ނޫސް ބަޔާން: އެމްޑީޕީ ތިނަދޫ ދާއިރާ އިން ނެރޭ ނޫސް ބަޔާން

އޮކްޓޯބަރ މަހުގެ 20 ވީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތުގައި ހިނގާދިޔަ ސުލްހަވެރި އެއްވުމެއްގައި ބައިވެރިވި ދިވެހި އެތަކެއް ރައްޔިތުންނަށް އަމާޒުކޮށް، “މ.އެންދެރިގަސް” ޢިމާރާތުގެ އެންމެ މަތީބުރިން، އެއްވެސް ބެލުމެއްނެތި ގިނަޢަދަދެއްގެ ހިލަބުރިތަކާއި، ތޫނު ވަޅިތަކެއް އުކައި އެއްވެފައިވާ ބައިވެރިންގެ ތެރެއަށް ލަކުޑިބުރިއެއް ވައްޓާލައި ގަސްތުގައި ބަޔަކަށް އަނިޔާ ދިނުމަށް ހިންގި ލާއިންސާނީޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

އެ ލާއިންސާނީ ޙަމަލާގެ ޝިކާރައަކަށް ވި ޢުމުރުން 17 އަހަރުގެ ޒުވާނެއް ކަމުގައިވާ ގދ. ތިނަދޫ ސެމީ، ހުސައިން ހަސަން ގެ ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް ސިކުނޑިއަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން ހަށިގަނޑުގެ އެއްފަޅި ވަނީ ވާގިނެތިފައެވެ. އަދި އިމަޖެންސީގައި ސިނކުޑީގެ އޮޕަރޭޝަނެއްކޮށް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށްގޮސް އެއަނިޔާގެ ވޭނުގައި ނުކުޅެދޭ ޙާލަތަށް ގޮސް މިއަދާހަމައަށްވެސް އޭނާ ވަނީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައެވެ.

ކުށެއްނެތް އެތައް ދިވެހީންނަކަށް އަމާޒުކޮށް ދީފައިވާ މިޙަމަލާގައި ފުރާނައަށް ނުރައްކާވެ، ނުކުޅެދޭ ޙާލަތަށް ގޮސްފައިވާ ޒުވާނާއަކީ ގދ.ތިނަދޫ އިން ދާދިފަހުން އޭނާގެ މަދުރަސީދައުރު ވަރަށްކާމިޔާބުކަމާއެކީ ނިންމި ކިޔަމަންތެރި ތަޢުލީމީ ޢާއިލާއެއްގެ މާތް އަޚުލާޤެއްގެވެރި ޒުވާނެކެވެ. އެހެންކަމުން އޭނާއަށް އަނިޔާކުރި ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ނުގެނެސް ދިގުލައިދާތީ އޭނާގެ ޢާއިލާއާއި، ރަޙުމަތްތެރީންނާއި، ގދ.ތިނަދޫގެ އެއްމެހާ ރައްޔިތުންވަނީ ވަރަށްބޮޑު ކަންބޮޑުވުމަކާއި ހިތާމައެއްގެތެރޭގައެވެ. މިޢަމަލު ކުށްވެރިކޮށް ތިނަދޫގެ ރައްޔިތުންދަނީ ކެނޑިނޭޅި އެކިސިފަސިފައިގައި އަޑުއުފުލަމުންނެވެ. އަދި މިކަމުގައި ބައިވެރިވި ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށްގެނައުމަށް ހުރަސްއަޅާ ފަރާތްތަކުގެ ޢަމަލްތައްވެސް ތިނަދޫގެ ރައްޔިތުންދަނީ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމުންނެވެ.

ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ، ދިރިހުރުމުގެ ހައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެން ވީ ހިނދު، މި ލާއިންސާނީ އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް ނިސްބަތްވާ ގެ މ.އެންދެރިގަސް ގޭގައި ދިރިއުޅެމުންދާ ޢާއިލާއަކީ މި ޤައުމުގައި އަނިޔާވެރި ވެރިކަން 30 އަހަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ގެ އާއިލާކަމަށްވެފައި، އޭނާގެ ވެރިކަމުގައި ދިވެހިރައްޔިތުންނަށް ކުރަމުންދިޔަ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ކުރުމުގެ ސަޤާފަތުގެ ތެރެއިން ހިންގި މި ލާއިންސާނީ ޢަމަލު ހިންގުމުގައި ތުހުމަތު ކުރެވޭ ފަރާތަކީ އޭނާގެ ދަރި ޣައްސާން މައުމޫނެވެ.

ކަންމިހެން އޮތްކަމުގައިވީހިނދުވެސް، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ޤާނޫނުނުގެ ކުރިމަތީގައި އަދި އެމީހެއްގެމައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެމީހަކީވެސް ހަމަހަމަވެގެންވާ މީހަކަށްވީހިނދު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤު ތަކާއި މިނިވަންކަން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއިން އެއްވެސް ގޮތަކުން ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވާ ހިނދު، ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއިން އެ ހައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބަކަށް ވީހިނދު، 20 އޮކްޓޯބަރ 2011 ވީ ބުރާސްފަތި ދުވަހު ހަވީރު ދިވެހި އެތަކެއް ރައްޔިތުންނަށް އަމާޒުކޮށް، “މ.އެންދެރިގަސް” ޢިމާރާތުގެ އެންމެ މަތީބުރިން، އެއްވެސް ބެލުމެއްނެތި ގިނަޢަދަދެއްގެ ހިލަބުރިތަކާއި، ތޫނު ވަޅިތަކެއް އުކުމާ އެކުއެކީގައި އެއްވެފައިވާ ބައިވެރިންގެ ތެރެއަށް ލަކުޑިބުރިއެއް ވައްޓާލައި ގަސްތުގައި ބަޔަކަށް އަނިޔާ ދިނުމަށް ހިންގި ލާއިންސާނީޢަމަލު ހިންގިފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ދަޢުލަތުގެ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.
29 އޮކްޓޯބަރ 2011

ބަޔާން ނެރުނީ: އެމްޑީޕީ ތިނަދޫ ދާއިރާ އޮފީސް

ޙުސައިން ޝަރީފް
(ދާއިރާގެ ރައީސް)