ތަހުނިޔާ ދެންނެވުން: މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި އެމްޑީޕީން ތަހުނިޔާ ދެންނެވުން

mdp-logo

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ އަޚުންނާއި އުޚްތުންނަށާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށާއި، މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށާއި، ޕާޓީގެ އިސްވެރިންނަށާއި، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީއަށް މިއުފާވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި މުބާރިކް ބާދީ ދަންނަވަމެވެ.

މި ސަރުކާެރުގެ ވެރިކަމަށް 3 އަހަރު ފުރޭ ހިނދު، އަދި ޖުމްހޫރީ ދުވަހުގެ ތާރީޚީ މުނާޞަބާ ފާހަނގަކުރާ އިރު، މި ސަރުކާރުން މި ލޮބުވެތި ދިވެހިރާއްޖެއަށް ހޯދައިދީފައިވާ ތަރައްޤީ އާއި، ކުރިއެރުން ދިވެހި ލޮބުވެތި ރައްޔިތުން ބަލައިގެންފައިވުމީ މި ޕާޓީން ނުހަނު އުފާކުރާ ކަމެކެވެ..

ޚާއްޞަކޮށް ސާރކް ސަމިޓާއި ގުޅިގެން ރާއްޖޭގެ އެންމެ ދެކުނުގެ ރައްޔިތުންނާއި، މުޅި ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ތަރައްޤީ އެންމެ ދެކުނުގެ އައްޑޫ ސިޓީ އާއި ފުވައްމުލަކަށް މި ސަރުކާރުން ގެނެސްދީފައިވާ ކަމީ މި ޕާޓީން ނުހަނު އުފާކުރާ ކަމެކެވެ. އަދި، އެކަމަށްޓަކައި ދިވެހި ސަރުކާރަށާއި، މި ތަރައްޤީ އާއި ކުރިއެރުމުގެ މޭސްތިރި ކަމަށްވާ މި ޕާޓީގެ އެންމެ އިސްލީޑަރު، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންގެ ނަމުގައި ޝުކުރާއި ތަޢުރީފް ވެދުންކުރަމެވެ.

ކުރުމުއްދަތެއްގެ ތެރޭގައި މި ސަރުކާރުން ރާއްޖެއަށް ޙާޞިލްކޮށްދެމުންދާ ތަރައްޤީގެ ސަބަބުން އެމްޑީޕީން ވެފައިވާ 5 ވަޢުދު މި ސަރުކާރުން ފުއްދާނޭ ކަމީ މިއަދު ދިވެހި ލޮބުވެތި ރައްޔިތުން ޤަބޫލުކުރާ ޙަޤީޤަތެކެވެ. އަދި، އައްޑޫ ސިޓީ އާއިފުވައްމުލައް ފަދައިން ރާއްޖެއަށް އެންމެހާ ކަންކޮޅުތައް ތަރައްޤީކުރުމަށް މި ސަރުކާރުން ހިފާފައިވާ އަމާޒަށް ކައިރި މުސްތަޤްބަލެއްގައި ވާޞިލްވާނޭ ކަމީ މިއަދު މިފެންނަ މަންޒަރުތަކަށް ބަލާއިރު، ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.

ދިވެހި ރާއްޖެ އަށް އަދަށްވުރެ މާފާގަތި، މާ ބާއްޖަވެރި އަދި މާއުފާވެރި މުސްތަޤްބަލަކަށް އެދެމެވެ. އަދި ޖުމްހޫރީ ދުވަހުގެ އުފާވެރި ޢީދާއި އެކު އައިސްފައިވާ އަނެއް ޢީދު ކަމަށްވާ 17 ވަނަ ސަރކްސަމިޓަކީ މިހާތަނަށް ބޭއްވޭ އެންމެ ކާމިޔާބު، އެންމެ ފުރިހަމަ ސަމިޓަށް ވެގެންދާނޭ ކަމަށް މި ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކާއި، ޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ އުންމީދު ކުރައްވައެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް
ބަޔާން