މެންބަރުންގެ ޚިޔާލު: ގޯސްވާނީ ބަސް ބުނާމީހާ އެވެ!

ފުނަމާ

maldives_police2

މިފަހަކަށް އައިސް ދިވެހި ފުލުހުން ތަފާތު ބޮޑެތި ކުށްވެރީން އަތުލައި ގަންނަނީ ފުލުހުންގެ އިންޓެލިޖެންސްްއަށް ލިބޭ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް އެތަކެއް ހޯދުންތައް ހޯދުމަށްފަހު ބޮޑެތި ހެކިތަކާއި އެކުގައެވެ. ފޮރިންސިކް އެވިޑެންސް އާއިވެސް އެކުގައެވެ. މިއަދަކީ މީހުންގެންގޮސް އޮޅުއަޅައިގެން އެންގަލަށް ނަގައިގެން ނޫނީ ފަރުމަތީގައި ވާޖަހައި ދަމައިގެން ބަޔާންނަގާ ދުވަހެއް ނޫނެވެ. މިކަންކަން އެވަނީ ކުރީގެ ސަރުކާރާއެކު ނިމިގޮސްފައެވެ. މިއަދުގެ ފުލުހުންނަކީ ޒަމާނީ ތައުލީމާއި ތަމުރީނު ހޯދައިގެން މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެކެވެ. ފުލުހުންނާއި އެކުއެކުހެން ދިވެހި ކަސްޓަމާއި ، އިމިގްރޭޝަންވެސް އެވަނީ ކުރިޔާއަޅާ ބަލާއިރު އެތައްތަނަކުން ކުރިއަރާފައެވެ. މިއަދުގެ ގައުމީދިފާއީ ބާރަކީ މިގައުމު ފަޚުރުވެރިވާނެ ބައެއްކަން ކަށަވަރެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ބޮޑެތި ނެޓުވޯކްތައް އަޅައިގެން އެކިއެކި ކުށްތައް ކުރަމުން ގެންދާ ފަރާތްތައް ކަމާބެހޭ ފަރާތްތަކުން އެގެންދަނީ އަތުލައި ގަންނަމުންނެވެ. ރާއްޖޭގެ އިންޓެލިޖެންސް އަށް ނޭނގި ރާއްޖޭގައި މިފަދަ ނެޓުވޯކަކުން ހަރަކާތްތެރި ވެވިދާނެ ކަމުގައި ހީކުރުމަކީ މިއަދަކު ކުރެވޭނެ ކަމެއްނޫނެވެ. ދުވަހުން ދުވަހަށް އެމުއައްސަސާއިން މިފަދަ ކުށްވެރީންގެ އަމަލުތައް އެގެންދަނީ ރެކޯޑު ކުރަމުން ފާރަލަމުންނެވެ. އެކަމަކު އަތުލައި ގަނެވޭނީ އެކަށީގެންވާ ހެކިތައް ލިބިގެން ކަމުގައި ވާތީވެ ފަހަރެއްގައި މިފަދަ ކުށްތައް ކުރަމުން ގެންދާ ފަރާތްތަކުން ތިމަންނާމެން މިތިބީ ފޮރުވިގެން ކަމުގައި ހީކޮށް ތިބެވިދާނެއެވެ. ދާދިފަހުންވެސް ރާއްޖޭގައި ހަރަކާތްތެރި ވަމުން ގެންދިޔަ ބޮޑު ނެޓުވޯކެއް ފުލުހުން އަތުލައިގަތީ ދެއަހަރެއްހާދުވަހު ހިންގި އޮޕަރޭޝަނަކުން ކަމުގައި ވާތީވެ މިއީ މިކަން އޮންނާނެ ގޮތްކަން މިދަނީ އެނގެމުންނެވެ.
