މެންބަރުންގެ ޚިޔާލު: ކޮމިޝަން ތަކަށް ބޮޑުވަނީ ކޮންކަމެއްބާ؟

ފުނަމާ

މިގައުމުގައި މިހާރުވަނީ ތަފާތު ނަންނަމުގައި ކޮމިޝަންތައް އުފައްދާފައެވެ. ހިންދަމާނުލެވޭ ވަރުގެ ބޮޑެތި މުސާރަތައް ކޮމިޝަންތަކުގެ މެންބަރުންނަށް ދެވެމުންދާކަމީވެސް ހަގީގަތެކެވެ. ކަންމިހެން އޮތްއިރު މިކޮމިޝަންތައް އުފައްދާފައިވާ މަގުސަދުތައް އެބަ ހާސިލްވޭބާވައޭ މިއީ އުފެދޭ ސުވާލެކެވެ؟ ތަފާތު އެކި މައްސަލަ ތަކުގެ ސަބަބުން ކޮމިޝަން ތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރަސްތަކެއް އެބަހުރި ކަމުގައިވެސް ބައެއް ފަރާތްތަކުން ބުނަމުން ގެންދެއެވެ. ހަމައެހެންމެ އެކޮމިޝަންތައް އެކުލަވާލެވުނުއިރު ކޮމިޝަންތަކަށް މެންބަރުން އައްޔަންކުރި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އަތްމަތީގައި އޮތުމުން އެފަރާތްތަކުގެ މަސްލަހަތުތައް ދިފާއު ކުރާން ބަޔަކު މެނުވީ މަޖިލީހުން ބަލައިގެންފައި ނުވާކަމުގައި ދެކެވޭ ވާހަކަތަކެއްވެސް އެބަހުއްޓެވެ. ޚާއްސަކޮށް މިފަދަ ކޮމިޝަންތަކުން އެކިއެކި ކަންކަމުގައި ނިންމާ ނިންމުންތައް ހުންނަ ގޮތުން މިފަދަ ވާހަކަތަކަށް ބާރުލިބޭ ގޮތްވެސް ވޭމެއެވެ.
ދައުލަތުގެ އެންމެހައި ބާރުތައް ޒިންމާދާރު ކުރުވައި ގައުމުގެ މަސްލަހަތުތައް ދެމެހެއްޓުމަށް ކޮމިޝަންތަކުގެ ދައުރަކީ މުހިންމު ދައުރެއް ކަމުގައި ގަބޫލުކުރާހިނދު ، ކޮމިޝަންތަކުގެ ދައުރަކީ ހަމައެކަނި އިދިކޮޅު ފަރާތްތަކުގެ ދިފާއުގައި ބަސްބުނުން ކަމުގައި ވާނަމަ ގައުމުގެ މަސްލަހަތު މުޅީން ގެއްލި އޮޔާދިއުމަކީ ނުވެނުދާނެ ކަމެކޭ ދެންނެވޭކަށް ނެތެވެ. މިހާތަނަށް ރާއްޖޭގައި އުފެދުނު ކޮމިޝަން ތަކުގެ ތެރެއިން ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ދައުރަކީ ގިނަ ރައްޔިތުން ބަލައިގަތް ދައުރެއް ކަމުގައި ދަންނަވާން ޖެހެއެވެ. ސަރުކާރާ އަދި އާންމު ފަރާތްތައްވެސް ތަފާތުކުރުމެއްނެތި ބަސްބުނަމުން ގެންދިޔަ ދައުރެއް ކަމުގައި ބުނާންޖެހެއެވެ. އޭގެސަބަބުން ގައުމުގެ ހާލަތު ރަނގަޅުކުރުމުގައި އެކޮމިޝަންގެ ދައުރު ފުޅާވެ ދިޔަކަމުގައި ބުނެވިދާނެއެވެ.
