ސާކް ޤައުމުތައް ކުރިއަރައިދިޔުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ އިތުބާރާއެކީ މަސައްކަތްކުރެވޭނެފަދަ ސިޔާސީ ވެށްޓެއް ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ސާކް ޤައުމުތައް ކުރިއަރައިދިޔުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ، ސާކް ޤައުމުތަކުގައި ވަކިން މިއޮތް އިޤްތިޞާދީ ނިޒާމު އެއް ނިޒާމެއްގެ ދަށުން ހިންގޭނެ ގޮތް ހަދައި، މުޅި އިޤްތިޞާދީ ނިޒާމް ހަރުދަނާކޮށް، އިތުބާރާއެކީ މަސައްކަތްކުރެވޭނެފަދަ ސިޔާސީ ވެށްޓެއް ޤާއިމުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އައްޑޫ ސިޓީގައި ފެށުނު 17 ވަނަ ސާކް ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލްކުރެވެން އޮތީ މެންބަރު ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތްކޮށްގެންނެވެ. އެހެނީ، ސާކް ޤައުމުތަކުގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައިވަނީ، އަވަށްޓެރި ޤައުމުތަކުގެވެސް އެހީއާއި އެއްބާރުލުމުގެ މައްޗަށް ކަމަށްވާތީއެވެ. މި ރޮނގުން ތަޤްރީރު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރަޙައްދުގެ އެއް ހިސާބެއްގައި އިޤްތިޞާދީ ދުވެލި މަޑުޖެހިފައިއޮތުން ވެގެންދާނީ، އަނެއް ހިސާބުގެ އިޤްތިޞާދީ ކުރިއެރުން ހީނަރު ކުރުވާނެ ކަމަކަށެވެ. ހަމައެހެންމެ، މެންބަރު ޤައުމެއްގައި ދާޚިލީ ހަމަނުޖެހުމެއް އޮތްކަމުގައިވާނަމަ، މެންބަރު އެހެން ޤައުމުތަކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، އޭޝިޔާ ސަރަޙައްދުތަކުގެ ތެރެއިން، ޚާއްޞަގޮތެއްގައި ދެކުނު އޭޝިޔާއަކީ، ދުނިޔޭގެ ތާރީޚުގައި މީގެކުރިން ދުވަހަކުވެސް ދެކެފައިނުވާ މިންވަރަކަށް ބާރުގެ ގޮތުންނާއި ޤާބިލުކަމުގެ ގޮތުން ކުރިއަރާފައިވާ ފާހަގަކޮށްލެވޭ ސަރަޙައްދެއް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ތަޤްރީރު ކުރިއަށް ގެންދަވަމުން، ދުނިޔޭގެ މުސްތަޤްބަލް ބައްޓަން ކުރުން އޮތީ ސާކް ޤައުމުތަކުގެ އަތްމަތީގައިކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސާކް މެންބަރު ޤައުމުތަކުގެ މުއްސަނދިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ސާކް ޤައުމުތަކުގެ އިޤްތިޞާދު މިއަދު މިދަނީ ކުރިއަރަމުންކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ޤައުމުތަކުގެ ސިޔާސީ ނުފޫޒު މިދަނީ އިތުރަށް ވަރުގަދަވަމުންނެވެ. ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ތަފާތު ކަންތައްތަކަށް ބާރުފޯރުވުމުގެ ޤާބިލުކަން މިވަނީ މީގެކުރިން ނުވާ ވަރަށް އިތުރުވެފައެވެ. ޤައުމުތަކުގެ އާބާދީއަކީ، ޒުވާން، ކުޅަދާނަ އާބާދީއެކެވެ.
މި ސަރަޙައްދުގެ ޤައުމުތަކުގެ މުފައްކިރުންނާއި، އެކިއެކި ދިރާސާތައް ކުރާ ފަރާތްތަކާއި، ސައިންޓިސްޓުންނަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޝްހޫރު ޢިލްމުވެރިންކަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި މި ޤައުމުތަކުގެ ޘަޤާފަތަކީ މުޅި ދުނިޔެ ބަލައިގެންފައިވާ ޘަޤާފަތެއް ކަމަށާއި، މި ސަރަޙައްދުގައި އަމިއްލަ ފަރާތްތަކުން ހިންގާ ކުންފުނިތަކަކީ، މިއަދު ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ކުންފުނިތަކުގެ ތެރެއިން ގުނާލެވޭ ކުންފުނިތައް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދިވެސް ވިދާޅުވިއެވެ. “މިއަދު ދުނިޔޭގެ ސިޔާސީ މައިދާނުގައި ދުނިޔޭގެ ލޯތައް އަމާޒުވެފައިވަނީ އަޅުގަނޑުމެންނަށެވެ. އެހެންކަމުން، މިއީ އަޅުގަނޑުމެން މުސްތަޤްބަލުގައި ކުރިއަރަން ވިސްނަންވީ ވަގުތެވެ.”
