އައްޑޫސިޓީގެ ހިތަދޫގައި ހަދާފައިވާ ކަލްޗަރަލް ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވައިފި

27159_807df218-a_

އައްޑޫސިޓީގެ ހިތަދޫގައި ހަދާފައިވާ ކަލްޗަރަލް ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ކަލްޗަރަލް ސެންޓަރަކީ، ސާކް ސަމިޓަށް އައްޑޫސިޓީއަށް ވަޑައިގަންނަވާ ބޭފުޅުންނަށް، ރާއްޖޭގެ ޘަޤާފަތާއި އާދަކާދަ ދައްކާލުމަށްޓަކައި ތައްޔާރު ކުރެވުނު ސެންޓަރެކެވެ. މިސެންޓަރުގައި ރާއްޖޭގެ މަސައްކަތްތެރިކަމާއި މަސައްކަތްތެރިކަމުގައި ބޭނުންކުރަމުން އައި ތަފާތު އާލާތްތައް ދައްކާލުމަށްވަނީ ބަހައްޓާފައެވެ. އަދި އޭގެ އިތުރުން، ކުރީ ޒަމާނުގައި ދިވެހިން އުފައްދައި ގެންގުޅުނު ބައެއް ސާމާނުވެސްވަނީ ބަހައްޓާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މިއަދުގެ ޢީދު ނަމާދު ކުރެއްވީ، ފޭދޫ ބޮޑު މިސްކިތުގައެވެ. ޢީދު ނަމާދަށްފަހު ޢީދު ސަލާމްކުރެއްވުމަށް ފޭދޫގެ ގޭގެއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައި، އެ ގޭގޭގެ މީހުންނާ ބައްދަލުކުރައްވައި ޢީދުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި މަރަދޫ އަވަށަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މަރަދޫގެ ބައެއް ޢާއިލާތަކާ ބައްދަލުކުރައްވައި ޢީދުގެ ތަހުނިޔާ ވިދާޅުވިއެވެ.

މިއަހަރުގެ އަޟްޙާޢީދު ދުވަސް ފާހަގަކުރުމަށް އައްޑޫ ސިޓީގެ މަރަދޫގައި “ޢީދު އުފާ”ގެ ނަމުގައި މުޅި މަރަދޫއަށް ހުޅުވާލައިގެން މިއަދު ބޭއްވި ހެނދުނުގެ ސައިފޮދުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މަރަދޫ ދާއިރާގެ އޮފީހާއި، ހިޔޯ ޖަމްޢިއްޔާއާއި، ގޯދިޔާ ޖަމްޢިއްޔާއާއި، މަރަދޫ ޒުވާނުން އިސް ނަގައިގެން ބޭއްވި ޙަރަކާތެކެވެ.

ކުޑަކުދިންގެ ޕާކުގައި މިތައްޔާރުކުރި ސައިފޮދުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށްފަހު، ސާކް ސަމިޓާ ގުޅޭ ގޮތުން އެ އަވަށު ރައްޔިތުން ތައްޔާރުކުރި ކޭކް ފަޅުއްވައިދެއްވިއެވެ.
އައްޑޫސިޓީގެ ސްޓޭޓް ސްކްއަރ ސަރަޙައްދު ސާފު ކުރުމުގެ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އުޅުއްވަމުން އައްޑޫސިޓީގެ އޮންލައިން ނޫހެއް ކަމަށްވާ “އައްޑޫއޮންލައިން”އަށް ދެއްވި ބަސްދީގަތުމެއްގައި އައްޑޫސިޓީގައި މިހާރު ކުރިއަށްދާ އިންފްރާސްޓްރަކްޗަރ މަސައްކަތްތަކަކީ، ފިޔަވަހިތަކަކަށްބަހާލައިގެން ކުރިއަށްދާ ބޮޑު މަޝްރޫޢުއެއް ކަމަށް ވިދާޅުވިއެވެ. އައްޑޫސިޓީގައި މިހާރު ކުރިއަށްދަނީ ސިޓީއަކަށް ބޭނުންވާނެ އިންފްރާސްޓްރަކްޗަރެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ކަމާއި، ސަރުކާރުގެ އަމާޒަކީ، އައްޑޫސިޓީގައި ފަންސާސްހާސް މީހުންނަށް ބޭނުންވާނެ އިންފްރާސްޓްރަކްޗަރެއް ޤާއިމު ކުރެއްވުންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރ މިހާރު އެވަނީ ސަމިޓަށް ބޭނުންވާ ވަރަށް ފުރިހަމައަށް ނިމިފައި ކަމަށާއި، ކޮންވެންޝަން ސެންޓަރާއި އެ ސަރަޙައްދުގެ މަގުތަކުގެ ޒީނަތްތެރިކަން ގުޅިފައިވަނީ، ކޮންވެންޝަނަލް ހޮޓަލަކާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮންވެންޝަން ސެންޓަރގެ ކުރިމަތިން އޮތް ހިތަދޫގެ “މާކިޅި” ވަށައިގެން ހިނގޭ ގޮތަށް މަގެއް ހައްދަވައި، ކޮންވެންޝަން ސެންޓަރ ސަރަޙައްދުގެ އަގު އުފުލިގެންދާނެ ގޮތަކަށް އެތަން ހެއްދެވުމަކީ، އެންމެ ބޮޑު އެއް އަމާޒު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ ސިޓީ ހިތަދޫގެ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިމުމާ ގުޅިގެން އެމަގު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިމަގު ބައްލަވައިލެއްވުމަށް ވަޑައިގަތީ ބައިސްކަލުގައެވެ.