ފުނަމާ
ދުނިޔޭގައި ނެތްވަރުގެ ގާނޫނުއަސާސީއެއް ހަދައިގެން ދިވެހީން މިތިބީ ފިސާރި ފަޚުރުވެރި ކަމާއެކުގައެވެ. ނަމަވެސް ރާއްޖޭގެ ގާނޫނީ މާހިރުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކަކާއި ބަހުސްތަކެއް މިދަނީ ހިނގަމުންނެވެ. ރިޔާސީ ނިޒާމުގެ ސިފަތަކަށް ނުފެތޭ ކިތަންމެ ގާނޫނުތަކެއް ހުރިކަމުގައި ކުރީއްސުރެވެސް މިދަނީ ވާހަކަ ދައްކަމުންނެވެ. މިނޫނަސް ކިތަންމެ މައްސަލަތަކެއް މިއަދު މިއަމަލުކުރެވޭ ގާނޫނުއަސާސީގައި އެބަހުރި ކަމުގައި ބުނަމުން ދިޔަނަމަވެސް މިމައްސަލަތައް ހައްލުކުރެވޭނެ ގޮތެއް މިއޮތީ މިއަދާ ހަމަޔަށްވެސް ނުފެނިފައެވެ. ގާނޫނުއަސާސީ މާނަކުރުމުގެ ބާރު ލިބިދީފައިވާ ފަރާތްކަމުގައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މިކަންކަން އިސްލާހު ކުރުމަށް ކުރާ މަސައްކަތެއްގެ އަޑު ނީވުނެއްކަމަކު ކޮރަޕްޝަނަށް މަގުފަހިވާ ބައެއް ކަންކަން ހިންގަމުން ގެންދާކަމުގެ އަޑުތައް މިފަހަކަށް އައިސް މިދަނީ ގަދަވަމުންނެވެ. ދަށުކޯޓުތަކަށް އާންމު ރައްޔިތުން ހުށައަޅާ ބައެއް މައްސަލަތައް ބޮޑުއަމުރު ނެރެގެން ގެންގޮސް ސްޕްރީމްކޯޓުގެ ތެރޭގައި ބަގުޑިލައިގެން ތިބޭވާހަކަ ދެކެވެއެވެ. އެކަމަކު ސްޕްރީމް ކޯޓެއްގެ ހައިބަތާ ގަދަރަކީ ބޮޑުވާންޖެހޭނެ އެއްޗެއްކަމުގައި އެންމެންވެސް ގަބޫލުކުރާން ޖެހޭނެއެވެ. އަދުލު އިންސާފު ގާއިމުކުރާ އެންމެ އިސްފަރާތެއްގެ ގޮތުގައި ސްޕްރީމްކޯޓު ކަނޑައެޅިފައިވާއިރު އެމުއައްސަސާ ފެއިލްވެއްޖެނަމަ އެފެއިލްވަނީ މުޅިގައުމުގެ އަދުލު އިންސާފެެވެ. މިއީ ދިވެހި އެއްވެސް ރައްޔިތަކު އެދޭނޭ ކަމެއް ނޫނެވެ.
ގާނޫނުއަސާސީއާއި ފުށުއަރާ ގޮތަކަށް ހެދޭ ކޮންމެ ގާނޫނަކާއި ގަވާއިދެއް ބާތިލު އެއްޗެއް ކަމުގައި ވާނެކަމުގައި ގާނޫނުއަސާސީގައި އެބަބުނެއެވެ. ނަމަވެސް ގާނޫނުއަސާސީ ވެސް ގާނޫނުއަސާސީއާއި ފުށުއަރަޔޭ ބަޔަކު ބުނާއިރު ހެދެމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގައި ކިތަންމެ ފުށުއެރުމެއް އެބަހުރި ކަމުގައިވެސް އެދަނީ ބުނަމުންނެވެ. ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަ ތަކުގެ ސަބަބުން މުޅިގައުމު ހުއްޓުމަކަށް އައުމަށް މަގުފަހިވާއިރުވެސް މިކަންކަން ހައްލުކުރާނީ ކިހިނެއް ކަމެއް އަމުދުން އެގެންނެތްކަމީ ހިތާމަހުރި ކަމެކެވެ. ގާނޫނުއަސާސީ މާނަކުރާންތިބި ބައެއްގެ ޒިންމާ އަދާކުރާންޖެހެނީ ހަމައެކަނި ސަރުކާރާމެދު އިދިކޮޅު ފަރާތްތަކުން ކުރާތުހުމަތު ތަކާއި ސަރުކާރުގައި މަރުތަޅުއަލުވަން އެވެރީންކުރާ މަސައްކަތްތަކުގައި އިދިކޮޅު ފަރާތްތަކަށް ވާގިވެރި ވުމަށްކަމުގައި ހީކުރެވޭ ހިސާބަށް ބައެއް ފަހަރު ދިއުންފިޔަވައި އެހެންކަމެއް ފާހަގައެއް ނުކުރެވެޔޭވެސް ބައެއްމީހުން ބުނެއެވެ. އެހެންނަމަ މިއީ ހިތާމަހުރި ކަމެކެވެ.
