ރައީސުލްޖުމްހޫރިއްޔާ ސަރކްގެ ބައެއް ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައިފި

hep

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނޭޕާލްގެ ބޮޑުވަޒީރު ޑޮކްޓަރ ބާބޫރާމް ބަޓަރާއީއާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގްއާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރާޒާ ގިލާނީއާ ރޭ ބައްދަލުކުރައްވައިފިއެވެ.

ޝަންގްރިލާ ރިޒޯޓް އެންޑް ސްޕާގައި ވަކިވަކިން އޮތް މިބައްދަލުކުރެއްވުންތަކުގައި، މިޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކުރެއްވުމާ ބެހޭގޮތުންނާއި، މިއަހަރުގެ ސާކް ސަމިޓުގައި ޙާޞިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ސާކް ސަމިޓުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަންކަމާގުޅޭގޮތުންނާއި، ސާކް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ސާކް ސަމިޓުގައި އޮބްޒަރވަރުންގެ ގޮތުގައި ބައިވެރިވާ ޗައިނާގެ ވަފްދުގެ ބޭފުޅުންނާއި، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރޮބަރޓް ބްލޭކް ޖޫނިއަރއާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.
ވަކިވަކިން އޮތް މިބައްދަލުކުރެވުމުގައި، އެޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުންތަކުގެ މައްޗަށް ބައްލަވައިލައްވައި، އެގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ސާކް ސަމިޓާ ގުޅިގެން އައްޑޫސިޓީއަށް ލިބެމުންދާ ތަރައްޤީގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.