ދިވެހި ފުލުހުން ކުރަނީ ޕްރޮފެޝަނަލް މަސައްކަތެއް. ފުލުހުންނަށް އެމްޑީޕީއަކުން އެއްވެސް ނުފޫޒެއް ނުފޯރުވާ – އެމްޑީޕީގެ ޗެއަރޕާސަން

އިބްރާހީމް ރާމިޒް

reeko

ދިވެހި ފުލުހުން ކުރަނީ ޕްރޮފެޝަނަލް މަސައްކަތެއް ކަމަށާއި، ފުލުހުންނަށް އެމްޑީޕީއަކުން އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ލަކުޑިބުރިއަކުން ޖަހާ ގދ.ތިނަދޫ ސެމީ، ޙުސައިން ޙަސަންގެ ބޯފަޅާލި ކަމުގެ ތުހުމަތުގައި ޣައްސާން މައުމޫން ހައްޔަރުކުރީ އެމްޑީޕީގެ އިސް އެކްޓިވިސްޓުން ބުނެގެން ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް މައުމޫނުގެ ދޮށީ ފިރިހެން ދަރިކަލުން ފާރިޝް މައުމޫން މީޑިއާގައި ވާހަކަދައްކަވާފައިވާތީ، އެކަމަށް ރައްދުދެއްވައި އެމްޑީޕީ ވެބްސައިޓަށް މިއަދު މެންދުރުފަހު ދެއްވި ބަސްދީގަތުމެއްގައި މޫސަ ވިދާޅުވީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް ފަހު ފާރިޝް އެދައްކަވާ ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށާއި، އެމްޑީޕީގެ އެކްޓިވިސްޓުންނަކީ ސަރުކާރު އޮފީސްތަކަށް ވަދެ ކަންތައްކުރާ ބައެއް ނޫން ކަމަށާއި، އެ ޕާޓީގެ އެކްޓިވިސްޓުންނަކީ މިނިވަންކަމާއި ޑިމޮކްރަސީއަށްޓަކައި، އަދި އަނިޔާވެރިކަމާއި ޚުދުމުޚްތާރު އުޞޫލުތަކާ ދެކޮޅަށް ނިކުންނަން ކެރޭ ބައެއް ކަމަށެވެ. އަދި ” 24 ގަޑިއިރު ހަމައިގައި ހުންނަ ނަމަ އެމީހަކަށް އެމްޑީޕީގެ އެކްޓިވިސްޓުން ތަމްސީލްކުރާ ގޮތް ވަރަށް ރަގަޅަށް އެނގެންޖެހޭނޭ” ކަމަށް ވެސް މޫސަ ވިދާޅުވިއެވެ..

” ޕޮލިސް ސްޕްރިންޓެންޑެންޓް މުޙައްމަދު ޖިނާޙް އާއި އަދި އެހެން ފުލުހުންނަކީ ވެސް އެމްޑީޕީ ގަބޫލުކުރާ ގޮތުގައި ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރައްވާ ބައެއް. ފާރިޝްގެ ބައްޕަގެ ވެރިކަމުގެ ދުވަސްވަރު ހަމަ އެވިދާޅުވާ ޖިނާ، އެމްޑީޕީގެ އެކްޓިވިސްޓުންނާއި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އާ ދެކޮޅަށް ފުލުހުންގެ ފަރާތުން ވަކާލާތުކޮށްފައިވާ ކަން ފާރިޝް ހަމަބުއްދިން ވިސްނާނަމަ އިނގޭނެ.” މޫސަ ވިދާޅުވިއެވެ. ” ޖިނާ އަކީ ވެސް އަދި ފުލުހުންގެ ކޮންމެ ބޭފުޅަކީ ވެސް ކޮންމެ ސަރުކާރެއް އޮތަސް އެބޭފުޅުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ފަސްޖެހިވަޑައިގަންނަވާނޭ ބޭފުޅުން ނޫންކަން މައުމޫނުގެ ޢާއިލާއިން އެބަޖެހޭ ގަބޫލުކުރަން.”

މޫސަ އިތުރަށް ވިދާޅުވީ، ” ފާރިޝް މައުމޫނުގެ ބައްޕަ ރާއްޖޭގެ ވެރިކަމުގައި ހުރެގެން ފުލުހުންނާއި ސިފައިންނަށް މަޖުބޫރުކުރުވައިގެން އެވެރިކަމުގައި ޖަލުތަކުގައި މީހުންނަށް އަނިޔާކުރުވައި، ރޯމާ ދުވާލު ގައިދީންގެ ގަޔަށް ބަޑި ޖައްސާ އެތައް ބަޔަކަށް އަނިޔާކޮށް، އެތައް ބަޔަކު މަރުވެފައިވާ ކަމާއި، އެކަން ކަމަށް އިންސާފް ހޯދިފައިނުވަނީ މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ފާރިޝް މެންގެ ޢާއިލާ ގައި ދައުލަތުގެ 3 ބާރު އޮތީމާކަން” ގަބޫލުކުރަން ޖެހޭނޭ ކަމަށެވެ.

މައުމޫނުގެ ދުވަސްވަރު އަދުލު އިންސާފަށް ނުބަލާ ޙުކުމް ކުރަމުން ގެންދިޔަ ބައެއް ގާޒީން އަދިވެސް އެދާއިރާގައި ތިބުމުން ދައުލަތުގެ ހުރިހާ މުޥައްސަސާ އަކަށް ބާރުފޯރުވަން އެ ޢާއިލާއިން އަދިވެސް އުޅޭ ކަމަށާއި، އެމްޑީޕީ އަކީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައި ޕާޓީ ކަމަށާއި، އެއްވެސް މުޥައްސަސާ އެއް މިނިވަން ކަމުން ނުނެއްޓި އޮވެއްޖެ ނަމަ އެ މުޥައްސަސާ އަކަށް މިނިވަންކަން ހޯދައިދިނުމަށް އެމްޑީޕީން ނިކުންނާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.