ފުނަމާ
އަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު އެންމެ ކުރީކޮޅުގައި އުފެދިގެންއައި ޕާޓީއެކެވެ. އެޕާޓީއަކީ ރާއްޖޭގެ ސިޔާސީ ޕާޓީގެ ދަފުތަރުގައި ރެޖިސްޓްރީ ކުރެވުނު ޕާޓީއެއް ނަމަވެސް ކުރީން އެޕާޓީއާއިމެދު މީހުން ދެކެމުންދިޔައީ އެއީ ދީނީހޭލުން ތެރިކަން އިތުރުކުރުމާއި ، މުޖުތަމައުގައި ހުރި ދީނީ ޚިލާފުތައް ނައްތާލައި އެގޮތުން ކުރިއަށްދާ ޢިލްމުވެރި ބޭފުޅުން އުޅުއްވަމުން ގެންދަވާ ޕާޓީއެއްގެ ގޮތުގައެވެ. ސިޔާސީ ވެށީގެ މިލަތަކާއި ކިލަނބުތަކުން ސަލާމަތްވެ އެހެންމީހުންގެ އިޙުތިރާމްއާއި ގަދަރު ލިބިގެންވާ ޕާޓީއެއް ކަމުގައެވެ. ނަމަވެސް މިފަހަކަށްއައިސް އެޕާޓީގެ ތެރޭގައި ކުރީންދެންނެވި ރޫހުގެއްލި ހައްދުފަހަނަ އަޅާފައިވާ ބައެއްގެ ނުފޫޒު ގަދަވަމުން ދިޔަކަމުގައި ކޮންމެވެސް ވަރަކަށް މީހުން ބުނަމުން ގެންދިޔައެވެ. އަދި މިވާހަކަތަކަށް ބާރުލިބިގެން ދިޔައީ އެޕާޓީގެ އެންމެއިސް ސަފުގައި ކުރީންތިއްބެވި މެދުމިނުގެ ސިޔާސަތަށް ތަރުޙީބު ދެއްވާ މުހިންމު ބޭފުޅުން ޕާޓީއާއި ދުރުކޮށް ހަރުކަށި ބައެއްގެ އަތްމައްޗަށް އެޕާޓީގެ ލީޑަރޝިޕު ފުރޮޅާލުމުންނެވެ.
ވަކިބަޔަކު ޕާޓީގެ އިސްސަފުގައި ހަރަކާތްތެރި ވުމަކީ ކޮންމެހެންނަކުން އެކަމާ ވިސްނާންޖެހޭ ކަމެއް ނޫންކަމުގައި ވެދާނެއެވެ. ސަބަބަކީ ސިޔާސީ ކޮންމެ ޕާޓީއެއްގައިވެސް ލިޔެވިފައިއޮންނަ އަސާސީ ގަވާއިދެއް އޮންނާނެކަމުން އެއަސާސް ތަކުގެ މަތީގައި ދެމިތިބެން ކޮންމެ ބަޔަކަށްވެސް ޖެހޭނެތީއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދުގައި ކޮންމެއެއްޗެއް ލިޔެފައިއޮތަސް ޕާޓީގެ އިސްމީހަކަށް ނުވަތަ ބަޔަކަށް ފެންނަހާ ގޮތަކަށް ކަންކުރުމުގެ ސަބަބުން ބައެއް ސިޔާސީ ޕާޓީތައް ރޫޅެމުންދާ މިދުވަސް ވަރުގައި އަދާލަތު ޕާޓީގެ ވެރީން އެޕާޓީގެ އަސާސީ ގަވާއިދުތަކާއި ފުށުއަރާ ގިނަނިންމުން ތަކެއް ނިންމަމުން ގެންދިއުމުގެ ސަބަބުން އެޕާޓީގެ ތެރޭގައި ހަމަނުޖެހުންތަކެއް އުފެދި ފުޅާވަމުން ދާކަމުގައި މިހާރު ބުނެވެން އެބައޮތެވެ. ސަރުކާރުގެ އެންމެ މުހިންމު މުއައްސަސާ ކަމުގައިވާ އިސްލާމިކް މިނިސްޓްރީގެ ކޮންޓްރޯލު އަދާލަތު ޕާޓީއަށް މިއަދު އެވަނީ ގެއްލިފައެވެ. މިއީ ދިވެހި އެތަކެއް ރައްޔިތުން ކަންބޮޑުވި ކަމެއްވެސް މެއެވެ. ނަމަވެސް މިއަދުވެސް ޑރ ބާރީ އިސްލާމިކް މިނިސްޓްރީ ހިންގެވުމުގައި ސާބިތުވެ ވަޑައިގެން ދީނާއި ގައުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު ޙައްގެވެ.
