ބަރުމާއަށް ގެންނަމުންދާ އިޞްލާޙީ ބަދަލުތަކަށް ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެ

ބަރުމާއަށް މިހާރު ގެނެވެމުންދާ ސިޔާސީ އިޞްލާޙީ ބަދަލުތަކަށް ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ބަދަލުތަކަށް ދިވެހި ސަރުކާރުން މަރްޙަބާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގެ ތެރޭގައި ބަރުމާ ސަރުކާރުން ދުއިސައްތަ ސިޔާސީ ކުށްވެރިން ދޫކޮށްލުމާ ގުޅިގެންނެވެ. އަދި ބަރުމާގެ އިދިކޮޅު ލީޑަރ އަންގ ސަން ސޫ ޗީ އާއެކު ބަރުމާ ސަރުކާރުން ކުރަމުން ގެންދާ މަޝްވަރާތަކުގެ ނަތީޖާ ކުރިއަށް އޮތްތާނގައިވެސް ވަރަށް ރަނގަޅަށް ފެނިގެންދާނެކަމަށް ދިވެހި ސަރުކާރުން ޔަޤީން ކުރައްވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
.
މިކަމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވީ، ބަރުމާގައި ތިބި ހުރިހާ ސިޔާސީ ކުށްވެރިންވެސް މިނިވަންވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ބަރުމާ ސަރުކާރާއި، އިދިކޮޅު ލީޑަރ އަންގ ސަން ސޫ ޗީއާ ދެމެދު ހިނގަމުންދާ މަޝްވަރާތަކުގެ ސަބަބުން ބަރުމާއަށް ފުރިހަމަ ޑިމޮކްރަސީ ގެނެވިދާނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ޒުހައިރު ވިދާޅުވިއެވެ.