ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ކޮމޮންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރޭލިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މާލޭ ރަސްމީ ފާލަމުން މަރުޙަބާ ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރ މައިޒާން ޢަލިމަނިކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބައެއް ބޭފުޅުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލޭ ރަސްމީ ފާލަމުގައި ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ދަތުރުފުޅުގެ މަޢުލޫމާތު ޙިއްޞާ ކުރައްވަމުން، މިއަހަރުގެ ކޮމޮންވެލްތް ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން ކޮމަންވެލްތަށް އިޞްލާޙު ގެނައުމުގެ ވަރަށް ގިނަ ކަންކަމާ މަޝްވަރާ ކުރެއްވި ކަމަށާއި، މީގެ ތެރެއިން ގިނަ އިޞްލާޙުތައް ކޮމޮންވެލްތްގެ ވެރިން ބަލައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިފަހަރުގެ ކޮމޮންވެލްތް ސަމިޓުގައި ދިވެހިރާއްޖެއަށް ލިބުނު ފުރްޞަތުތައް ރަނގަޅުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ސަމިޓަށްފަހު އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ޖޫލިޔާ ގިލާޑް ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު، ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމުގެ ފުރްޞަތު، ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވިއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާއި، ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރޭ ދެންނެވި ސުވާލުތަކަށްވެސް އެމަނިކުފާނު ޖަވާބު ދެއްވިއެވެ.