މެމްބަރުންގެ ޚިޔާލު: ކުރީން ހީކުރީ ވަރަށް ތަންދޮރު އޮޅުންފިލާ މީހެއްކަމަށެވެ.

ފުނަމާ

އެވަރުގެ މީހަކު ނެތިގެން ސަރުކާރުގެ އެންމެ މުހިންމު މުއައްސަސާތަކާއި ބޮޑެތި ކުންފުނިތައް ހިންގަން ހަވާލުކޮށްގެން އުޅުނީމައި ތަންތަނަށް އަރައި މަވަރެއް ނެތިގެން ދައްކާ ވާހަކަތައް އަޑުއެހީމެވެ. މާއޮލަކޮށްލާފައި ކަންކަމާ ގުޅޭގޮތުން މާގިނައިން އިނގިރޭސި ބަސްތައްވެސް ބޭނުން ކުރާތީވެ ހީކުރީ ފިސާރި ދުނިޔެއަށް ރޯފިލައި ކަންކަން އެނގިގެން ވާހަކަ ދައްކަނީ ކަމުގައެވެ. އަދި އަމިއްލައަށް ބައެއްފަހަރު ތިމަންނާ ވަރުގެ އިކޮނޮމިސްޓަކުވެސް ރާއްޖޭގައި ނެތްކަމުގައިވެސް ދައްކާދޭން އުޅެއެވެ. ނޭނގޭނެ ތާއެވެ. ކުރީގެ ސަރުކާރުގައި ” ބަޅުރުއްދޮށުގައި ގެއަޅައިގެން ” ވެރުނުހާ ކާއްޓެއް ދިޔައީ ކަމުން ވިއްޔާއެވެ. ދިވެހީންގެ މަދުމީހަކަށް މެނުވީ ނުލިބޭވަރުގެ ތަނަވަސްކަމެއް ލިބިފައި އޮތަތީވެ ދުނިޔޭގެ ހިތުހުރި ތަނަކަށް ހިތުހުރި ވަގުތަކު ގޮސްގެން ބޭނުން ތައުލީމެއް ހާސިލު ކުރުމުގެ ފުރުސަތު ލިބިފައި ގައިމުވެސް އޮންނާނެތީއާއި އެފަދަ އަޑުތައް އިވޭތީވެ މިގޮތަށް ހީވެސް ކުރެވިދާނެ އެހެންނޫންތޯއެވެ.

ރާއްޖޭގެ ވެރިކަމުގައި ތިރީސްއަހަރު ވަންދެން ހިތުހުރި ގޮތެއް ހަދާން ހުރިމީހެއްގެ އެއްބަފާ މީހަކަށް މިގައުމުގެ އިގްތިސާދާބެހޭ މުހިންމު މުއައްސަސާއެއް ހަވާލުކުރުމުގެ އިތުރުން ދައުލަތަށް އެންމެ ފައިދާވާ އެއްކުންފުނީގެ ޗެއަރމަންގެ މަގާމުވެސް ހަވާލުކޮށްގެން އެގެންގުޅުނީ ކުރީން ބެލިފައިވާ ގޮތުގައި އޮންނަ އިތުބާރެއްގެ ބޮޑުކަމުންނާއި ގާބިލުކަމުންނެވެ. ނަމަވެސް މިއަދު މިއެނގެނީ އެކަން އެގޮތަށް ކޮށްފައި އެވަނީ އެހެންވެގެން ނޫންކަމެވެ. އިވެމުންދާ އަޑުތަކަށް ބަލާލާއިރު މިގައުމުގައި މީހުން ފިއްކަނޑައިގެން ދާވަރުގެ ބޮޑެތި ޚިޔާނާތްތައް ހިންގުމަށް އޭރުގެ ވެރިމީހާ ބޭނުންވުމުން އެކަން ސިއްރިޔާތުގައި ކުރެވޭނީ ގާތްމީހަކާ ހަވާލުކޮށްގެން ކަމުގައި ވާތީވެ އެކަން އެގޮތަށް ކޮށްފައި ވަނީއެވެ. ބައިނަލް އަގްވާމީ ގާނޫނުތަކާއި ޚިލާފަށް ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމަކާ ގުޅިގެން ދިވެހި ސަރުކާރުން ބޮޑެތި ވަށްކަން ތަކެއް ކުރިކަމާއި އަދި އެކަމުގެ އަޑީގައި ހުރީ ކާކުކަން މިއަދު އެއޮތީ އެނގި ހާމަވުމުގެ މަގުމަތީގައެވެ.

