އިބްރާހީމް ރާމިޒް
އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުޤައްރިރަކަށް އިބްރާހީމް ވަހީދު (އެންސްޕާ އިބުރޭ) ހޮވިއްޖެއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ އިފްތިތާޙީ ބައްދަލުވުމުގައި، އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ރައީސްކަން ވެސް ކުރައްވާ، އެންސްޕާ އިބުރޭ މި މަގާމަށް ހޮވިފައިވަނީ 11 މެންބަރުން ހިމެނޭ މި ކޮމިޓީއަށް މިއަދު ހާޒިރުވި 6 މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ބައްދަލުވުމުގައި މި ކޮމިޓީގެ ނައިބު މުޤައްރިރަކާއި، ސެކްރެޓަރީއެއް ހޮވުމާއި ކޯރަމް ކަނޑައެޅުން ވެސް އޮތެވެ. އެ ގޮތުން ނައިބު މުޤައްރިރަކަށް މެންބަރުންގެ އިއްތިފާޤުން ހޮވުނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޔޫތު އެންޑް ސްޕޯޓްސް އަދި އެމްޑީޕީ މާލެ ސިޓީގެ ރައީސް މުޙައްމަދު ރަޝީދު ޙުސައިން ބިގޭ އެވެ. ކޮމިޓީގެ ސެކްރެޓަރީ އަކަށް އައްޔަންކުރީ އެ ކޮމިޓީގެ މެންބަރު އިބްރާހީމް އިޙްސާން އެވެ
މި ބައްދަލުވުމުގައި މި ކޮމިޓީގެ ކޯރަމް އަކީ މެންބަރުންގެ ތިންބައިކުޅަ އެއްބައި ކަމަށް ކަނޑައެޅި އިރު ވޯޓުލެވޭނީ ކޯރަމް ހަމަވާ ވަރަށްވުރެ އިތުރަށް 1 މެންބަރަކު އިނުމުން ކަމަށް ވެސް ނިންމާފައިވެއެވެ.
މި ކޮމިޓީގެ އިފްތިތާޙީ ބައްދަލުވުން ފައްޓަވައިދެއްވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް އެވެ. .