ޙުސައިން ޙަސަންގެ ބޮލުގައި ލަކުޑިބުރިއަކުން ޖެހި މައްސަލައިގެ ތަޙްޤީގު ނިންމައި ހަފްތާއެއްގެ ތެރޭގައި ޕީޖީ އަށް ފޮނުވޭވަރުވާނެ ކަމަށް ޕޮލިހުން ބުނެފި

އިބްރާހީމް ރާމިޒް

ޙުސައިން ޙަސަންގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހައި އެ ޒުވާނާއަށް ސީރިއަސް ޒަޚަމްތަކެއް ދިން މައްސަލައިގެ ތަޙްޤީގު ނިންމައި ހަފްތާއެއްގެ ތެރޭގައި ޕީޖީ އަށް ފޮނުވޭވަރުވާނެ ކަމަށް ޕޮލިހުންނާއި ހަވާލާދީ އެމްޑީޕީ ޙައްޤު ކޮމިޓީން ބުނެފިއެވެ.
މިއަދު ހެނދުނު އެމްޑީޕީ ހައްޤު ކޮމިޓީގެ ފަރާތުން ޕޮލިހުންގެ އިސް ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހު އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން އެ ކޮމިޓީގެ ވަގުތީ ނައިބު މުޤައްރިިރު ޢުބައިދުﷲ މުޢާޒް ވިދާޅުވީ ޑެޕިއުޓީ ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް އާއި ފުލުހުންގެ އެހެން އިސް އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ހައްގު ކޮމިޓީގެ ފަރާތުން މި މައްސަލައިގެ ތަޙްޤީގް ލަސްވަނީ ކީއްވެތޯ ސުވާލުކުރުމުން، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ މައްސަލައިގެ ތަޙްޤީގް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި، ހަފްތާއެއްގެ ތެރޭގައި މިމައްސަލައިގެ ތަޙްޤީގް ނިންމައި ޕީޖީ އޮފީހަށް ފޮނުވާލެވޭ ވަރުވާނޭ ކަމަށެވެ.
ޕޮލިހުން އިތުރަށް ވިދާޅުވީ މި މައްސަލަ ތަޙްޤީގްކުރުމުގައި ޤާނޫނު އަސާސީގެ 46 ވަނަ މާއްދާ މާނަކުރުމުގައި މައްސަލަ ދިމާވެ، ޣައްސާނު ކޯޓު އަމުރުގެ ދަށުން ދޫކުރުމުގެ ސަބަބުން މި މައްސަލައިގެ ތަޙްޤީގަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވި ކަމަށެވެ.
ޙުސައިން ޙަސަނަށް އިންސާފް ހޯދުމަށް އެމްޑީޕީން ކުރާ މަސައްކަތުގައި، އެ ޕާޓީގެ ހައްޤު ކޮމިޓީގެ ފަރާތުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިއުމަންރައިޓްސް ކޮމިޝަނުގެ އިސްވެރިންނާ ވެސް ބައްދަލުކޮށްފައެވެ.

އެމްޑީޕީގެ ހައްޤު ކޮމިޓީން މިއަދު ފުލުހުންގެ އިސް ބައެއް އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޓީގެ ވަގުތީ މުޤައްރިރު ޢަބްދުﷲ ޝާޢިރު އާއި ނައިބު މުޤައްރިރުގެ އިތުރުން އެ ކޮމިޓީގެ އިތުރު 4 މެންބަރަކު ވެސް ބައިވެރިވެލެއްވިއެވެ.