މެންބަރުންގެ ޚިޔާލު: މިނިވަން ނޫސްވެރި ކަމަކީ ބަޣާވާތަށް ގޮވައިލުން ކަމުގައި ހަދާން ނޫޅޭށެވެ!!!

ފުނަމާ

ދިވެހިރާއްޖޭގައި ދުވަހަކުވެސް ތަޖުރިބާ ކޮށްފައިނުވާ މިންވަރަށް މިއަދު މިވަނީ ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައެވެ. މީޑިއާގެ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން މިއަދު އެގެންދަނީ އެބައެއްގެ ޚިޔާލު މިނިވަންކަމާއި އެކުގައި ހާމަކުރަމުންނެވެ. މިކަމަށް އަޑުއުފުލީ ކޮންބައެއް ކަމާއި އަދި މިމިނިވަންކަން ދިވެހީންނަށް ލިބުނީ ކިހިނެއްކަން ދިވެހީންނަކަށް ނޯޅޭނެއެވެ. ގައިމުވެސް އެނގޭ ހަގީގަތަކީ މީގެކުރީގައިވެސް ދިވެހިރާއްޖޭގައި ނޫސްވެރިކަން ކުރިއެވެ. ވެރިކަން ހިންގިއެވެ. އެބުނާ މިނިވަންކަން ދޭންބޭނުންނަމަ ދެވޭނެހާ މުއްދަތުގައި ވެރީން ވެރިކަން ކުރިއެވެ. އެކަމަކު އެކަމެއް ނުކުރެވުނެވެ. ނޫސްވެރިންނަށް މިނިވަންކަން ދީފީމޭ ބުނި މަދުފަހަރެއްގައިވެސް އެކަންކުރީ މީޑިއާގައި ފޮރުވިގެންތިބެ ސަރުކާރަށް ފާޑުކިޔާ މަދުމީހަކު އަތުލައިގަތުމަށް ޖަހާ މަޅިއެއް ގޮތުގައެވެ.
ނޫސްވެރިކަމަކީ ގައުމެއްގެ ހާލަތާ ފަރުދުންގެ ވިސްނުން ބަދަލުކޮށްލުމުގައި ބޭނުންކުރެވޭ އެންމެ ވަރުގަދަ އެއް ހަތިޔާރު ކަމުގައި ގިނަބަޔަކު އެއްބަސްވެއެވެ. މީޑިއާގައި ހާމަކުރާ ކޮންމެ ކަމަކީ ހަގީގަތެއް ކަމުގައި އެއަޑުއަހާ މީހުން ގަބޫލުކުރެއެވެ. އެހެނީ މީޑިޔާގެ އެތިކްސް ދަންނަ އެއްވެސް މީހަކު މީޑިއާއިން ބޮޑެތި ދޮގުތައް ހަދާފާނެ ކަމުގައި ގަބޫލެއް ނުކުރާނެއެވެ. އެހެންކަމުން މީޑިއާގައި މަސައްކަތް ކުރަމުން ގެންދާ މީހުންނަކީ ގައުމީ މަސައްކަތެއް އަދާކުރާ ބައެއްގެ ގޮތުގައި ބެލެވި އެވޯޑުތައް ދެވެމުން ދެއެވެ. ހަމައެހެންމެ ހަގީގަތާއި ޚިލާފަށް މީހުންނަށް ހަގީގަތް އޮޅުވާލާ ނޫސްވެރީންނަކީ ޣައްދާރުންގެ ގޮތުގައި ލޭބަލް ކުރެވި ޝަރުއީ ހުކުމްތައްވެސް އެމީހުންގެ މައްޗަށް ކުރެވެމުންދެއެވެ. ހަމަތާކުން މީހަކު ބުނާހާ އެއްޗެއް އަޑުއަހައިގެން ނުވަތަ މީހަކުދޭ މަދު ރުފިޔާކޮޅަކަށް ޒަމީރު ވިއްކާލައިގެން ހަގީގަތާ ޚިލާފަށް މީޑިއާގައި މަސައްކަތްކުރާ ނޫސްވެރީންނަކީ އަބަދުވެސް އަގުވެއްޓި ލޭބަލް ކުރެވިފައި ތިބޭ ބައެކެވެ.