މިއަދު އަދާލަތު ޕާޓީން މިފެންނަނީ ދިވެހި ރާއްޖޭގެ ތާރީޚުގައިވެސް މަދުންމެނުވީ ނުދެކޭފަދަ ބޮޑެތި އަނިޔާތަކާއި ވޭންތައް ޚާއްސަކޮށް ދީނީ އިލްމުވެރީންނަށް ދީފައިވާ ކުރީގެ ރައީސްގެ މޯހިރުގައި ވިއްދައިގެން ކުރިއަށް ދާތަނެވެ. މީގެ އެއްބޭނުމަކީ އެމީހުންގެ ބަހާ ޚިލާފަށް އިސްލާމިކް މިނިސްޓްރީގައި އިސްވެ ތިއްބެވި ބައެއް ބޭފުޅުން ފަހާލުމާއި އިސްލާމިކް މިނިސްޓަރއަށް މަޖިލީހުގެ ރުހުން ލިބުނަ ނުދޭންވެގެން ކުރަމުން ގެންދާ މަސައްކަތެއް ކަމުގައިވެސް އެއްބަޔަކު ދެކެއެވެ. މިނޫން ސަބަބުތަކެއްވެސް މިކަމުގައި ހުރިކަމުގައި ބެލެވެއެވެ. އެގޮތުން މިއަދު އަދާލަތުގެ އިސްސަފުގައި އެތިބަ ގިނަމޫނުތަކަކީ މުސްލިމުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް ދުނިޔޭގައި ދިރިއުޅުމަށް ފުރުސަތު ނުދިނުމަށް ގޮވާލާ ފާޅުގައި މަސައްކަތް ކުރާ ބަޔަކާއި ގާތްގުޅުންތަކެއް ގެންގުޅޭ ބަޔެއްކަމުގައިވެސް ބައެއްމީހުން ބުނެއުޅެއެވެ. އަވަށްޓެރި ގިނަގައުމު ތަކަކީ މުސްލިމު ގައުމުތައް ކަމުގައި ނުވާތީވެ އެފަދަ ގައުމުތަކާއި އަދި ދުނިޔޭގެ އެއްވެސް މުސްލިމުނޫން ގައުމަކާއި ދިވެހި ރާއްޖެއާއި އެއްވެސް ގުޅުމެއް ބޭއްވުމީ އަދާލަތުގެ މިއަދުގެ ވެރީން ކަނޑައެޅިގެން ދެކޮޅުހަދަމުން ގެންދާ ކަމެއްކަން އެމީހުންގެ ގިނަ ވާހަކަ ތަކުން ފާޅުވެ އެނގޭނެއެވެ. އަދި މިގައުމަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން މިގައުމުން ފަހާލުމަށާއި މަރާހުސްކުރުމަށް ދޭހަވާގޮތަށްވެސް އެމީހުންގެ ބަސްމަގު ގެންގުޅެފައި ވާކަމުގައި ދަންނަވާން ޖެހެއެވެ. ހަމައެހެންމެ ދުނިޔޭގައި ޓެރަރިސްޓުންގެ ގޮތުގައި އެންމެބޮޑަށް ފާހަގަ ކުރެވޭ ފަރާތްތަކާއި ޚާއްސަ ގުޅުންތަކެއް މިވެރީންނާއި އެކުވާ ކަމުގައި ބުނާމީހުންވެސް މަދެއް ނޫނެވެ. އަދި މިއަދު ފެންނަ ފެނުންތަކަށް ބަލާއިރު އަދާލަތުގެ އަމާޒުހުރީ ކޮންމެ ގޮތަކުންވެސް ދިވެހި ރާއްޖޭގެ ވެރިކަމުގެ މައްޗަށް ގަދަވެގަތުމަށެވެ. އެމީހުންގެ މިމަގުސަދު ހާސިލު ވެއްޖެނަމަ ރާއްޖޭގެ ދުނީގެ އެތެރޭގައި މުސްލިމުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމުގައި ބުނެ ފާޅުގައި ބައެއް ވާހަކަތައްވެސް އެދަނީ ދައްކަމުންނެވެ. އިސްލާމުންނަކީ ހަމައެކަނި އެމީހުން ދައްކާހާ މަގަކުން ހިނގާ ބައެއްފިޔަވައި އެހެންމީހުންނަށް ލިބިގެންވާ ނަމެއް ނޫންކަމުގައި ދަށްކަން މަސައްކަތް ކުރާކަހަލައެވެ.