ސާކް ސަރަޙައްދުގެ ޤައުމުތަކަކީ ވަރަށް ބޮޑު ޤުދުރަތީ ތަނަވަސްކަމެއް ލިބިފައިވާ ޤައުމުތަކެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ. އަދި މި ޤައުމުތަކަށް ލިބިފައިމިވާ ގިނަގުނަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ، ސަރަޙައްދުގެ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު، ފުއްދުންތެރި ދިރިއުޅުމެއް ހޯދައިދެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސާކްގެ މި އަހަރުގެ ޝިޢާރު ކަމަށްވާ “ބިލްޑިންގ ބްރިޖަސް” މި ޝިޢާރަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެމަނިކުފާނުގެ އުންމީދަކީ، މި ސަމިޓުގައިވެސް އަދި ކުރިއަށްއޮތް ސަމިޓްތަކުގައިވެސް، ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަމުގެ ރޫޙެއް ޤާއިމުވެގެން ދިޔުން ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ޤައުމުތަކާއި، ފަރުދުންނާއި، ޤައުމުތަކުގެ އިޤްތިޞާދު އެކައްޗެއް ކަމަށް ހެދުމަށްކުރާ މަސައްކަތް އިތުރަށް ފުޅާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މި ސަބަބަށްޓަކައި ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން ޤާއިމުކުރުމަށްޓަކައި މަސައްކަތްކުރާނެ މައިގަނޑު ތިން ދާއިރާއެއް ކަނޑައެޅިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، އެންމެ ފުރަތަމަ ދާއިރާއަކީ ވިޔަފާރީގެ ގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، ދަތުރުފަތުރުގެގޮތުން މެންބަރު ޤައުމުތައް ގުޅާލުމެވެ. ދެވަނަ ދާއިރާއަކީ، ކަނޑުފޭރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައްފަދަ ޤައުމީ ސަލާމަތާބެހޭ ކަންކަމުގައި ސަރަހައްދީ އެއްބާރުލުން ޤާއިމުކުރުމެވެ. ތިންވަނަ ދާއިރާއަކީ ހެޔޮވެރިކަން ޤާއިމުކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ސާކް ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބިނާވެފައި އޮންނަނީ އަޣްލަބިއްޔަތުން ކަންކަން ނިންމުމުގެ އުސޫލުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ސާކް ޖަމްއިއްޔާގެ ގުޅުން ބިނާވެފައި އޮންނަނީ ކުރިއެރުމާއި ފާގަތިކަން ގެނައުމުގެ މައްޗަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޤައުމުތަކުގެ ކުރިއެރުމާމެދު ހެޔޮ އުންމީދުކުރަންޖެހޭ ސަބަބުތަކެއް އެބަހުރިކަމާއި، ޤައުމުތައް ބިނާވެފައި އޮތް އަސާސް ކިތަންމެހާވެސް ވަރުގަދަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިގޮތުގައި، ޒުވާން، ހިތްވަރުގަދަ އާބާދީއެއް ސާކް ޤައުމުތަކުގައި ދިރިއުޅެމުން އެބަގެންދެއެވެ. މި ޤައުމުތަކުގެ ޑިމޮކްރަސީގެ ނިޒާމްތައް ހަރުދަނާވެފައި، އިޖްތިމާއީ ގުޅުން ވަރުގަދައެވެ. އަދި ޤައުމުތައް އިޤްތިޞާދީ ރޭހުގައި ކުރިއަރައިދާހެން އަޅުގަނޑުމެންގެ ސިޔާސަތުގެ މުހިންމުކަން ހަމަ އެއާ އެއްވަރަށް އިތުރުވެގެންދެއެވެ.
17 ވަނަ ސާކް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ތަޤްރީރު ނިންމަވާލެއްވީ، މާޒީވެދިޔަ ތާރީޚާއި ކުރީގެ އިޖްތިމާޢީ ޤަބޫލުކުރުންތަކާއި އުސޫލުތަކަކީ އަޅުގަނޑުމެންގެ ކުރިއެރުމަށް އޮތް ހުރަހަކަށް ނެހެދުމަށް ގޮވާލައްވަމުންނެވެ. މި ސަރަހައްދުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށާއި، ރައްޔިތުން އެދޭ ވެރިންނަށްވުމަށް މަސައްކަތް ކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށްޓަކައި މަސައްކަތް ކުރުމަށްވެސް ގޮވާލައްވަމުންނެވެ.
17 ވަނަ ސާކް ސަމިޓް ފެށުނީ މިއަދު މެންދުރުފަހު 2.30 ގައެވެ. ސަމިޓް ހުޅުވުމުގެ ޖަލްސާއަށް ސާކް ޤައުމުތަކުގެ ވެރިން، އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރަށް ވަޑައިގަތުމުން، އެބޭފުޅުންނަށް މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއެވެ. 17 ވަނަ ސާކް ސަމިޓުގެ ޗެއަރމަނަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.