މެންބަރުންގެ ޚިޔާލު: ޝަރުއީ ދާއިރާ ޒިންމާދާރު ކުރުވިގެން މެނުވީ ރައްޔިތުންނަށް މިނިވަންކަމެއް ނުލިބޭނެ!!

ފުނަމާ

މިނިވަންކަމަކީ އަދުލުއިންސާފާ ނުލައި ގާއިމު ކުރެވިދާނެ އެއްޗެއް ކަމުގައި ބަޔަކު ބުނާނަމަ އެބަޔަކީ ދުނިޔޭގެ ވަށްޓަފާޅިއާއި އާޖުފާޖު ނުދަންނަ ބައެއް ކަމުގައި ބުނާން ޖެހޭނެއެވެ. ދިވެހި ރާއްޖޭގައި މިއަދު މިއޮތް ތިންބާރު ވަކިކުރެވިފައިވާ ނިޒާމަކީ އެއްބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވުމަށް ބާރުއަޅައި އުފައްދާފައިވާ ނިޒާމެކެވެ. މިއަކީ ދުނިޔޭގައި ދިވެހީން އަލަށް ގާއިމުކުރި ނިޒާމެއް ނޫނެވެ. ވެގެން މިއުޅޭ ގޮތަކީ ދިވެހީން އަދި މިކަމަށް އަލީއެވެ. ނުވަތަ އާކަމެއް ފެށުމުން ކޮންމެ ބަޔަކުވެސް އެބަޔަކީ އެންމެ ބޮޑުބާރު ކަމުގައި ދެއްކުމަށް ހަނގުރާމެ ކުރަނީއެވެ. ތިންބާރަށް ބަލާލާއިރު އެންމެ ބޮޑު ބާރަކީ ސަރުކާރެވެ. އެހެނީ ސަރުކާރުގެ ވެރިޔަކީ ދައުލަތުގެވެސް އެންމެ އިސް ވެރިޔާއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުންނާއި ޝަރުއީދާއިރާއިން ސަރުކާރު އެކައުންޓަބަލް ކުރުވަން އެބަޖެހެއެވެ. ރައްޔިތުންގެ މަޖިލިސް ނުވަތަ ގާނޫނުހަދާ މަޖިލިސް ޒިންމާދާރު ކުރުވުމާއިއެކު ދައުލަތުގެ ހުރިހައި މުއައްސަސާތަކެއް ފުރިހަމައަށް ވާޖިބު އަދާކުރޭތޯ ބެލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއެވެ. މިދެބާރަށް ބެލިޔަސް މިދެބާރު އެކުލަވާލަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. ނަމަވެސް ދައުލަތުގެ އަނެއް ބާރުކަމުގައިވާ ޝަރުއީ ދާއިރާއަކީ ސީދާ ރައްޔިތުންގެ ބަހެއްނެތި އެކުލަވާލެވޭ ބާރެކެވެ. މިބާރު އެކުލަވާލުމުގައި ވެރިކަން ކުރާބާރާއި ގާނޫނުހަދާ ބާރުގެ ފުރިހަމަ އަތެއް އޮވެއެވެ. ނަމަވެސް ސީދާ ރައްޔިތުންނަށް އެބާރު އެކުލަވާލުމުގައި ބަހެއް ބުނާނެ އެއްވެސް ޖާގައެއް ނޯވެއެވެ. އެހެންކަމުން ޝަރުއީ ބާރަކީ އަނެއް ދެބާރަށްވުރެ ޟައީފު ބާރެއް ކަމުގައި ބުނެވޭނެ ޖާގަ އެބައޮތެވެ. އެހެންނަމަވެސް ގާނޫނީ ގޮތުން ޝަރުއީ ދާއިރާއަށް ލިބިދީފައިވާ ބާރަކީ އަނެއް ދެބާރަށްވުރެ ވަރުގަދަ ބާރެއް ކަމުގައި ބުނެވިދާނެއެެވެ. އުފެދިގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ މިއެވެ. ބާރުތައް ފެށޭ ހިސާބާއި ނިމޭހިސާބެއްގެ އިންވަކިކުރެވިފައި ނެތުމެވެ.
ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށެނީ އަދި އެކުލަވާލެވެނީ އާންމު ރައްޔިތުންގެ ފަރާތުންނެވެ. ދައުލަތުގެ ހަގީގީ ވެރީންނަކީ ރައްޔިތުންނެވެ. ދައުލަތުގެ ބާރުތަކަކީ ރައްޔިތުންގެ މުއައްޒިފުންނެވެ. ނޯކަރުންނެވެ. ވީއިރު އެބައެއްގެ ނޯކަރުން ކަންކުރާގޮތާމެދު ސާހިބުންނަށް ބަސްނުކިޔޭނެ އެއްވެސް ހަމައެއް ނޯންނާނެއެވެ. އިސްލާމީ ޝަރީއަތަކީ ދުނިޔޭގައި މީހުން ހިތުހުރި ގޮތަކަށް އުޅެފައި އަދަބުނުދީ ހިސާބުބައްލަވާ ދުވަހަށް އެކަން ނިންމަން ބާއްވާ ޝަރީއަތެއް ނޫނެވެ. ޝަރީއަތް ބާވައި ލެއްވީ އެންމެން ހަމަހަމަކޮށް އިންސާފު ހޯދައި ދިނުމަށެވެ. ވީމައި ފަނޑިޔާރުން ކުރާ އެއްވެސް ނުރަނގަޅުކަމެއް ނުބެލޭނެޔޭ ބުނެ ދޫކޮށްލެވޭނެ ހަމައެއް ދައްކަބަލާށެވެ. ފަނޑިޔާރަކީ ވަގެއްކަން ސާބިތު ކުރެވޭނީ ތުހުމަތެއް ކުރެވި ބެލިގެންނެވެ. ރިޝްވަތު ކޯރެއްކަން އެނގޭނީ އެކަން ބަލައި ކަޝަވަރު ކޮށްގެންނެވެ. އެހިސާބަށް ދެވޭނީ ތުހުމަތު ކުރެވި ބަލައި ހޯދައިގެންނެވެ. ފަނޑިޔާރުންގެ ކަންކަން ބަލަންޖެހޭނީ ފަނޑިޔާރުންގެ ނުފޫޒު ނުހިނގާނެ ގާނޫނީ އެހެން ބާރަކުންނެވެ. ނޫންނަމަ އެކަމަކީ އަދުލު އިންސާފުން އެއްކިބާވެ ކުރެވޭ ކަމެކެވެ.
