އިންޑިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް މާލެއިން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފި

27764_83aacd84-b_

އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ގުރްޝަރަން ކައުރު މިއަދު ހެނދުނު މާލެ ވަޑައިގަތުމުން، މާލެއިން އެދެކަނބަލުންނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. އިންޑިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން މާލެއަށް ފައިބާވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއެވެ. އެދެކަނބަލުން މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ.

ރަސްމީ ފާލަމުގެ ކުރިމަތީގައި އޮތް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 7 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، އިންޑިޔާގެ ބޮޑުވަޒީރުގެ ޝަރަފްގައި ބޭއްވުނު ގާޑް އޮފް އޮނަރެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މިރަސްމިއްޔާތަށްފަހު، އިންޑިޔާގެ ބޮޑުވަޒީރު ރަސްމީ ފާލަމުން މޮޓޯކޭޑްގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި، އިންޑިޔާގެ ބޮޑުވަޒީރު ސޮއިކުރެއްވިއެވެ.

މިދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށްވެސް ޚާއްޞަ ޕްރޮގްރާމެއް ވަނީ ހަމަޖައްސަވާފައެވެ. މިގޮތުން، ރަސްމީ ފާލަމުގައި އޮތް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، އިންޑިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި ވަޑައިގަތީ، ސުނާމީ ބައްލަވާލެއްވުމަށެވެ. އޭގެފަހުން، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށާއި، ޤައުމީ ދާރުލްއާޘާރަށްވެސް ޒިޔާރަތް ކުރެއްވިއެވެ.