ދޭތެރެ ދޭތެރެއިން ދައުލަތުގެ އެންމެ މުހިންމު އެއްބާރުކަމުގައިވާ ގާނޫނުހަދާ މަޖިލިސް މަރުތަޅުއެޅި ހުއްޓިފައި އޮށްވައި މިދަނީ ފެންނަމުންނެވެ. ރައްޔިތުންނަށް ބޭނުންވާ އެތަކެއް ގާނޫނުތަކެއް ނެހެދި އޮތްއިރު ގާނޫނުއަސާސީއިން ލާޒިމްކޮށް ކޮންމެހެން ހަދަންޖެހޭ އެތަކެއް ގާނޫނުތައްވެސް އެހަތަރުފާރުގެ އެތެރޭގައި އެވަނީ ނޭވާހޮޅިޔަށް އެޅިފައެވެ. މިކަންއިސްލާހު ނުކުރެވި މިއޮންނަނީ އަނެއްކާ ސިޔާސީ ފަރާތްތަކަށް މިކަމުގެ ފައިދާތަކެއް އޮންނާތީބާވައެވެ؟ ނޫނީ ރައްޔިތުންގެ ހައްގުތަކަކީ މިގައުމުގެ ގާނޫނުއަސާސީގައި ލިޔެވިފައި އޮތެއް ކަމަކު އަގެއްނެތް އެއްޗެއް ކަމުގައި ބަޔަކު މާނަކުރާތީ ބާވައެވެ؟ ސިޔާސީ ޕާޓީތައް އެހިންގަނީ ގާނޫނީ ހަމައެއްނެތި ހިންގާ ބޮޑުބެރު ޕާޓީތަކެއް ހެންނެވެ. އެމީހުންގެ ބެލެނިވެރިއަކީ ކޮބައިކަންވެސް މިހާރަކު ނޭނގެއެވެ. ދެފޮޅުވަތް ދޭތެރެއިން ކުރާބައެއް ކޯޓު ހުކުމްތަކުގެ ސަބަބުން އެލެކްޝަން ކޮމިޝަނަކީ ކީއްކުރާ ބައެއްކަންވެސް އޮޅިއްޖެއެވެ.