ދިވެހި ރާއްޖޭގެ ފަޅުތަކުން ޓަނުޓަނުން މަސްތުވާތަކެތި ނެގުނު ދުވަސްވަރު އެކަމުގެ އަޑީގައިވެސް ހުރީހަމަ މިއިނގިލި ދިއްކުރެވޭ މީހާ ކަމުގައި އޭރުވެސް މީހުން ބުނެއުޅުނެވެ. އެކަމަކު ސިއްރުންނެވެ. މިއަދު މިހާމަވަމުންދާ ކަންކަމަށް ބަލާލާއިރު އެމަސްތުވާ އެއްޗެތީގެ ޕެކިންގއާއި ގުޅިފައިވަނީވެސް އެބުނާ ގައުމެއްގައި މިމީހުންނާއި ގުޅިގެން އުޅޭ މީހެއްގެ ނެޓުވޯކާއި ކަމުގައި ބުނެވެމުން އެބަދެއެވެ. ގައިމުވެސް ރާއްޖެއަށް އެހާގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރެވޭނީ ސަރުކާރުގެ މުހިންމު ފަރާތްތަކެއްގެ އަތެއް އޮވެގެން ކަމުގައި ބުނެވޭނެ ޖާގަ އެބައޮތެވެ. އަދި އެފެނުނީ ކިހާޓަނަކުން ކުރިބޭނުމެއްކޮށް ބާކީވެފައިވާ އެތިކޮޅެއް ބާވައޭވެސް ސުވާލުއުފެދެއެވެ.

މިހިސާބުން ކުރީގައި ހަމަދެކެވުނު ސިއްރު ވާހަކައެއް ހަނދާނަށް އެބައާދެއެވެ. މިއިނގިލި ދިއްކުރެވޭ މީހާގެ މަސްލަހަތު އޮންނަ ، މަޖީދީ މަގުގައި ހުންނަ ގެއެއްގައި ހުރި މާމަޝްހޫރު ވިޔަފާރި މަރުކަޒެއްގެ އަސްލު މިލްކު ވެރިޔަކީ ދުނިޔެ އޭރު އެމީހެއްދެކެ އިންތިހާއަށް ބިރުގަންނަ ބިންލާދިން ކަމުގައިވެސް ވަރަށްގިނަ މީހުން ވާހަކަ ދައްކައި އުޅުނެވެ. މިއީވެސް ތަހުގީގުތަކެއް ކޮށްފިނަމަ އެބުނާހެން ” އެއްކޮޅަށް މުޅިރާއްޖޭގެ ހުރިހައި ލިޔެކިޔުމެއް އެޅިޔަސް ސާބިތު ނުކުރެވޭހާ ” ސިއްރުން ކޮށްފައިވާ ކަމަކަށްވެސް ވެދާނެއެވެ. ހަމަ އެހެންމެ ރާއްޖެއަށް ބޭރުގައުމުތަކުން ފޯރުކޮށްދިން ތެލުގެތެރެއިން ބިލިޔަން ބިލިޔަން ޑޮލަރުގެ ތެޔޮ އދ އަށް ވަގަށް އޮޅުވާލައިގެން ބަރުމާއަށް އެތެރެކުރި ބަޔަކު ރާއްޖެއަށް ދުނިޔޭގެ އެކިގައުމުތަކުން ހަދިޔާކުރި ނުވަތަ ވިއްކި ހަތިޔާރުތަކުގެ ބައެއްވެސް މިފަދަ ޓެރަރިސްޓު ޖަމާއަތްތަކަށް މިގޮތަށް ވިއްކާފައި އަނެއްކާ ނުވޭބާވައޭ މިއަދު މިހާލަތުގައި ސުވާލުކޮށް ބަލާލުމަކީވެސް ބުއްދިވެރި ކަމެކެވެ. އެހެންކަމަށް ވާނަމަ ” ދުނިޔޭގައިއޮތް އެންމެ ކޮރު ޑިމޮކްރަސީއަކީ ދިވެހިރާއްޖެކަން އަންގާލާނެ ” ކަމުގައި މިއަދު ބައެއްމީހުން އެދޭ އިންޒާރަކީ އަނެއްކާ އެގޮތަށް ގުޅިގެން އުޅުނު ޖަމާއަތް ތަކާއި ގުޅިގެން ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދިނުން ނޫންބާވައޭވެސް ސުވާލު އުފެދެއެވެ. މިހާރުވެސް ރާއްޖޭގެ ނަމާގުޅުވައިގެން އަވަށްޓެރި ބައެއް ގައުމުތަކަށް އެފަދަ ހަމަލާތައް ދިނުމަށް ރޭވެމުންދާ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން އިވެމުން ދާއިރު މިކަމަކީވެސް ވިސްނާލަން ޖެހޭނެ ކަމެކެވެ. ރާއްޖޭގެ މުހިންމު މުއައްސަސާތަކުގެ ބައެއްވެރީން ޚާއްސަކޮށް ޝަރުއީ ދާއިރާގެ އިސްފަރާތްތަކުން ކުރީގެ ވެރިމީހާއާއި އޭނާގެ އާއިލާގެ ހިމާޔަތުގައި ބޮޑުފާރު ލައިގެން ތިބޭވާހަކަވެސް އަދި، އެފަދަ މަންޒަރުތައްވެސް މިދަނީ އިވި ފެންނަމުން ތާއެވެ. މިވެސް އެމީހުންނަށް ބައެއް ހަގީގަތްތައް އިނގޭތީ އަތުވެދާނެ ހަމަލާއެއްގެ ބޮޑުކަމުން ބިރުން ، މަޖުބޫރުވެގެން ކުރާކަމެއް ކަމުގައިވެސް ވެދާނެތާއެވެ.

