އައްޑޫ ސިޓީއަކީވެސް ޤައުމީ ރޫޙާއި ހިތްވަރުން މުޅި ރާއްޖެ ތަމްސީލުކޮށްލެވޭފަދަ ޢިލްމުވެރި ފާޑުވެރި އަދި ހުނަރުވެރި ރައްޔިތުންތަކެއްގެ ފަޚުރުވެރި އާބާދީއެއްކަން ހާމަވެގެންދަނީ، ސާކް ސަމިޓަށްޓަކައި ވެވަޑައިގަންނަވަމުން ގެންދަވާ ތައްޔާރީތަކުގެ ފުރިހަމަކަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ، ފުވައްމުލަކު އެއަރޕޯޓަކީ، ފުވައްމުލަކު ރައްޔިތުންގެ އަގުހުރި ޤައުމީ ޚިދުމަތާއި ހިތްވަރާއި ޢަޒުމްގެ މަތިވެރި ރޫޙާ ގުޅިފައިވާ ރަމްޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

21206_f01620e6-b_

އައްޑޫ ސިޓީއަކީވެސް ޤައުމީ ރޫޙާއި ހިތްވަރުން މުޅި ރާއްޖެ ތަމްސީލުކޮށްލެވޭފަދަ ޢިލްމުވެރި ފާޑުވެރި އަދި ހުނަރުވެރި ރައްޔިތުންތަކެއްގެ ފަޚުރުވެރި އާބާދީއެއްކަން ހާމަވެގެންދަނީ ސާކް ސަމިޓަށްޓަކައި ވެވަޑައިގަންނަވަމުން ގެންދަވާ ތައްޔާރީތަކުގެ ފުރިހަމަކަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ހުންނަވައިގެން މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސާކް ސަމިޓަށް އައްޑޫ ސިޓީ ވެފައިވާ ތައްޔާރީތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަޅުގަނޑުމެން މިއެދޭ ފުރިހަމަ މިންވަރަށް ސަމިޓަށް ބޭނުންވާ އެންމެހާ ތައްޔާރީތައް ފުރިހަމަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އައްޑޫސިޓީގެ ރައްޔިތުންނާއި، ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުން ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ ފުރިހަމަ މަސައްކަތްތަކަށްޓަކައި އެ ހުރިހާ ފަރާތްތަކަށާއި، އަދި އެމަސައްކަތްތަކުގައި ޝާމިލުވާ ދެކުނު ސަރަޙައްދާއި އަދި މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު ސާބަހާއި އައްސަރިބަސް ރައްދުކުރެއްވިއެވެ.
.
ރައިސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ނިމިދިޔަ ހަފްތާގެ ތެރޭގައި ފުވައްމުލަކުގައި ފުރަތަމަ ފަހަރަށް މަތިންދާބޯޓު ޖެއްސުމުގެ ހެޔޮ މިންވަރާއި އުފާވެރިކަން ޙާޞިލު ކުރެވިފައިވާކަން ފާހަގަކުރައްވަމުން، ފުވައްމުލަކު އެއަރޕޯޓަކީ ހަމަގައިމުވެސް އެރަށަށް ނިސްބަތްވާ ކޮންމެ އަފުރާދަކުމެ އަޅުގަނޑުމެންނެކޭ އެއްފަދައިން ޙަމްދުކޮށް އުފާކުރާނޭ މަތިވެރި ރަމްޒެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ އެއަރޕޯޓަކީ، މިރާއްޖޭގެ ތާރީޚުގެ ފަތްފުށްތަކުގައި އަބަދުވެސް ފާހަގަވަމުން އަންނަ ފުވައްމުލަކު ރައްޔިތުންގެ އަގުހުރި ޤައުމީ ޚިދުމަތާއި ހިތްވަރާއި ޢަޒުމްގެ މަތިވެރި ރޫޙާ ގުޅިފައިވާ ރަމްޒެއް ކަމުގައެވެ.
.
