އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 5 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފި

27762_68b8d682-7_

ރާއްޖެއާއި މަލިކާ ދެމެދު ފަސިންޖަރުންނާއި މުދާ އުފުލާ ފެރީގެ ނިޒާމެއް ވަރަށް އަވަހަށް ޤާއިމް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމުގެ ސަބަބުން މަލިކާއި ރާއްޖޭގެ އުތުރުގެ އަތޮޅުތަކާ ދެމެދު ދަތުރުފަތުރު ފަހިވެގެންދާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 5 އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮޗިންއާއި ރާއްޖެއާ ދެމެދު ފަސިންޖަރުންނާއި މުދާ އުފުލާ ފެރީގެ ނިޒާމެއްވެސް ވަރަށް އަވަހަށް ޤާއިމް ކުރެވޭނެ ކަމަށާއި، ރާއްޖެއާއި އިންޑިޔާގެ އެހެން ސަރަޙައްދުތަކާ ދެމެދުވެސް މި ނިޒާމް ޤާއިމް ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ތަރައްޤީގެ މަގުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހެވެ. އަނެއް 4 އެއްބަސްވުމަކީ، ކުށްވެރިން ބަދަލުކުރުމާބެހޭ އެއްބަސްވުމާއި، ޓެރަރިޒަމް ނައްތާލުމާއި، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އެއްބަސްވުމާއި، ކްރެޑިޓް ފެސިލިޓީއާބެހޭ އެއްބަސްވުމާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމާބެހޭ އެއްބަސްވުމެވެ. މި 4 އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ މުޙަންމަދު ނަޞީރެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީއެވެ.

މި ރަސްމިއްޔާތުގައި، އިންޑިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، މިއަދު މި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން، ތަރައްޤީގެ ގިނަ ކަންތައްތަކެއް، ކުރިމަގުގައި ހިނގަމުންދާނެކަން ފާހަގަކުރެއްވިއެވެ.