މާކުރީންވެސް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ ރާއްޖޭގައި މަސްތުވާ ތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ބޮޑެތި މީހުންތައް އެމަނިކުފާނަށް އެނގިވަޑައި ގަންނަވާ ކަމުގައި ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މިއަދަކު ހަގީގަތެއް އޮޅުވައެއް ނުލެވޭނެއެވެ. ފުލުހުންގެ އިންޓެލިޖެންސް އިން ހޯއްދަވާ އެފަދަ މައުލޫމާތުތައް އެމުއައްސަސާގެ އެންމެ އިސްވެރީންނާއި ހިއްސާކުރަށްވާނެކަން ކުޑަކުއްޖަކަށްވެސް އެނގޭނެއެވެ.
ހިތާމަޔަކީ މިފަދަ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތައް ފުލުހުންގެ މަސައްކަތުން އަތުލައިގަނެ ޝަރީއަތާ ހަމަޔަށް ފޮނުވުމުން ދެންވާ ގޮތެވެ. ބައެއް މައްސަލަތައް ޕުރޮސިކިއުޓަރ ޖެނެރަލްއާއި ހަމައިގައި ތާށިވުމާ އަނެއްބައި މައްސަލައިގައި އަތުލައި ގަނެވޭ މީހުން ތަހުގީގަށް ހައްޔަރުގައި ބޭތިއްބުމުގެ ކޯޓުއަމުރު ނުލިބުމާ ، ހުރިހައި ކަމެއް ފުރިހަމަކޮށް ޝަރީއަތައް ފޮނުވުމުން ކޯޓުން އެފަދަމީހުން ދޫކޮށްލާ ދޫކޮށްލުމެވެ. މިކަމުގެ ސަބަބުން މާކުރީއްސުރެ އާންމު ރައްޔިތުން ގެންދިޔައީ ބައެއް ކޯޓުތަކުގެ ފަނޑިޔާރުންނާއި ދިމާލަށް ކުދިކިޔަމުންނެވެ. ކޯޓުތަކުން ” ތިމަންނަ މެންނާއި ދިމާލަށް ބަލާލުމުގެ ހައްގުވެސް އެއްވެސް މީހަކަށް ނޯންނާނެއޭ ތިމަންނާމެނަކީ މާމަތިވެރި ބައެއްކަމުގައި ބުނާތީވެ ” ގަންނާ ކުރަށްވާ ބިރުން ފާޅުގައި އެއްޗެއް ނުބުނެ ތިބިނަމަވެސް ފަނޑިޔާރުންގެ ތެރެއިން ޚާއްސަކޮށް ކުރިމިނަލް ކޯޓުގެ އިސް ފަނޑިޔާރާ މެދު ރައްޔިތުންގެ ގިނަބަޔަކު ގެންދިޔައީ ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ. ހަމަ އެފަނޑިޔާރާ މެދުގައި އެތަކެއް ޝަކުވާތަކެއް ޖޭއެސްސީ އަށްވެސް ހުށައެޅިފައި ވާކަމުގެ އަޑުތައްދަނީ އިވެމުންނެވެ.
ޖިނާއީ ބޮޑެތި މައްސަލަ ތަކުގައި ކުރިމިނަލް ކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ބޮޑެތި ބައެއް މައްސަލަތައް ހުށައެޅިގެން ހިނގަނީ ކުރީގެ ސަރުކާރުގެ ބައެއްއިސް ވެރީންގެ މައްޗަށް ކަމުގައި ވާތީވެ ނުނިމި ދިގުލައިފައި ހުންނަ ކަމުގައިވެސް ބައެއް މީހުން ބުނެއެވެ. އަދި ފުލުހުންގެ ތަހުގީގަށް ހައްޔަރު ކުރަން ބޭނުންވާ މިފަދަ ބައެއް މީހުން ކިތަންމެ ބޮޑުކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރިޔަސް ދޫކޮށްލުމާ އާންމު ދެރަ ނިކަމެތި ރައްޔިތެއްގެ މައްސަލަ އެއްނަމަ ވާނެއެއްޗެއްވާން ދޫކޮށްލާ ކަމުގައި މީހުން ބުނެއުޅެއެވެ. މިފަދަ ކަންކަން އެނގި ހާމަވެ މީޑިޔާގެ ސުރުހީތަކަށްވެސް ވެފައި އެބަހުއްޓެވެ. އެހެންކަމުން މިއަކީ މުޅީން ދޮގެކޭ ބުނެވޭކަށްވެސް ނެތެވެ. އަދި މިފަދަ ކަންކަމުގައި ދަށުކޯޓުތަކަށް އެންމެމަތީ ކޯޓުކަމުގައިވާ ސްޕްރީމު ކޯޓުންވެސް ނުފޫޒު ހިންގާ ކަމުގެ އަޑުތަކެއް މިފަހަކަށް އައިސް މިވަނީ ގަދަވެފައެވެ. މީގެ ކުރީންވެސް ރާއްޖޭގެ ގާނޫނުއަސާސީއާއި ޚިލާފަށް އިންތިގާލީ ސްޕްރީމްކޯޓުގެ ފަނޑިޔާރުން ދާއިމީ ވެއްޖެ ކަމުގައި ބުނެފައިވާ އޭރުގެ އުއްތަމަ ފަނޑިޔާރު މިހާރުގެ ސްޕްރީމް ކޯޓުގައި ސޮނިބާލަން އިނުމަކީ މިފަދަ އަޑުތަކުގައި ހަގީގަތެއް ވެދާނެ ކަމުގައި ބައެއްމީހުން ގަބޫލުކުރާ ކަމެކެވެ.
މިހުރިހައި ފަނޑިޔާރުންގެ ތެރެއިންވެސް ޚާއްސަކޮށް ކުރިމިނަލް ކޯޓުގެ އިސްފަނޑިޔާރު ، މީހުން އެކިޔާ އަބުޅޯ ގާޟީ އާއިމެދު ދެކެވޭ ވާހަކަ ތަކަކީ މިހާރު ދަންބެރަށްވުރެ ތަގުޑި ދިގުވެފައިވާ ވާހަކަ ތަކެކެވެ. މީނާގެ ހަރުކަށިކަމާއި ރުންކުރުކަމާއި ޚުދުމުޚުތާރު ކަމުގެ ވާހަކަތައް ދެކެވޭލެއް ގިނަވުމުގެ ސަބަބުން މިއަދު ރާއްޖޭގައި އެތިއްބެވި އިންސާފުވެރި އެތަކެއް ފަނޑިޔާރުންގެ އަބުރާ އިއްޒަތްވެސް ގެއްލެމުން ދާކަމުގެ ވާހަކަ އިވެނީ މަދެއްކޮށެއް ނޫނެވެ. ޝަރުއީދާއިރާގެ އަގުވެއްޓި އިންސާފު ލިބެމުންނުދާ ކަމުގައި މިއަދު ގިނަބަޔަކު އެދަނީ ފާޅުގައި ބުނެގޮވަމުންނެވެ. އެކަމަކު ހަމަހިލާ މިއިން ކަމެއް ބަލާނެ އެއްވެސް ބަޔަކު ނޫޅެއެވެ. އެހެންކަމުން މިއަދު ފާޅުގައި މީހުންނުކުމެ މިފަދަ މީހުންނާއި ދިމާލަށް އެކިއެކި ތަންތަނުގައި އެފަދަ ފަނޑިޔާރުންނަކީ ބޮޑެތި ވަގުންނޭ ، ގައުމަށް ހަރާންކޯރުވަމުންދާ ބަތާހަރާމީންނޭވެސް އެދަނީ ގޮވަމުންނެވެ. މިއަކީ ރާއްޖޭގެ ޝަރުއީ ދާއިރާގެ އެއްވެސް ފަނޑިޔާރަކަށް ނިސްބަތްކޮށް ރައްދުކޮށްގެންވާނެ ފަދަ އިބާރާތްތަކެއް ނޫންކަމުގައި އަހަރެމެން ކަހަލަ މީހަކު ބުނިކަމުގައި ވީނަމަވެސް ކަންކަން ހިނގަމުން އަންނަގޮތުން މިފަދަ އަޑުތައްވެސް އެދަނީ އިވެމުންނެވެ. އެންމެފަހުން ގޯސްވާނީ އެހެން އެވާހަކަ ބުނާމީހާއެވެ. ނުވަތަ މީހުންނެވެ. .