ކޮންމެއަކަސް މިހުރިހައި ތުހުމަތުތަކެއް އެކިމިންވަރުގައި އެކިފަރާތްތަކުން ކުރަމުން ގެންދާ މީހަކު މިއަދު ގެނެސް ރައްޔިތުންގެ ފަރާތުން ސުވާލުކޮށްލުމުން އެދެމުން ގެންދާ ޖަވާބުތަކަށް ބަލާލާއިރު މިއެނގި ހާމަވަނީ މިއީހަމަ “ކަނޑު ކޮހެއް ” ކަމެވެ. ތިމާ ޗެއަރމަން އަކަށް ހުރި ކުންފުނީގެ ތެރެއިން ވަގުކުންފުނިތަކެއް އުފައްދައިގެން އުޅުނުއިރު ތިމާއަކަށް ނޭގެޔޯލައެވެ. އަދި އެބުނާ ވަގުވިޔަފާރި ހިންގައި ފުޅާކުރުމަށް ތުއްތުދޮންބެ ދިން ސިޓީތައް ހިފައިގެން މުޅިދުނިޔޭގައި ލާވިއްސުނު އިރުވެސް އެކަންވެސް ނޭނގެއެވެ. އަދި ރަސްމީކޮށް ތިމާއާއި އެކުގައި ދަތުރުކުރި މީހަކު ދަތުރުކުރި ކަންވެސް ހަނދާނެއް ނެތެވެ. އަނެއްކާ ދިވެހި ރާއްޖޭގެ ވެރިކަމާއި ހަސްގަނެގެން މިއަދު އެއުޅޭ މިންވަރުން ތިމާގެ އަނބިދަރީން ތިބިކަމާ އެއީ ކޮންބައެއްކަންވެސް މިގަމާރު ކަލޭގެއަށް މިހާރު އެނގޭބާވައެވެ. އަހަރެމެން ކުރީން ހީކުރީ މިއީވެސް ވަރަށް ތަންދޮރު އެނގޭތީވެ ކަންކަމާ ހަވާލުކޮށްގެން އުޅުނު މީހެއް ކަމަށެވެ. ނަމަވެސް މިއަދު މިސިފަވަނީ ހަމަ ” ފިއުޒްލެސް ބަލްބެއްގެ ” ގޮތުގައެވެ. ދެކޮޅު ކޮހެއް މެދު ރު……އެއްގެ ގޮތުގައެވެ.