ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

27137_e430ccf8-4_

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި އިއްޔެ ހަވީރު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ މިދަތުރުފުޅަކީ، އައްޑޫ ސިޓީގައި މި މަހުގެ 10 ވަނަ ދުވަހު ފެށޭ 17 ވަނަ ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށާއި، ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ރައިސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަމިޓަށް ތައްޔާރުވުމުގެ މަސައްކަތް ފެށުނު ހިސާބުން ފެށިގެން ކަންކަން ހިނގަމުންދިޔަ ގޮތް ބައްލަވަމުން ގެންދެވި ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މި ދަތުރުފުޅުގައިވެސް އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައި، އެކިކަންކަމުގައި އެމަނިކުފާނަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.