މެންބަރުންގެ ޚިޔާލު: ހަރާމާއި ހަލާލު ވަކިކޮށް ދީބަލާށެވެ.

ފުނަމާ

މިއީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. އަށްސަތޭކަ އަހަރަށްވުރެ ދިގު އިސްލާމީ ތާރީޚެއް މިގައުމުގައި އެބައޮތެވެ. ވެރިކަންކުރީ އިސްލާމީ ވެރިކަމެއްގެ ނަމުގައެވެ. ޝަރީއަތަކީ އިސްލާމީ ޝަރީއަތެވެ. މިއަދު މިގައުމުގައި މިއޮތް ވެރިކަން ފެށުނީ މީގެ ތިންއަހަރު ކުރީންނެވެ. އެކަމަކު މިގައުމުގައި ތިންއަހަރަށްވުރެ ދޮށީ އުމުރުގެ ވަކިމީހަކަށް ނުލައްވާ ކަމުގައި ބުނާ ދަރީންގެ އަދަދު އެތައް ހާހަކުން ގުނޭނެއެވެ. ހައްދުޖަހައި ޖަހައި ފަނާވެދިޔަ ދުއްރައިގެ އަދަދު ގުނާކަށް ނޭނގެއެވެ. ގަސްތުގައި މީހުން މެރުމާ ތިމާވިހޭ ދަރިވެސް އަމިއްލަ އަތުން މަރާލާފައި ވަޅުލި އަދަދެއް ނޭނގެއެވެ.
މިގައުމު އިސްލާމީ ގައުމަކަށް ވެގެން ދަންނަބޭކަލުން މިއުޅެންފެށީ މިތިންއަހަރުގެ ތެރޭގައި ކަމުގައި ވާނަމަ އެއީ އުފާވެރި ޚަބަރެކެވެ. އެހެނީ އެކަމުން އެއެނގެނީ މިސަރުކާރުން ދަންނަބޭކަލުންގެ ދޫތައް ވީއްލައިދިން ކަމެވެ. މީގެކުރީން ގައިމު ރިސޯޓުތަކުގައި ބުދުފައްޅިއަޅައި އަޅުކަން ކުރިއިރަކު އެބުނާ ދަންނަ ބޭކަލުންނެއް ނުފެނުނެވެ. ތިބީ ﷲގެ އަޒާބަށްވުރެ މައުމޫނުގެ އަނިޔާދެކެ ބިރުން ފިލައެވެ. މާލޭގެ އާޓިފިޝަލް ބީޗުގައި ބުދުބަހައްޓައިގެން ރާއްޖެ އުފެދުނުގޮތް ދައްކައިދޭން ހާމުދުރުންގެ ހެދުން އަޅުވައިގެން މީހުން ބައިތިއްބައިގެން މައުމޫނު ކުޅުނު ކުޅިވަރުތައް ބަލަބަލައި ކިތައްދުވަހު ތިބިންހެއްޔެވެ؟ މުޅިމާލޭގެ މަގުތަކުގައި އެހެރަ ފިހާރަތަކުގެ ބޭރަށް ފެންނަ ގޮތަށް ބަހައްޓާފައިވާ ބޮޑެތި ބުދުތައް ބަހައްޓައިގެން މީހުންގެ އަގީދާ ބަލިކަށިވެ ” ހިތްކާފަރުވީ ” ވާހަކައެއް ނުދައްކާދޯއެވެ. ހަމަ ރަނގަޅެވެ. ދީނީ އިލްމުވެރީން ތިބީ ކުޑަކަކޫ ޖެހިފައި ހެއްޔެވެ؟ ނޫނީ މައުމޫނަށް ވިކިގެން ހެއްޔެވެ؟
ދިވެހިރާއްޖެއަށްވުރެ މުސްލިމުންގިނަ މުސްލިމު ގައުމެއްގެ ތާރީޚު ދައްކުވައި ދިނުމަށް ހަދާފައިވާ މޮނިއުމެންޓެއް އެސަރުކާރުން ރާއްޖޭގައި ހިނދުކޮޅަކަށް ބަހައްޓާލުމުން މުޅިގައުމު ކާފަރުވެދާނެތީވެ ބަޔަކު ދުވާއިރު މިމީހުންގެ އީމާންކަން ހާދަ ބަލިކަށިދޯއޭވެސް ބަޔަކު ބުނެފާނެއެވެ. އެހެންނާ ރާއްޖޭގެ ދާރުލް އާސާރުގައި އެހަރަ ބުދުތަކާއި ތަކެތި މިމީހުންނަށް ނުފެންނަނީ ބާވައެވެ؟ މިފަދަ އިސްލާމީ ގައުމެއްގެ ޓީވީއިން އެހެރަ ދައްކާ ނެށުންތަކުގައި ” ދަގަދޭތެރެ ” ފެންނަވަރުގެ ހެދުން އަޅައިގެން ނަށާނެށުންތަކާ މީހުންގެ އަބިންނާއި ފިރިން ހިލޭމީހުންގެ ގައިގައި އޮޅުލައި އުޅޭތަން މިމީހުން ނުދެކެނީ ބާވައެވެ. މިހިރަ ރާގުރާގަށް ކިޔަމުންދާ ލަވަތައް އަޑުނީވެނީ ބާވައެވެ؟ އަޖާބުވެއްޖެއެވެ. ތިމާނޫނީ ދެންއުޅެނީ ހުސް ކާފަރުން ކަމުގައި ހަދައިގެން އަނގަފޭކުރާއިރު ތިމާގެ ފޫކޮޅު އޮތްގޮތް ހަމަ ނުފެންނަނީ ދޯއެވެ. މިވީހާތަނުގައި ގަތްހާ ގަނޑު ނޭނގެނީދޯއެވެ.
ހަމަތާކު މުށިގަނޑެއް ޖަހާއިރަށް ، ނޫނީ ކުރެހުމެއް ކުރަހާއިރަށް ބުދުފެނިގެން މޮޔަވަނީ ފަހެ ބުދަށް އަޅުކަންކޮށްކޮށް ހަސްގަނެފައި ތިބީ ބާވައެވެ؟ ހަމައެގޮތަށް ރާއްޖޭގައި މާބޮޑު އިލްމުވެރިއެކޭ ކިޔައިގެން ޕާޓީއެއްގެ ކޮޅުގޮނޑީގައި ވެޑުވިގެން ތިމަންނާމީ ޝޭޚެކޭ ކިޔައިގެން އެއުޅޭ މީހެއްގެ މޫނުމަތި ފެނިފައި، ޓީވީން އިރާކޮޅު އެދައްކާ މިސުރުމީހުން ހަދައި، ދިވެހިން އަޑުއަޅައިގެން އެއުޅޭ ޕުރޮގުރާމުގައި ބަލާ ކުޑަކުއްޖަކު އޭގައި އެއުޅޭ އަބޫޖަހުލާ އެޝޭޚާ ހާދަ ސިފަގަނޑު އެއްގޮތޭ ބުނެ މިއުންމަތުގެ ފިރުއައުނަކީ އެއީ ކަމުގައި ޝައްކުވެގެން ނުކުމެ ގަޅިބުރިޔަކުން ޖަހާންވީ ހެއްޔެވެ؟ މީހުންނަށް އެހެންވެސް ހީވެދާނެ ވިއްޔާއެވެ. މީހަކު ހަމަ ކުރެހުމެއް ކުރަހާލާއިރަށް އެކުރެހުމުން ޖީސަސް އެފެންނަނީ ޖީސަސްއަށް އަޅުކަންކުރާ ހިތުން ދުވާ މީހުންނަށެވެ. އަހަރެމެންނަކަށް ގައިމުވެސް އެވެރިން އެއަޅުކަންކުރާ ބުދުތަކުގެ ސިފައެއް ނޭނގެއެވެ. ނުވެސް ބަލަމެވެ. ވެރިކަމުގައި މަޑިއްޕައިގެން އުޅުނު ރަކިސް ބޮނޑަކަށް އަޅުކަމެއްވެސް ނުކުރަމެވެ. އެކަންކުރި ބަޔަކަށް އަބަދުވެސް އެކަންކަން އެނގޭނެދޯއެވެ؟ މިގައުމުގައި މިއަދު މީހަކު ވަލެއްއަޅަން ކާލިގަނޑެއް ހެދިޔަސް އެއީ އަޅުކަންކުރާ ސޮލީބެއް ކަމުގައި ހީކޮށް އަވަހަށް ދުވެގޮސް ސަޖިދަޖަހާ ބަޔަކު އެބައުޅެއެވެ. ބޭރުގައުމަކުން ބިޑިއަޅުވައި ކަނޑަށް އެއްލާލާފައިއޮތް މީހަކު ފެނުނަސް ފުލުހުން ހައިސެކިއުރިޓީގައި ބަލަހަށްޓާ ރަށަކަށް ވަގަށް އަރައިގެން އުޅުނު ކޮންމެވެސް ” ވަޑޭއަކާއި ” ވައްތަރު ވެދާނެއެވެ. ނޫނީ މަރުވެފައިއޮތް މީހާގެ ދޮންކަމާ ބޮޑުކަމާ އަދި ޚިތާނު ނުކޮށް އޮތްކަން އެނގުމުން ކޮންމެވެސް ތާކުން އޮޑިއެއް ހައިޖެކްކޮށްގެން އެއަރޕޯޓު ހިފައި މަތިންދާބޯޓު ތަކުގައި ހުޅުޖަހަން ދިޔަ ފަސްފޫޓު ހަމަނުވާ އަނދުންކުލައިގެ މަޖިލިސް މެމްބަރަކާ ވައްތަރު ވެގެން މޯޗަރީދޮށުގައި ސަޖިދަ ޖަހައިގެން އޮވެދާނެއެވެ. މިއީ ތިޔަބުނާ އިދިކޮޅު މީހުން މިއަދުގެ ހާލެވެ. ވާނީވެސް އެހެންތާއެވެ. މިގައުމުގެ އެންމެ ކާރޫބާރޫ ބޮޑު ވައިގެ ބަނދަރު ހިފައި އެތަނުގައި ތިބިހައި ބަޔަކު ކަތިލައި ހުޅުޖަހަން އޮޑިއެއްގެ ކައްޕި ހައިޖެކް ކޮށްގެން ދިޔަމީހުންވެސް އެތިބީ ދޫކޮށްލާފައި ވިއްޔާއެވެ. ދޫނުކުރާނެ ކަމެއްވެސް ނެއްތާއެވެ. ކޯޓުއަމުރެއް ގައިމުވެސް އެމީހުން ހައްޔަރުގައި ބޭތިއްބުމަކަށް ނުލިބޭނެ ވިއްޔާއެވެ. މިގައުމުގައި އިދިކޮޅޭ ބުނާ ކޮންމެ މީހަކަށް ފާޅުގައި މީހުން މެރުމާއި ބޯފެޅުމާއި ތަންތަނަށް އަރައި ޓެރަރިސްޓު ހަމަލާ ދިނުމުގެ ލައިސަންސް ކޯޓުތަކުން ހަދާދީފައި ވާހެންވެސް ހީވާފަހަރު އެބައާދެއެވެ. ދެންއެކަމަކު ކޮންމެ ކަމެއް ކުރިޔަސް ހަރާމޭ ހަލާލޭ މިކިޔާ އެއްޗެއް އޮޅުވާލައިގެން ނުވާނެތާއެވެ. މިގައުމުގެ އެތެރޭގައި ކިތަންމެ ބުދެއް ހުއްޓަސް އެއީ ހަލާލުކަމުގައި ބުނެފައި ތާކުން މީހަކު ގެންނަ އެއްޗެއްގައި ބަކަށްޓެއްގެ ނިގޫ ފެންނާން އިނަސް ހަރާމޭ ގޮވީމައި މީހުންނަށް އެބައޮޅެއެވެ. ދެފާދިރީންގެ މުގައްދަސް ސޮލީބު ތަވީދެއްހެން އަޅައިގެން އުޅޭ މީހެއްގެ ވަށައިގެން އަޅުކަންކުރާ ބަޔަކު ނުކުމެ ހަރާމާ ހަލާލާ ކިޔައި އުޅެންފެށީމައި މިއަދު ހުރިހައި ހަލާލެއް ހަރާމަށްވެސް މިދަނީ ބަދަލު ވަމުންނެވެ. ނިކަން އެބުނާ ދީން ބޯދަށުގައި ލައިގެން މުޅިގައުމުގައި ފަސާދަ އުފައްދާންއުޅޭ ޕާޓީގެ ބޮޑުގޮނޑީގައި އެއިންނަ ބޮޑު ޓެރަރިސްޓު ކަލޭގެއަށް އެނގެންޏާ ދީނުގައި ހަރާމާ ހަލާލާ އޮތްގޮތް އެންމެ ރަނގަޅަށް ބުނެދީބަލާށެވެ. ކައިފުފިގެން މުޅިގައުމު ފަނާކޮށްފައި ވެރިކަމާ ހަސްގަނެގެން ނޫޅެބަލާށެވެ.