ދިވެހި ރާއްޖޭގައި ކުރީގެ ސަގާފަތާ ޚިލާފަށް މިއަދު ވެރިކަން ކުރަމުން މިގެންދަނީ ވެރިކަމަށް އައުމަށްޓަކައި މަސައްކަތްކުރި ކޮންމެ ބަޔަކުވެސް އެކުޅަ ވައުދު ތަކެއް ހިމެނޭ މެނިފެސްޓޯއެއް ރައްޔިތުންނަށް ވިއްކައިގެން ރައްޔިތުން އެންމެ ގަބޫލުކުރި މެނިފެސްޓޯ ހިފައިގެން އުޅުނު މީހުންނެވެ. ބަޔަކު ކިތަންމެ އަޑުއަހާ ހިތް ނުވިޔަސް މިއަދު މިގައުމުގައި މިއޮތީ އެމްޑީޕީގެ ވެރިކަމެކެވެ. ވެރިކަމުގައި އެހުންނެވި ނަޝީދަކީ އެމްޑީޕީގެ ޓިކެޓުގައި އެމްޑީޕީއިން ވެރިކަމަށް ނެރުނު ކެންޑިޑޭޓެވެ. ސަރުކާރުގެ ސިޔާސަތަކީ އެމްޑީޕީގެ މެނިފެސްޓޯއެވެ. މިހަގީގަތް އޮޅުވާލަން ނޫޅޭށެވެ. ކިތަންމެ ހިތްދަތިވިޔަސް ހަޖަމުކުރާން މިއޮތީ ޖެހިފައެވެ. މިނިޒާމު ދެމެހެއްޓިއްޖެނަމަ ގައިމުވެސް އެހެން ބަޔަކު ވެރިކަން ކުރުމަށް ރައްޔިތުން ހަވާލުކުރާއިރު އެމީހުން ގެންނާނީ އެމީހުންގެ މެނިފެސްޓޯއެވެ. އެއަށް އެންމެންވެސް އިހުތިރާމުކުރާން ޖެހޭނެއެވެ. އެމްޑީޕީގެ ވެރިކަމެއްގައި އެހެންޕީއެއްގެ ސިޔާސަތާ އެއްބައި ވާކަށް ނުޖެހޭނެއެވެ. ޕީޕީއެމަކާއި ޕޯޕޯއެމަކުން ކަނޑައަޅާ ސިޔާސަތެއް ނުވަތަ ޕިންކް ޕެންތަރގެ ސީރީސްއެއް އުފައްދާކަށް ނުޖެހޭނެއެވެ. ހަމައެހެންމެ އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ބަސް ބޮޑުއަށިމަތީން ނުވިކޭނެ އެއްގޮތެއްވެސް ނެހެދޭނެއެވެ.
މިއަދު އެމްޑީޕީގެ ތާއީދު ބޮޑު ދިމަދިމާލުގައި ނުވަތަ އެމްޑީޕީގެ ޓިކެޓުގައި ނުކުމެ އިންތިޚާބީ ދާއިރާތަކުގެ ގޮނޑިތައް ކާމިޔާބު ކޮށްގެން ތިބި މީހުންނަށް ޚާއްސަ ކޮށްގެން ސަރުކާރުން ހަމައެކަނި ކަންކަން ކުރަމުން ގެންދާ ކަމުގައި ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާބަޔަކަށް އެފުރެނީ ފޫނެއް ފަޔަކަށް ފެން ކަމުގައި ބުނާން ޖެހެއެވެ. މިނިޒާމުގެ ސިޔާސީ ހަގީގަތަކީ އެއީއެވެ. މިކަންޖެހޭނީ ހަޖަމު ކުރާށެވެ. އެމްޑީޕީ ވެރިކަމަށް ގެނެސް ސަރުކާރުގެ ސިޔާސަތަށް ތާއީދުކޮށްގެން ތިބިބަޔަކާއި އެނޫން ބަޔަކު އެއްވަރުވާނެ ކަމުގައި ހީކުރާ ބަޔަކަށްވުރެ ކަނޑުކޮސް ބަޔަކު މިގައުމުގައި ތިބޭނެ ހެއްޔެވެ؟ އެކަމަކު ހަގީގަތަކީ މުޅިއަކުން މިނޫންކަން އެހަޅޭއްލަވާ މީހުންނަށްވެސް އެނގޭނެއެވެ. އެންމެ މިސާލެއް ބުނެދެން ހެއްޔެވެ؟ މިސަރުކާރާ އެންމެ އިދިކޮޅު މީހަކު އެހެރީ މުލަކު ދާއިރާގެ ގޮނޑިއަށް ހޮވާފައެވެ. އަދި އެދާއިރާގެ ކައުންސިލް ތަކުގައިވެސް އެމްޑީޕީގެ އެންމެ ގޮނޑިއެއްވެސް ނެތެވެ. އެކަމަކު ރައްޔިތުންގެ ހައްގުގައި ކޮޅުފުށީގައި ގެދޮރު އަޅައިދިނުމުގެ މަސައްކަތް ނޫނަސް ތަރައްގީގެ އެތައް މަސައްކަތެއް މިސަރުކާރުން އެދާއިރާގެ ރަށްރަށަށް އެދަނީ ކޮށްދެމުންނެވެ. ދެންހަމަ މ. އަތޮޅުގެ ދިއްގަރު ދާއިރާއަށް ބަލާލަ ބަލާށެވެ. އަނދިރި ނޫނީ ފެންނާނެ ހަގީގަތަކީ މިސަރުކާރުން އިސްކަން ދެނީ ވަކިބަޔަކަށް ނުބަލައި ދިވެހި ރައްޔިތުންނަށް ކަމެވެ. އެކަމަކު ސަރުކާރުން ކުރާން ބޭނުންވާ އެއްވެސް ކަމެއް ކުރިޔަ ނުދީ ރައްޔިތުންނަށް ލިބޭންއޮތް އެހީތެރިކަމަށްވުރެ ވެރިކަމުގެ ދައުރު ހަމަވުމުން ވެރިކަމަށް އައުމުގެ އެދުން ބޮލަށްއަރާފައި ތިބި ބަޔަކަށް ދެއްކޭނީ އެކަހަލަ ތާކުންތާކު ނުޖެހޭ ވާހަކައެވެ. އަދި އެންމެ ނުރައްކާތެރި ކަމަކީ ވެރިކަމާ ހަސްގަނެގެން ޕީޕީ ލައްވަމުން މިދުވާ މީހުން ފާޅުގައި އެބުނަނީ މިސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އެއްވެސް އެހީތެރިކަމެއް ލިބިނުގަތުމަށެވެ. ތަރައްގީގެ މަޝްރޫއެއް ފަށައިފިނަމަ ހުރަސްއަޅައި ހުއްޓުވުމަށެވެ. އެހެނީ ރައްޔިތުންނަށް މޮޅުގޮތެއް