ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފި

27775_0f67d07f-9_

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހު، މާލެއަށް ވަޑައިގެންނެވި ކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހަށް މަރްޙަބާ ވިދާޅުވިއެވެ.

ޑޮކްޓަރ މަންމޯހަން ސިންހްގެ ވާހަކަފުޅުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި ރައްޔިތުން ވިދާޅުވި ހޫނު މަރްޙަބާއާއި، ދެއްވަމުން ގެންދަވާ ފުރިހަމަ މެހްމާންދާރީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް އިންޑިޔާގެ ބޮޑުވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން، އެކިދާއިރާތަކުގައި އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުންދާކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ވަކިން ބައްދަލުކުރެއްވުމަށްފަހު، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ.
މި ވާހަކަފުޅުތައް، މައިގަނޑު ގޮތެއްގައި އަމާޒު ކުރައްވާފައިވަނީ، ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ދާއިރާތަކުގެ މައްޗަށެވެ.