އިންޑިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ފުރާވަޑައިގެންފި

hep-indian-pm-450-x-299

އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ގުރްޝަރަން ކައުރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިއްޔެ ހަވީރު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ ދެކަނބަލުންނަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ދެސަރުކާރުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ. އަދި އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 5 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވައި އިންޑިޔާގެ ބޮޑުވަޒީރުގެ މިދަތުރުފުޅާ ބެހޭ ގޮތުންނާއި، މިދަތުރުފުޅުގައި ޙާސިލްކުރެއްވުނު ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ.
އިންޑިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކުރުނބާ ވިލެޖުގައި އިއްޔެ މެންދުރު ފުރަމާނަ ޖާފަތެއް ބޭއްވެވިއެވެ.