މިސަރުކާރުން ހަދައިދީފިނަމަ އެމީހުންނަށް ލިބޭނެވޯޓެއް ސަޕޯޓެއް ނޯންނާނެކަން އެމީހުން ދަނެއެވެ. ނަމަވެސް ސަރުކާރުން ހިންގާ މަޝްރޫއެއް ހުއްޓާނުލެވި ކުރިއަށް ދާންފަށާއިރަށް އެއީ ތިމަންނާމެންގެ މުސްކުޅިބޭގަނޑު ކުޑަކަމު އަތިރިޔަށް ދާންވެގެން އިންދައި އައި ޚިޔާލެކޭ ، މިސަރުކާރުން ކޮށްދިން ކަމެއް ނޫނޭ ގޮވަމުން ދުވަން ފަށާނެއެވެ. މިނޫންކަމެއް މިމީހުންނަކަށް ނުކުރެވެއެވެ. އެންމެފަހުން މިހާރު މިމީހުން ރަށްރަށަށް އަރައި މިކަހަލަ ދެއުޅިއެއްނުވާ ވާހަކަތައް ދައްކާތީވެ މީހުން އަޅާނުލާން ފެށުމުން ދެންމިހަދާ ގޮތަކީ މީޑިއާގެ ތެރޭގައިތިބި މިމީހުންގެ ޕަޕެޓުން މެދުވެރިކޮށްގެން ރައްޔިތުންނަށް އޮޅުވާލަނީއެވެ. މިފަދަމީހުން ވިކިގެންތިބެ މިކުރާ ކަމަކީ އެއްރަށެއްގައި ބަނދަރެއް ހަދާދޭން ފަށާއިރަށް ކައިރީގައި އޮތް އަނެއް ރަށުގައި އެބަނދަރު އަޅައިނުދޭތީއޭ ކިޔައިގެން އެރަށުގެ މީހުން ރަތަށް އެރުވުމެވެ. ޔުޓިލިޓީސްއިން އަގުހެޔޮ ކަރަންޓު ލިބޭތީވެ ރައްޔިތުންގެ އިންޖީނުގެތައް ހަވާލުކުރިޔަނުދީ އިދިކޮޅު ކައުންސިލްތަކުން ގަރާރުތައްނެރެ ކަރަންޓުގެ އަގުބޮޑުކުރުވައިގެން ރައްޔިތުން ރަތަށް އެރުވުމެވެ. ހުރިހައި ގެއްލުމަކާއި ހާސްކަމެއް ރައްޔިތުންނަށެވެ. މިމީހުން އެތިބެނީ ހެވިފައި 2013ގެ ނޮވެމްބަރުމަހު ވެރިކަން ބަދަލުވާނެ ކަމުގެ އިންތިޒާރުގައި ފަލީތާތައް ރޯކޮށްގެންނެވެ. އެންމެފަހުން މިއަދު އެއުންމީދު ކޮޅުވެސް ގެއްލިދާން ފެށުމުން އެއްއަތޮޅާ އަނެއް އަތޮޅު ޖައްސައިގެން ނޫނީ ދެމީހުންގެ ދެމެދު ހުޅުރޯކޮށްގެން ނަމަވެސް ވީއެންމެ އަވަހަކަށް ސަރުކާރު ވަށްޓާލަން އެވަނީ ކުރީންވެސް ކުރަމުން ގެންދިޔަ މަސައްކަތް އިތުރުކޮށްފައެވެ. މީޑިއާ ބޭނުންކޮށްގެން ގައުމުގެ އެންމެން ޖައްސައި ބަޣާވާތެއް ގެނައުމަށް މަސައްކަތް ކުރަމުން ގެންދެޔޭ ބުނާމިންވަރަށް މިއަދު މިކަންމިދަނީ އާންމު ވަމުންނެވެ. އެކަމަކު މިނިވަން ނޫސްވެރި ކަމަކީ ބަޣާވާތެއް ގެނައުމަށް ގޮވާލުން ކަމުގައި ހަދާން އުޅެފިނަމަ އޭގެ ނަތީޖާވެސް ހިތިވާނީ މިގައުމަށެވެ. އެހެންކަމުން އެންމެހައި ނޫސްވެރީން މިކަމަށް ސަމާލުވުމަށް ގޮވައިލަމެވެ.