އިބްރާހީމް ރާމިޒް

ފުވައްމުލަކު އެއަރޕޯޓަށް ފުރަތަމަ ފްލައިޓް ޖެއްސުމުގެ އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަށާއި، ފުވައްމުލަކުގެ ރައްޔިތުންނަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މަރުހަބާ ވިދާޅުވެއްޖެއެވެ.
އަމިއްލަފުޅު ދަތުރުފުޅެއްގައި މިވަގުތު ރާއްޖެއިން ބޭރުގައި ވަޑައިގެން ހުންނަވައި އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުން އެކަމަކަށް އެދި ފެންބޮވައިގެންފައިވާ އެއަރޕޯޓް މި ސަރުކާރުން ކުރުމުއްދަތެއްގެ ތެރޭގައި އަޅައި ފުވައްމުލަކުގެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިން ކަމަށްޓަކައި އަދުގެ ސަރުކާރަށާއި، އެ މަސައްކަތުގައި ޙަރަކާތްތެރިވި އެސްޓީއޯ އާއި ޢަމަލީ ގޮތުން އެއަރޕޯޓްގެ މަސައްކަތުގައި ޙަރަކާތްތެރިވި ހުރިހާ ފަރާތަކަށް ޝުކުރުއަދާކުރައްވާ ކަމަށާއި، ފުވައްމުލަކުގެ ރައްޔިތުންގެ މިއުފަލުގައި އެމްޑީޕީން ބައިވެރިވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ކިތަންމެ ގޮންޖެހުމެއް ކުރިމަތިކުރުވަމުން ދިޔަ ނަމަވެސް މި ސަރުކާރުގެ ތަރައްޤީގެ ޕްލޭންތައް މެކުހަށް ޖަހައި މުޅި ރާއްޖެ ތަރައްޤީ ކުރުމަކީ އެމްޑީޕީގެ ސަރުކާރުގެ އަމާޒު ކަމަށާއި، އެއަމާޒަށް ވާޞިލްވުމުގެ ގާބިލުކަން މި ސަރުކާރުގައި އެބަހުރިކަން ފުވައްމުލަކާއި އައްޑޫ ސިޓީގެ ރައްޔިތުންގެ އިތުރުން މުޅިރާއްޖެ މިއަދު ޤަބޫލުކުރާ ކަމަށާއި، “އިރާދަކުރައްވިއްޔާ އެމްޑީޕީން ދިވެހިރައްޔިތުން ހިނިތުންވާ ވަރުގެ ތަރައްޤީއަކާއި ތަހުޒީބެއް މިދައުރުގައި އެކަނިވެސް ރާއްޖެއަށް ގެންނާނޭ” ކަމަށެވެ.
ފުވައްމުލަކަށް މިއަދު ޖެއްސި 37 މީހުންގެ ޖާގައިގެ ޑޭޝް 8 މަރުކާގެ ބޯޓަކީ 30 މީޓަރު ފުޅާ، 1200 މީޓަރު ދިގުމިނުގެ ރަންވޭއަކާ އެކު ހަދާ ފުވައްމުލަކު އެއާޕޯޓަށް ރަސްމީދަތުރުތައް ފެށުމުގެ ކުރިން ރަންވޭ ޓެސްޓްކުރުމަށް ބޭއްވި ފްލައިޓެކެވެ. އެ އަޕޯޓަށް ދަތުރުތައް ފެށުމަށް ހުއްދަ ދިނުމާ މެދު ސިވިލްއޭވިއޭޝަން އޮތޯރިޓީން ގޮތެއް ނިންމާނީ މި ދަތުރަށް ފަހުގައެވެ.