެއްލުން ވެގެންދާނެ ކަމެއް ކަމުގައި ވީނަމަވެސް ގޮތްދޫކޮށް އާސަރުކާރުގެ ސިޔާސަތާއިއެކު ކުރިއަށް ދިއުމަށް އަދިވެސް ގިނަބަޔަކު ގެންދަނީ ދެކޮޅު ހަދަމުންނެވެ. މީގެ މިސާލެއްގެ ގޮތުން މިހާރުވެސް ބޮޑުއަގު ނަގައިގެން ނުހިންގިގެން އުޅޭ ބޭރުގެ އެހީގައި މުލީގައި ގާއިމު ކޮށްފައިވާ އިންޖީނުގެ ސެންޓުރަލް ޔުޓިލިޓީސްއާޢި ހަވާލުކުރުމަށް އެދުމުން ރައްޔިތުން ދީފައިވާ ޖަވާބު ފުދެއެވެ. އެމީހުން ބުނެފައިވަނީ ދެހާސް ތޭރައިގެ ނޮވެމްބަރ އެގާރައާއި ހަމަޔަށް ވިސްނާލަން ފުރުސަތު ދިނުމަށެވެ. މާނައަކީ އެމީހުން ގަބޫލުކުރާ ގޮތުގައި އެހާ ހިސާބުން މިވެރިކަން ނިމޭނެއެވެ. އަދި މައުމޫނު އަލުން ވެރިކަމަށް އަންނާނެއެވެ. އޭރުން ޗުއްޓީ ހޭދަކުރަން އަނެއްކާވެސް މުއްޔަށް އަންނާނެއެވެ. އެމީހުން ބޭނުންކަމެއް ކޮށްދޭނެއެވެ. މުލީގައި މިހާރު ގާއިމު ކުރެވިފައިވާ ރީޖަނަލް ޕޮލިސް ސްޓޭޝަން ހިންގަމުން ގެންދަނީ މުލީގެ ރައްޔިތުންގެ އިމާރާތެއް ބޮޑުއަގެއްގައި ކުއްޔަށް ހިފައިގެންނެވެ. ކުރީސަރުކާރުން ބިންސާފުކޮށް އަޅަން ނިންމި ޕޮލިސް އިމާރާތް އެސަރުކާރުގެ ވައުދުތަކާއި އެއްގޮތައް މިހާރުވެސް ހުސްބިމެއްގެ ގޮތުގައި މުލީގައި އެބައޮތެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރީންވެސް ފުލުހުން މިހާރުތިބި އިމާރާތުގެ ޖާގަ ކުޑަކަމާއިއެކު އޭރުގެ އަތޮޅުގެ ފުލުހުންނަށް ދިނުމަށް ސަރުކާރުން ހަމަޖެއްސެވިއެވެ. ނަމަވެސް މިކަން މުޅީން ހަމަނުޖެހި އުޅެނިކޮށް ކައުންސިލް އައިސް ކުރީގެ އަތޮޅުގެ ބިންބިމާބެހޭ ގާނޫނާއި ޚިލާފަށް މިހާރު އަތޮޅު ކައުންސިލުގެ ބިމެއްގެ ގޮތުގައި އެރަށުގެ ޑީއާރުޕީ ކައުންސިލުން ރަޖިސްޓަރީ ކޮށްދީފައި ވާކަމުގައި އަޑުއިވެއެވެ. އަދި އަތޮޅުގެ ފުލުހުންނާއި ހަވާލުކުރުމަށް އެކިފަހަރު މަތީން އެންގި ނަމަވެސް ޕީއޭއާއި ޑީއާރުޕީ އެކުވެގެން ކޮންޓްރޯލުކުރާ އަތޮޅުކައުންސިލުން އެކަމަށް ވަނީ އިންކާރު ކޮށްފައެވެ. އަދި ސަރުކާރާ އިދިކޮޅަށް އަތޮޅު ކައުންސިލުން އެކިއެކި ގަރާރުތައް ފާސްކުރުމާ ޖެއްސުންކުރުމުގެ އަމަލުތައް އަތޮޅު ކައުންސިލުން މިއަދުވެސް ގެންދަނީ ހިންގަމުންނެވެ. އެގޮތުން މިފަހަކުން މ އަތޮޅުގެ އެތެރެ ވަރިޔަށް އުރުނު އޮޑިޔަކަށް ކޯސްޓުގާޑަށް އެހިސާބަށް ދެވެންދެން އެހީތެރިކަން ފޯރުކޮށްދިނުމަށް އަތޮޅުކައުންސިލުން ގެންގުޅޭ ލޯންޗު ފޮނުވައިދޭން އެންގުމުން މ އަތޮޅުގައި ކޯސްޓުގާޑު ޔުނިޓެއް ގާއިމުކޮށްގެން އެކަންކުރުމަށް ބުނެ ޖެއްސުމުގެ މެސެޖެއް ގައުމީ އިދާރާއަށް އަތޮޅު ކައުންސިލުން ވަނީ ފޮނުވާފައެވެ. މުލީގައި ހުރި މޯލްޑިވް ޕޯސްޓު ލިމިޓެޑްގެ އޮފީހުން ފައިދާ ނުވާތީވެ އެތަން ބަންދުކުރާން އުޅުމުން ސީދާ ރަށުކައުންސިލުގެ މެންބަރުން ރަށުގެ ގިނަ ރައްޔިތުން ގޮވައިގެން ނުކުމެ އެކަން ކުރިޔަނުދީ އެއިމާރާތުގެ ދޮރުތަކަށް ބޮޑުމޮހޮރު ޖަހައި ވަނީ ބަންދުކޮށްފައެވެ. މިކަން ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ރަށުކައުންސިލުގެ ޒިންމާދާރު ވެރިޔާއެވެ. އަދި ފުލުހުންނާއި ކުރިމަތިލައި ބޮޑެތި އަނިޔާތައް ފުލުހުންނަށް ދީފައިވެއެވެ. މިކަން މިހެން ވެފައިވަނިކޮށް މުލަކަތޮޅު މުއްޔަށް މުލީގައި މިހާރުހުރި ޕޮލިސް ސްޓޭޝަން ބަދަލުކުރަން އުޅޭކަމުގައި ބުނެ މީހުން ސަރުކާރަށް ނަފުރަތު ކުރުވައި ޕީޕީއެމަށް ސޮއި ކުރުވުމަށް އެރަށުގައި މިވަގުތު މަސައްކަތްތަކެއްކުރަމުން އެބަގެންދެއެވެ. މިއީ ހަގީގަތެއް ކަމުގައި ވާނަމަ މިހާރު މުއްޔަށް އެތެރެވަމުންދާ ދެލައްކައެއްހާ ރުފިޔާއާއި އެތައް ބައެއްގެ ވަޒީފާވެސް ގެއްލިގެން ދާނެއެވެ. ނަމަވެސް ހަސަދަވެރިކަން ދޫކޮށްލައި ރަށާ ރައްޔިތުންގެ ކުރިއެރުމަށްވުރެ ބޮޑަށް މިއަދުވެސް އަތޮޅު ކައުންސިލުންނާއި ރަށުގެ ކައުންސިލުން އެގެންދަނީ ރައްޔިތުންނާއި ސަރުކާރާ ޖައްސައިގެން މުލީގެ ރައްޔިތުންނަށް ލިބެންއޮތްހާ ގެއްލުމެއް ހޯދުމަށް މަސައްކަތް ކުރަމުން ދެބޯގެރި ދުއްވަމުން އެގެންދަނީއެވެ.