ދި އައިލެންޑް ޕްރެޒިޑެންޓް މިއަންނަ ހަފްތާގައި ދިވެހިންނަށް ޕްރިމިއަރކުރަނީ

އިބްރާހީމް ރާމިޒް

the-island-president

ދުނިޔެ ހޫނުވުމާ ދެކޮޅަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރައްވާ މަސައްކަތް ދައްކުވައިދޭ ފިލްމް ” ދި އައިލެންޑް ޕްރެޒިޑެންޓް” މިއަންނަ ހަފާތާގައި ދިވެހިންނަށް ޕްރިމިއަރކުރާނޭ ކަމަށް އެފިލްމް އުފެއްދި ކުންފުނި ކަމަށްވާ އެކްޗުއަލް ފިލްމްސް އިން ބުނެފިއެވެ.

އެކުންފުނީގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު މިއަދު ވިދާޅުވީ މިއަންނަ ހަފްތާގެ ތެރޭގައި ރާއްޖޭގައި މި ފިލްމުގެ 2 ޝޯވ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖޭގައި މި ފިލްމު ދައްކަން ގަސްދުކުރީ، މި ފިލްމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދުނިޔެ ހޫނުވުމާ ދެކޮޅަށް ކުރައްވާ މަސައްކަތް ދައްކުވައިދޭ ފިލްމަކަށް ވާތީ، ދުނިޔެއަށް މި ފިލްމު އާންމުކުރުމުގެ ކުރިން ދިވެހިންނަށް މި ފިލްމް ދެއްކުމުގެ ގޮތުން ކަމަށެވެ.

އިތުބާރު ހުރި ގޮތަކަށް މި ސައިޓަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފިލްމުގެ ޓިކެޓް 2 ދުވަހެއްގެ ތެރޭގައި ވިއްކަން ފަށާނެއެވެ. އަދި މި ފިލްމް ދިވެހިންނަށް ޕްރިމިއަރކުރުމުގެ ހަފްލާގައި ބައެއް ޘަޤާފީ ޙަރަކާތްތައް ފެނިގެންދާނެއެވެ.

އެމީ އަދި އެކަޑެމީ އެވޯޑް ހާސިލުކޮށްފައިވާ ފިލްމު ކުންފުނި އެކްޗުއަލް ފިލްމްސް އިން އުފައްދާފައިވާ،”ދި އައިލެންޑް ޕްރެޒިޑެންޓް” އަކީ ޓޮރޮންޓޯ ފިލްމު ފެސްޓިވަލްގެ ޕީޕަލްސް ޗޮއިސް ބެސްޓް ޑޮކިއުމެންޓްރީ އެވޯޑް ޙާސިލްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ “ދަ ލޮސްޓް ބޯއިސް އޮފް ސޫދާން” ގެ ޑައިރެކްޓަރު ޖޯން ޝެންކެވެ.

މި ފިލްމު ފުރަތަމަ ޕްރިމިއަރ ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ޓޮރޮންޓޯ ފެސްޓިވަލްގައެވެ. އެ ފެސްޓިވަލްގައި މި ފިލްމު ޕްރިމިއާކުރުމުގެ ކުރިން ފިލްމުގެ ޓިކެޓްތައް ވެސް ވިކި ހުސްވި މި ފިލްމަކީ ފާޑުކިޔުންތެރިން އިންތިހާއަށް ތަޢުރީފްކޮށްފައިވާ ފިލްމެކެވެ. އެ ގޮތުން މިއީ އެމެރިކާގެ ކުރީގެ ނާއިބު ރައީސް އަލް ގޯ ދުނިޔެ ހޫނުވުމާ ދެކޮޅަށް ކުރެއްވި ކެމްޕޭން ދައްކުވައިދޭ އަދި އޮސްކާގެ އެންމެ މޮޅު ޑޮކިއުމެންޓްރީގެ އެވޯޑް ހާސިލުކޮށްފައިވާ،”އޭން އިންކޮންވީނިއަންޓް ޓްރޫތު” އަށް ވުރެ ބަލާލަން މާ ކަމުދާ ފިލްމެއް ކަމަށް ބެލުންތެރިންވަނީ އިއްތިފާޤްވެފައެވެ..