ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަނީ މަޖިލީހުގެ ރައީސް އަޑީގައި ހުންނަވައިގެން – ސަމީރު

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަޙުމަދު ސަމީރު .. ފޮޓޯ:މަންދީ ޒުބައިރު
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަޙުމަދު ސަމީރު .. ފޮޓޯ:މަންދީ ޒުބައިރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަނީ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އަޑީގައި ހުންނަވައިގެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން ސަމީރު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ޖަލްސާތައް ކުރިޔަށް ނުގެންދެވި ހުއްޓިފައި އޮތް އޮތުން “ޑިޕްލޮމެޓިކްކޮށް” ހައްލުކުރަން ނުޖެހޭނޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔަ ނުދީ މީގެ ކުރިން ހުއްޓުވުމުން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހޭލާ ތިބެގެން ޖެހިގެން އައި ދުވަހު ޖަލްަސާ ބާއްވާފައިވާ ކަން ފާހަގަކުރައްވަމުން އެ ދުވަހު މަޖިލިސްކުރިޔަށް ގެންދިޔަ ގޮތަށް މިހާރު މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނޭ ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ އިދިކޮޅު ބައެއް ފަރާތްތަކުން މަޖިލިސް ހުއްޓުވުމަށް މަސައްކަތްކުރަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އަށް 17 ވަނަ ސަރކް ސަމިޓް ގައި ބައިވެރިވެވަޑައިގެންނެވުމަށް ދައުވަތުނުދެއްވާނޭކަން ޚާރިޖީ ވަޒީރު އަޙުމަދު ނަސީމް އިޢުލާންކުރެއްވުމާ ގުޅިގެން ކަމަށެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގ މިއަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު މަޖިލީހުގައި ތަޤްރީރުކުރައްވާ ގޮތަށް ހަމަޖެހިފައިވާތީ އެކަމަށް ހުރަސްއެޅުމަކީ ވެސް އިދިކޮޅު ފަރާތްތަކުގެ މަޤްސަދެއް ކަމަށާއި، އެހެން ކަމުން މަޖިލިސް ހުއްޓުވުމުގެ ފަހަތުގައި ގަސްތުގައި ރާވައިގެން ކަންތައްތަކެއް އެބަހިނގާ” ކަމަށް ސަމީރު ވިދާޅުވިއެވެ.”

“މަޖިލިސް ހުއްޓުވުމަކީ ސަރުކާރުގެ އިޤްތިޞާދީ ބިލުތައް ބުރެކިޖައްސައި، ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާ ފެއިލްކޮށްލުމަށް އިދިކޮޅު ބައެއް ފަރާތްތަކުން ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް. އަޅުގަނޑު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރެއްގެ ޙައިޞިއްޔަތުން، މަޖިލީހުގެ ރައީސަށް އިލްތިމާސްކުރަން ސިޔާސީ ފިކުރު އެއްކިބާކޮށް، ވީހާވެސް އަވަހަށް މަޖިލީހުގެ ގަވައިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިއުމަށް” ސަމީރު ވިދާޅުވިއެވެ.