އިބްރާހީމް ރާމިޒް
އެމްޑީޕީގެ ދަތުރުފަތުރާ ބެހޭ ކޮމިޓީގެ މުޤައްރިރަކަށް ފަރުޙަތު އަލީ އަދި މެންބަރޝިޕާއި ކެމްޕެއިން ކޮމިޓީގެ ނައިބު މުޤައްރިރަކަށް ޢަބްދުﷲ މާޖިދު (މާޖީ) ޢައްޔަންކޮށްފިއެވެ.
ރޭ އެމްޑީޕީ އޮފީހުގެ ކޮންފަރެންސް ހޯލުގައި ބޭއްވި މި ދެ ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން، ދަތުރުފަތުރާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ކަނޑައެޅީވެސް މެންބަރުންގެ އިއްތިފާޤުންނެވެ. އެ ގޮތުން މި ކޮމިޓީގެ މުޤައްރިރަކަށް ފަރުހަތު ހޮވިފައިވާއިރު، ނައިބު މުޤައްރިރަކަށް ހޮވިފައިވަނީ އެމްޑީޕީގެ މާމިގިލީ ދާއިރާގެ ރައީސް އަދި މެދުއުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ އިބްރާހިމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) އެވެ.
މި ކޮމިޓީގައި އިއްޔެ، ކުރިޔަށް ހުރި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުގެ ކެމްޕެއިން ދަތުރުތައް ރޭވުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
ރޭ ދެން ބޭއްވި ކޮމިޓީ ބައްދަލުވުމަކީ މެންބަރޝިޕާއި ކެމްޕެއިނާއި ބެހޭ ކޮމިޓީގެ އިފްތިތާޙީ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި އެކޮމިޓީއަށް ނައިބު މުޤައްރިރަކު ހޮވުން އޮތެވެ. އެގޮތުން ނައިބު މުޤައްރިރަކަށް މެންބަރުންގެ އިއްތިފާޤުން ހޮވިފައިވަނީ ޢަބްދުﷲ މާޖިދުއެވެ.
މި ކޮމިޓީގެ މުޤައްރިރަކަށް އެމްޑީޕީގެ އަސާސީ ގަވައިދުގައި ބުނާގޮތުން އިންނަވަން ޖެހޭނީ އެޕާޓީގެ ޗެއަރޕާސަންގެ ނައިބު (އިދާރީ) އެވެ.
ކެމްޕެއިން ކޮމިޓީގެ ބައްދަލުވުމުގައި ރޭ މަޝްވަރާކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި ކުރިޔަށްހުރި ބައި އިލެކްޝަންތަކުގެ ކެމްޕެއިން ކުރިޔަށް ގެންދާނޭ ގޮތާއި، ވީހާވެސް އަވަހަށް މެންބަރޝިޕް ޑްރައިވެއް ޖެއްސުން ހިމެނެއެވެ.