މިއަދު ރާއްޖޭގެ ޝަރުއީ ނިޒާމުއޮތީ ގަޑުބަޑުވެފައެވެ. ފުރަތަމަ ފަށައިގަތުމުގައި ފަނޑިޔާރުން އައްޔަންކުރި ގޮތަކީ އެންމެންވެސް އެކަމާ ދެކޮޅުހަދާ ކަމެކެވެ. ތަނެއްގައި ތިބި މިއަދުގެ ހާލަތުގައި އަސާސީ ތައުލީމުގެ ފެންވަރުވެސް ނެތް ގިނަބަޔަކު ފަނޑިޔާރުންނޭ ކިޔާފައި ބޭތިއްބީމައި މީހުން ޖޯކުޖަހާނެއެވެ. އަދުލު އިންސާފު ކީއްކުރަން ޝަރުއީ ދާއިރާއިން ލައިގެންކާނެ އެއްޗެއްވެސް (އަނގަޔަށް ލާންކެރޭވަރުގެ) ރައްޔިތުންނަކަށް ނުލިބޭނެއެވެ. މިއަދުމިވަނީ އެގޮތެވެ. “މަމެންގެ އުމުރު ހުސްވަންދެން އައިޑީކާޑު އޮޅުވާލައިގެންވެސް ތިބެވޭނެޔޭ” ބުނެފައި ނުކުމެ މިއަދުގެ ދުނިޔޭގެ އަލިފުބާވެސް ނުދަންނަ ބަޔަކު އެތިބަ ކޯޓުކުރިމަތީގައި ހުންނަ ޖޯލިފަތިތަކުގެ ބުޑަށް ރަތްކުޅުޖަހައި ކުނިކޮށް ޖޯލިފަތި ތަކުގެ ނަނުތައް ފީކުރަނީއެވެ. އަނެއް ބަޔަކު ލިބުނުހައި ތަނަވަސްކަމެއް ހޯދައި ގަންނަނީއެވެ. ” ތިމަންނާމެން ނިންމާގޮތެއް ބަދަލެއް ނުކުރެވޭނެޔޭ ” ގޮވީމައި މީހުން އެކަން ގަބޫލުވެސް ކުރާނެ ދޯއެވެ. ބުނިއެއްޗެއް ދީގެން ތިމާގެ މައްސަލަ ބޭނުންގޮތަކަށް ނިންމާލުމުގެ ފުރުސަތު އޮންނާނެ ދޯއެވެ؟ މިއަދު ފެންނާންހުރި ބައެއް ހެކިތަކުގެ އަލީގައި ރައްޔިތުން އެކުރާ ތުހުމަތު ތަކަކީ މިއެވެ. މިކަންކަމާ ބަޔަކު ފާޑުކިޔުމުން ތިމަންނާމެންނަކީ އުޑުންފޭބި ބައެއް ކަމުގައި ބުނިކަމަކު އެކަމެއް ގަބޫލުކުރާކަށް ނުޖެހޭނެއެވެ. ރައްޔިތުންގެ އަޑުނާހާ ބަޔަކަށް ރައްޔިތުންގެ ނޯކިރީގައި ނުތިބެވޭނެކަން އެނގެން ޖެހޭނެއެވެ. އުމުރުން ހަތްދިހަ އަހަރުވަންދެން ބޮޑުމުސާރަ ނަގައިގެން ކޮލިފުއްޕަން ތިބެވޭނީ ރައްޔިތުންގެ އަޑުއަހައިގެންކަން އެމީހުންނަށް ކަށަވަރު ކޮށްދޭން އެބަޖެހެއެވެ. ރައްޔިތުންގެ އަޑުއެހުމަކީ ކޮންމެހެނަކުން ވަކިމީހަކު ބުނާގޮތަކަށް ކަންކުރުމެއް ނޫނެވެ. މުޅިރައްޔިތުންގެ މެޖޯރިޓީއަށް ތަބާވާން ޖެހޭނެއެވެ. އެހެންނޫނީ ރައްޔިތުން ނުކުމެ އެމީހުން ގޮނޑީން ބާލައި ނިޔާކަނޑައަޅާން ޖެހުމަކީ ޑިމޮކްރަސީއަށް އޮތް ގޮންޖެހުމެކެވެ. އެކަމަކު އެކަން ކުރާންޖެހިއްޖެނަމަ އެކަންވެސް ކުރާންޖެހޭނެއެވެ. އެހެނީ ޝަރުއީދާއިރާ ޒިންމާދާރު ކުރެވިގެން މެނުވީ ރައްޔިތުންނަށް މިނިވަންކަން ނުލިބޭނެތީއެވެ