ފުވައްމުލަކަށް އެއަރޕޯޓެއްގެ ބޭނުންތެރިކަމަކީ ދުވަސްތަކެއް ވަންދެން އެރަށުގެ ރައްޔިތުން ފާހަގަކުރަމުން އައި ކަމެއް ކަމަށާއި، މިއަދު އިރާދަކުރައްވައިގެން ސަރުކާރަށް މިވަނީ ފުވައްމުލަކު ރައްޔިތުންގެ އެ ބޭނުން ފުއްދަވައިދެއްވިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، ފުވައްމުލަކު ރައްޔިތުން މިހާރު މިވަނީ ރަށު ބަންދުން ވީއްލިފައި ކަމަށާއި، ފުވައްމުލަކަށް ވައިގެ މަގުންވެސް އަދި ކަނޑު މަގުންވެސް އައިސް ގޮސް ވެވޭނޭ ގޮތްތައް ހަމަޖެހި، އަދި ފުވައްމުލަކުގެ ރަށު ތެރޭގައިވެސް ދަތުރުކުރެވޭނެ މަގުތައް މިވަނީ މިހާރު ހަމަޖެހިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ދިވެހި ޒުވާނުންނަކީ، މުޖުތަމަޢަށް ބޭނުންތެރި، ހުނަރުވެރި އަދި މަސައްކަތްތެރި ބަޔަކަށްވުމަށް ސަރުކާރުން ފަހިކޮށްދެއްވާފައިވާ ދެވަނަ ފުރުޞަތުގެ ދަށުން، މިހާތަނަށް 330 މީހުން ދޫކުރެވިއްޖެކަން ހާމަކުރެއްވިއެވެ. މީގެތެރެއިން 149 މީހަކު މިހާރު ވަޒީފާއަދާކުރަމުން އެބަގެންދާ ކަމަށާއި، ހުނަރު ޕްރޮގްރާމަށް 81 މީހަކު ކުރިމަތިލައި، އޭގެތެރެއިން 13 މީހަކު މިހާރުވަނީ ކޯސް ފުރިހަމަކުރަން ފަށާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ޚިޠާބު ކުރިއަށް ގެންދަވަމުން ދެވަނަ ފުރުޞަތުގެ ޕްރޮގްރާމްގެ ދަށުން އިތުރު މީހުންނަށް އަދިވެސް ފުރުޞަތު ދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
.
ދެވަނަ ފުރުޞަތުގެ ޕްރޮގްރާމުގެ ތެރެއިންވެސް ބައެއް ފަރާތްތަކުން ކުށް ކުރާނެކަން އެއީ، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންޖެހޭނޭ ޙަޤީޤަތެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ” ދޫކުރެވޭ ނުވަތަ ފުރުޞަތުދެވޭ ހުރިހާ ފަރާތްތަކަކުން އެ ފުރުޞަތުގެ ފުރިހަމަ ބޭނުން ނުހިފައިފާނެ ކަމަށް އަޅުގަނޑުމެން ދެކެންޖެހޭނެ. އެހެން ނުހިފައިފިނަމަ އޭގެ ގެއްލުން، އޭގެ ހިތާމަ ރައްދުވެގެންދާނީ ސީދާ އެފަރާތަށް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދެވަނަ ފުރުޞަތުގެ ބޭނުން ވީހާވެސް ގިނަ ފަރާތްތަކަކުން ހެޔޮގޮތުގައި ހިފައި، އަލުން އަނބުރާ މުޖްތަމަޢަށް އައުމަށް މި ފުރުޞަތުގެ ހުރިހާ ބައިވެރިން މަސައްކަތް ކުރަމުން ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
.
މާދަމާއަކީ، މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަސް ކަމަށްވުމާއެކު، ޙައްޖުގެ މަތިވެރި އަޅުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި ބައްލަވާލެއްވިއެވެ. އަދި ޙައްޖުގެ އަޅުކަން ގުޅިފައިވަނީ، އިސްލާމީ އުންމަތުގެ ކިތަންމެ ފަލްސަފާއަކާއި ކިތަންމެ އުސޫލުތަކަކާ ކިތަންމެ ހަމަތަކަކާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ..