އެމްޑީޕީގެ ގެދޮރާއި ބެހޭ ކޮމިޓީގެ މުޤައްރިރަކަށް މާލެ ސިޓީ ކައުންސިލްގެ މެންބަރު ރުކުމާ އަޙުމަދު ޢައްޔަންކޮށްފި

އިބްރާހީމް ރާމިޒް

rukuma-ahmed

އެމްޑީޕީގެ ގެދޮރާއި ބެހޭ ކޮމިޓީގެ މުޤައްރިރަކަށް މާލެ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ޢަބްދުލް ކަރީމް (ރުކުމާ އަޙުމަދު )ޢައްޔަންކޮށްފިއެވެ.

މިއަދު މެންދުރު ފަހު އޮތް އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ރުކުމާ އަޙުމަދު މި މަގާމަށް ހޮވީ، ބައްދަލުވުމަށް ހާޒިރުވި 9 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުޤައްރިރަކު ވެސް ޢައްޔަންކުރެވުނެވެ. އެ ގޮތުން މެންބަރުންގެ އިއްތިފާގުން ނައިބު މުޤައްރިރަކަށް ހޮވުނީ ހ.ހިރިފުށި މޫސާ ޙަލީލް އެވެ.

މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ މި ކޮމިޓީއަކީ އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކޮމިޓީ ކަމަށާއި، ބޯހިޔާވަހިކަމުގެ ވަޢުދަކީ އެމްޑީޕީން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދުކަމަށް ވީހިނދު، އެ ވަޢުދުފުއްދުމުގައި އެމްޑީޕީން ކުރާ މަސައްކަތަށް މި ކޮމިޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

11 މެންބަރުން ހިމެނޭ މި ކޮމިޓީން ހައުސިންގ މިނިސްޓްރީ އަށް ޒިޔާރަތްކޮށް އެ މިނިސްޓްރީ ގައި މިހާރުކުރިޔަށްދާ ކަންތައްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށްވަނީ ނިންމާފައެވެ. އަދި ޢީދު ބަންދަށް ފަހު ދެން އެންމެ އަވަހަށް ބޭއްވޭ އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ ހިންގާ ގަވައިދު ފާސްކުރުމަށް ވަނީ ހަމަޖައްސާފައެވެ.