އިލެކްޝަން ކޮމިޝަންކީ މުހިންމު ދައުރެއް ފެށުނީއްސުރެ އަދާކުރަމުން ގެންދާ ކޮމިޝަންއަކަށް ވީއިރު ބައެއް ފަހަރަށް ގާނޫނީ ހުސްކަމެއްގެ ތެރެއަށް އެކޮމިޝަން ފުރޮޅި، ވެއްޓިގެންގޮސް ފައިބިނދިފައި ވަނިކޮށް ވަނީ ފެނިފައެވެ. މިސާލަކަށް ސިޔާސީ ހަރަކާތްތައް އެންމެ އެދެވޭ ގޮތުގައި ހިންގަމުން ނުގެންދާ އަދި ، ތިންހާސްމީހުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް އެކޮމިޝަނުން ކުރި މަސައްކަތްތަކަށްވަނީ ކޯޓުތަކުން ހުރަސް އަޅާފައެވެ. ސިޔާސީ ޕާޓީތައް ރެގިއުލޭޓުކޮށް ބެލެހެއްޓުމުގެ ޒިންމާ އެކޮމިޝަނާއި ހަވާލުކޮށް ފައިވަނީ ” މޮހޮނަށް އޮޑިދިން ގޮތަށް ” ކަމުގައި މާނަކުރާން ޖެހޭފަދަ ނިންމުމެއް އެވަނީ ނިންމާފައެވެ. ދެމީހުން ހަމަވިޔަސް ސިޔާސީ ޕާޓީއެއް އުވާލުމުގެ ބާރެއްވެސް އެކޮމިޝަނަކަށް ނެތެވެ. ޖެހޭނީ ހަމަ ފައިސާދީދީ ، ސިޔާސީ ޕާޓީތަކުގެ ގާނޫނެއް ފާސްވަންދެން ތިބޭށެވެ. ދުނިޔެ ދިގިއްޔާ ދިގުކޮށް ސިޔާސީ ފަރާތްތަކުން މަޖިލީހުގައި ތުނބުލައި ވީދަމުން ގެންދާ ބިލު ނިމޭނީ ކޮންއިރަކުން ކަމެއް ނިމޭއިރު އޮންނާނީ ކޮންގޮތަކަށް ކަމެއްވެސް ބުނާންއިނގޭ މީހަކު ނޫޅެއެވެ. ކައުންސިލަކުން މެމްބަރަކު ހުސްވީމައި ހަދާނެ ގޮތެއްވެސް މިއޮތީ ނޭނގިފައެވެ. މަޖިލީހުގެ ގޮނޑިއެއް ހުސްވަނީ ކިހިނެއްކަމެއް ނޭނގެއެވެ. އިސްތިއުނާފު ކުރުމުގެ މަރުހަލާ ނުނިމެނީސް މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމުގައި ބަލައިގެން އެކޮމިޝަނުން ބައި އިލެކްޝަނެއް ބާއްވައި ނިމޭފަހުން އެއްކަލަ ގޮނޑީގައި ކުރީން އިން މީހާ ޝަރީއަތުން މިންޖުވެއްޖެނަމަ އެމީހާގެ އަނބިދަރީންނާއި އެކޮމިޝަނުގެ މެންބަރުންނާ ދެވާންޖެހޭނެ ކަމުގައިވެސް ކޯޓުއަމުރެއް ނެރެފާނެ ކަމުގެ ބިރުވެރިކަން އެބައޮތެވެ.
ފުލުހުންނަކީ އެންމެ މުހިންމު މުއައްސަސާ އެއްކަމުގައިވާއިރު ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންއަކީ މުހިންމު ކޮމިޝަންއެކެވެ. ފުލުހުންނަކީ މުޅިގައުމުގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމުގެ ޒިންމާ އާއިއެކު ރައްޔިތުން ކުށުގެ ވެށީން ސަލާމަތް ކޮށްދިނުމަށްވެސް ޒިންމާ އަދާކުރާ ބައެކެވެ. ގައުމުގެ ކޮންމެ ދިމާލެއްގައި ކޮންމެ ހަމަނުޖެހުމެއް ހިނގިޔަސް އެތަނެއްގައި ހަރަކާތްތެރިވާން ޖެހެނީ ފުލުހުންނަށެވެ. ހުރިހައި މީހުންގެ ހުރިހައި ހަމަލާއެއް ރައްދުވަނީ އެވެރީންނަށެވެ. ކޮންމެ ކަމެއް ކުރާއިރުވެސް ސިޔާސީ ފަރާތްތަކުން އެންމެއަވަހަށް ހޫނުފެން ޖަހާލާނީވެސް ފުލުހުންނަށެވެ. ހަމަނުޖެހުން ތަކުގައި ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާ އަނިޔާތަކުގައި ފުލުހުން ހިމާޔަތް ކުރަނީ ކޮންބައެއް ހެއްޔެވެ؟ ހަމަނުޖެހުން ތަކުގެ ތެރޭގައި ފުލުހުންނާއި ކުރިމަތިވާ ހަމަލާތަކާއި ބޭރުން އަންނަ ސިޔާސީ ހަމަލާތަކުގެ ކުޑަބޮޑު މިން އެނގޭނީ ފުލުހެއްގެ ގޮތުގައި މަސައްކަތް ކޮށްލީމައެވެ. ފަހަރެއްގައި ފުލުހެއްގެ ގޮތުގައި އުޅެފައި އެކަމާ ދުރުވެގެން ހުރި މީހަކަށް މިއަދު އެކަން ވަޒަން ނުކުރެވިދާނެއެވެ. ހަމައެހެންމެ ދެއިރު ދެދަޅަޔަށް ފޭޝަލް ހަދާލައިގެން ބޮޑުގޮނޑިއެއްގައި ވެޑުވިގެން އިންނަ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންގެ މެންބަރަކަށް ފުލުހުން އެކުރިމަތިލާ ހާލަތު ނުވިސްނިދާނެއެވެ. އެކަމަކު ފުލުހުން ކުރާ ކޮންމެ ކަމަކާ ފިސާރި އިދިކޮޅަށް ބަސްބުނެލުމަކީ އެނަން ނުކިޔައި “ގިލިގިލި ކޮށްޓާ ކޮމެޓީއޭ” ކިޔާފައި ބޮޑުމުސާރަ ދީފައި ބަޔަކު ބޭތިއްބިޔަސް ކުރެވިދާނެ ކަމެކެވެ. ގަޔަކު އަޅާނެ ވަޔެއް އޮޔެއް ނޯންނާނެއެވެ. މަހުންމަހުން ބޮޑުމުސާރަ ލިބޭނެއެވެ. މުޅި ފުލުހުންގެ މުއައްސަސާ އެކުގައި ކުރަމުން ގެންދާ މިންނެތް މަސައްކަތްތަކަށާއި މިއަދުގެ ސިޔާސީ ވެށީގައި މިހުރި ހަލަބޮލިކަމުގައި ކޮންމެ ދުވަހަކު ފުލުހުން ގައުމަށްޓަކައި އެވަމުން ގެންދާ ގުރުބާނީއަށް ބަލާލުމެއްނެތި ހައެއްކަ މީހަކަށް މަޑުގޮނޑީގައި އިށީނދެ ތިބެގެން ބަޔާން ނެރުމަކީ ފަސޭހަ ކަމަކަށް ވެދާނެ ކަމެކެވެ. އަދި ކަމެއް ހިނގި ގޮތުގެ އެންމެ ފުރިހަމަ ތަހުގީގެއްވެސް ކުރުމަކާ ނުލައި ފުލުހުންގެ އަގުވަށްޓާލުމަށް ބަޔާންތައްވެސް ނެރެވިދާނެއެވެ. އެގެންދަނީ އެކަން ކުރަމުންނެވެ.
މިއަދު ރާއްޖޭގައި މީހެއްގެ ދަރިއެއްގެ ބޮލުގައި ލަކުޑި ބެރިއަކުން ޖަހައި އެފަކީރު ޕެރަލައިޒު ކޮށްލީ ކުރީގެ ރައީސްގެ ގެއިން އޭނާގެ ދަރިއަކު ދިން ހަމަލާއަކުން ކަމުގައި ބަޔަކު ބުނާތީވެ އެކަން ފޮރުވުމަށް ބައެއް ކޮމިޝަންތަކުން އެގެންދަނީ ތަފާތު ބަޔާންތައްނެރެ ފަސްއަޅާ ފޮރުވާލަމުންނެވެ. ޝަރުއީ މަހުކަމާއެއްގެ ދޮށުގައި ބަޔަކު މުޒާހަރާއެއް ކުރާންފެށުމުން އެވަގުތު އެތަނުގައި އަމަލުކުރާނެގޮތް ބުނެދޭކަށް އެބުނާ ކޮމިޝަނެއް ނޯވެއެވެ. ޒިންމާ ނަގައިގެން ވެށިހިމާޔަތް ކުރުމުގައި ހަރަކާތްތެރިވަނީ ފުލުހުންނެވެ. ކޮމާންޑުކުރަނީ އެމީހުންނެވެ. އެމީހުންގެ ނިންމުމެއްގެ ސަބަބުން މައްސަލަ ހޫނުވެ ބައެއްގެ ފުރާނަ ގެއްލިގެން ދިޔަޔަސް އެއަކީ އެބުނާ ކޮމިޝަނަކުން ޒިންމާ އުފުލާނެ ކަމެއް ނޫނެވެ. މިހިސާބުގައި މިކަންކަން ތަކުރާރުވެ ފެންނާން ފެށުމުން މިއަދު ސުވާލު އުފެދެނީ މިވަގުތު ފުލުހުންގެ ކަންކަން ބަލައި ހޯދުމަށް އެއޮތް ކޮމިޝަންއަށް ބޮޑުވެގެން އެއުޅެނީ ފުލުހުން ކަންކުރި ގޮތް ހެއްޔެވެ؟ ނޫނީ އެމީހުންނަށް އެބޮޑުވަނީ އެމީހުންގެ މަސްލަހަތު އޮންނަ މީހަކުކުރި ކުށެއް ފަޅާއަރާފާނެތީ ހެއްޔެވެ؟ ހަމަގައިމުވެސް އަނިޔާލިބި މަރަށްދެމިދެމި އެއޮތް ކުއްޖާގެ ހައްގުގައި ބަހެއްބުނާނެ ކޮމިޝަނެއް ނެތެވެ