ތަފާތު އަޑުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ފުށުއަރާ ކިތަންމެ މާއްދާއެއް އެބަހުރި ކަމުގައި ގާނޫނީ މާހިރުން ބުނަމުން ގެންދިޔަ ނަމަވެސް އެއަޑުއަހާނެ އެއްވެސް ކަންފަތެއް ނެތެވެ. ހިތައް އެރުމުން މަޖިލީހުގެ ތަޅުމަކީ އެބުނާކަހަލަ ” ކޮށްޓަކަށް ” ހަދާލާއިރުވެސް އެކަން ހުއްޓުވާނެ ސާޖަންޓް އެޓް އާމްސް އެއްވެސް ނެތެވެ. ދޮރުތައް ތަޅުލައި މަޖިލިސް ރަހީނުކުރިޔަސް އަޅާނެ ފިޔަވަޅެއް އެނގޭނެ އާދަމުގެ ދަރިއަކު މިތާކުނެތެވެ. އެވަރުން ނުވެގެން މަޖިލީހުގެ އެތެރޭގައާއި ބޭރުގައި އެފަދަ ދެވަނައެއް މިގައުމުގައި ނުވާ އިއްޒަތްތެރި މެންބަރުން ބަނޑުމުސާރައަށް ބައްދައި އެކޮޅުމުޑިން އުކިއެއް ކަމަކު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އިއްޒަތްތެރި ބޭފުޅުން އެވިދާޅުވާ ” ރީތި ބަސްފުޅުތަކުގެ ” އަޑުއަހަން ކަންފަތްތައް މިވަނީ ނުކުޅެދިފައެވެ. ގަޛުފުގެ ހައްދަކީ ކިހިނަކުން އަރާއެއްޗެއް ކަމެއްވެސް މިވަނީ އޮޅިފައެވެ. މިހާލަތުގައި މަރުފަލި ޖަހަޖަހައި ވަރުބަލިވެ މުޅިގައުމު އޮޔާދާއިރު އަނެއްކާވެސް ގާނޫނުހަދާ މަޖިލީހުގައި އެއޮތީ މަރުތަޅު އަޅުވާފައެވެ. ކޮންމެހެން އިމްޕޯޓު ބިލޭ ނުކިއެއްކަމަކު މުހިންމު ބިލުތަކަކާއެކުގައެވެ. މަޖިލީހުގެ މެންބަރެއްގެ ގޮނޑި ސައްހަތޯ ނޫންތޯ މިސުވާލުގެ ތެރޭގައެވެ. ގޮނޑި ނުގެއްލޭނަމަ މެންބަރަށް މަޖިލީހުގައި އިނދެވޭނެ ކަމުގައި އެއްބަޔަކު ބުނާއިރު ނީނދެވޭނެ ކަމުގައި އަނެއް ބަޔަކު އެބުނަނީއެވެ. ރަނގަޅީ ކޮންގޮތެއް ކަމެއް ބުނެދޭނެ މީހަކު ނެތެވެ. އިސްތިއުނާފުގެ މަރުހަލާއިން ނިމޭ ގޮތެއްގެ ސަބަބުން ގެއްލިގެން ހިގައިދާނެ ހައްގުތަކެއް އަނބުރައި ލިބިދޭނެ ގޮތެއް ބުނެއެއް ނުދެވެއެވެ. މަޖިލީހުގެ އޮނިގަނޑުގެ ތެރޭގައި އޮންނަ ކައުންސިލަރ ޖެނެރަލްގެ މަގާމުވެސް އެއޮތީ ޒިޔާރަތް އަރުވައި ދުންބުރުވާފައެވެ. މެންބަރުގެ ގޮނޑި ގެއްލުނީކަމެއް ނުގެއްލޭކަމެއް ބުނެދޭނެ މީހަކު ނެތެވެ. ބޭރުތެރެއިން މާބޮޑު އިމްތިޔާޒެއް ލިބިގެން އުޅޭ މީހަކު އަބަދުވެސް ގޮވާއަޑު އިވެނީ ސަރުކާރަށް ތާއީދުކުރާ މެންބަރެއްގެ ގޮނޑިވިއްޔާ އުފުރާލާނެ ކަމުގައެވެ. ކޯޓުން ހުކުމްކުރާނީ އޭނާ އެބުނާގޮތަށް ކަމުގައި މޭރުންވާ ގޮތަށް ހަމަހޭގައި ނޫންނަމަވެސް ހުރެގެން އެހެރަ ގޮވަނީއެވެ. ބޮޑުފަނޑިޔާރަށް ” ކަހެރަވަކެކޭވެސް ” ހީނުވެއެވެ. ފެންނަނީ އެސޮރު އެގޮވާގޮތަށް ކަންކުރާން އުޅޭތަނެވެ. މިހުރިހައި ކަމެއް މިގޮތަށް އޮތްއިރު އަޅުގަނޑުގެ ސުވާލަކީ ، ގާނޫނުއަސާސީގެ ބެލެނިވެރިޔަކީ ކޮބައި ހެއްޔެވެ؟