ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރ މިއަދު ހުޅުއްވައިދެއްވައިފި

ecc-hulhuvun

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫސިޓީ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރ މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިއަދު މި ސެންޓަރ ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އައްޑޫސިޓީއާއި ފުވައްމުލަކުގެ ތަރައްޤީއާ ސާކް ސަމިޓް ގުޅުވާލެވުމަކީ، މިކަމަށް އިތުރު ޖޯޝަކާއި ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށް ވިދާޅުވިއެވެ.
މި ކޮންވެންޝަން ސެންޓަރާއި އައްޑޫގައި ކުރެވުނު މަސައްކަތްތަކަކީ، ސަރުކާރުގެ މެނިފެސްޓޯ ކާމިޔާބު ކުރުމަށްޓަކައި ރާއްޖޭގެ 7 ސަރަޙައްދުގައި ހިންގޭނެ މަސައްކަތްތަކުގެ ނަކަލެއް ކަމަށާއި، މިއީ އެއް ބިލްބޯޑެއް، އެއް ލީފްލެޓެއް އަދި އެއް ޕޯސްޓަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ، މި ބިލްބޯޑުގައި މިވާ ފެނާއި ނަރުދަމާގެ ޚިދްމަތާއި، މަގުތަކާއި، ދަތުރުފަތުރު ކުރުމުގެ ޚިދްމަތާއި، ޞިއްޙަތާއި، ޒުވާނުންގެ ކަންކަމާ، މިފަދަ ހުރިހާ ކަމެއް ކުރުމުގެ މަގުތައް ފެނިގެން ދިޔުން ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައްޑޫސިޓީ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ޢިމާރާތް ކުރުމުގެ މަސައްކަތްތައް ފެށުނު ހިސާބުން ފެށިގެން ނިމެންދެން، މިމަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.