މިމީހުންގެ ބަސްމަގާއި އަމަލުތައް މިއަދު ހުންނަގޮތަށް ބަލާއިރު އެމީހުންގެ ނިޔަތަކީ ކޮބައިކަމާމެދު ކޮންމެ ދިވެހި ދަރިޔަކުވެސް ވިސްނާލަން އެބަޖެހެއެވެ. މިމީހުންގެ އަތްމައްޗަށް އެއްވެސް ބާރުވެރިކަމެއް ހިނގައްޖެނަމަ އަފުޣާންއާއި އިރާގާއި ، މިސުރު، އަދި ލީބިޔާފަދަ ގައުމުތަކުގެ ރައްޔިތުން އެތަހަންމަލު ކުޅަފަދަ ހިތްދަތި އެތައްކަމެއް ދިވެހީންވެސް ތަޖުރިބާކުރާން ޖެހިދާނެކަމުގައި ބުނުމުގެ ޖާގައެބައޮތެވެ. އެހެނީ މިމީހުންގެ ދުލުން އެގައުމު ތަކުގައާއި މިނޫންވެސް ބައެއް ގަައުމުތަކުގައި ހަރުކަށި ވެރީން ކަންތައްތައް ކޮށްފައިވާ ގޮތަށާއި ކުރަމުންގެންދާ ގޮތަށް ތާރީފުކޮށް ސަނާ ކިޔަމުން ގެންދާއަޑު އިވެމުން ދާލެއް ގިނައެވެ. މުޅިދުނިޔެ ޑިކްޓޭޓަރުންގެ ގޮތުގައި ގަބޫލުކުރާ މީހުންނަކީ އެމީހުންގެ ތާއީދު ލިބިގެންވާ ބައެކެވެ. އަދި މިއަދު ރާއްޖޭގައިވެސް މިހާތަނަށް އުފެދުނު ، އަދި ކަނޑައެޅިގެން ދިވެހި އެތަކެއް ރައްޔިތުން މަރާލިކަމުގެ ތުހުމަތު އެޅިފައިވާ މީހެއްގެ ފަހަތުގައި އެމީހުން އެދަނީ އެތުރެމުންނެވެ. ސިއްރު ގުޅުންތަކެއް މީގެ ކުރީން ގެންގުޅުނު ނަމަވެސް މިހާރު ފާޅުގައި އެމީހާއާއި ގުޅިގެން އެގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ކަމުން އަދާލަތުގެ މިއަދުގެ ވިސްނުން ދީލިގެން އެދަނީ ޓެރަރިޒަމާ ދިމާލަށް ކަމުގައި ބައެއް މީހުން ފާޅުގައި މިއަދު ބުނަމުންވެސް އެބަގެންދެއެވެ. އެހެންކަމުގައި ވާނަމަ އެޕާޓީގެ ތެރޭގައި ތިއްބެވި ދީންވެރި އިލްމުވެރި ބޭފުޅުންނާއި މިގައުމުގެ އެންމެހައި ރައްޔިތުންވެސް މިކަމަށް ވިސްނާލުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.