މެންބަރުންގެ ޚިޔާލު: ސަރުކާރުން ބަލަން ތިބެގެން ނުވާނެއެވެ!!

ފުނަމާ

ޕާކިސްތާނާއި ، އަފުޣާނާއި ، މިނޫންވެސް ތަންތާނގައި ހާލިހަދައިގެން އެއުޅޭ ކަމުގައި ބުނާ ޓެރަރިސްޓުންނާއި ގުޅިގެން ދިވެހި ރާއްޖެއިން ދީންކިޔަވައި ދިނުމުގެ ނަމުގައި މީހުންގެ ޅަދަރީން ގެންގޮސް ނުރައްކާތެރި އެކިއެކި ހަމަލާތަކުގައި ބައިވެރި ކުރުވުމުގައާއި އަދި ރާއްޖޭގައި ތަފާތު ބޮޑެތި ޖަރީމާތައް ހިންގާފައި ފިލައިގެން ގޮސް ޕާކިސްތާނުފަދަ ގައުމުތަކުގައި ފޮރުވިގެން އުޅުމަށް އެހީތެރިވެދޭކަމުގެ ތުހުމަތު ބޮލުގައި އެޅިފައިވާ ބަޔަކު މާބޮޑު ޝޭޚުންތަކެކޭ ކިޔައިގެން އައިސް ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ކޮޅުގޮނޑީގައި އިށީނދެ ދުނިޔެއަށް ފިލައިގެން އެމީހުންގެ އެކުވެރީން ކަމުގައި އެބުނާ ޓެރަރިސްޓު ޖަމާއަތްތަކުގެ އިސް ބޮޑުންނަށް މިރާއްޖޭގައި އެހީތެރިވެދިނުމަށް ފުރުސަތުދެވިގެން ނުވާނެއެވެ. މިފަދަ ބަޔެއްގެ އަމަލުތަކާއި ބަސްމަގަށް ނުވިސްނައި ދޫކޮށްލައިގެން ތިބެފިނަމަ މިގައުމުގެ ރައްޔިތުންގެ މެދުގައި މިއޮތް ދީނީ އެއްބައިވަންތަކަމާއި އެކުވެރިކަން މުޅީން ގެއްލި ސޯމާލިޔާފަދަ ގައުމުތަކާއި އެއްފެންވަރަށް މިގައުމު ވެއްޓިގެން ހިނގައި ދާނެއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ރާޑަރަށް މިއަދުވެސް ޓެރެރިސްޓު ހަރަކާތްތައް ހިންގާ މީހުން އުޅޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަރައި ޝައްކުގެ ނަޒަރުން ބަލަމުން ގެންދާކަމީ އެނގޭންއޮތް ހަގީގަތެކެވެ. މިހަގީގަތް ގަބޫލުކޮށް ދައުލަތުގެ އިސްވެރީން މިކަންކަން ހުއްޓުވާން މަސައްކަތް ކުރުމުން ގައުމުގެ ވެރީންނާއިމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި އެވެރީންނަކީ މިގައުމުން އިސްލާމްދީން ފޮހެލަން އުޅޭ ބައެއް ކަމުގައި ފާޅުގައި ގޮވަމުން ގެންދިޔަޔަކަސް ޓެރަރިސްޓުންގެ އަމަލުތައް ފޮރުވައެއް ނުލެވޭނެއެވެ.
ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމުގައި ވެފައި ދިވެހީންނަކީ ޒަމާނުއްސުރެ ދީނުގެ މައިގަނޑު އުސޫލުކަމުގައިވާ މެދުމިނުގެ ސިޔާސަތަށް ތަބާވެގެން އުޅެމުންގެންދާ ބައެއް ކަމުން ދިވެހީންގެ ސިކުޑީން އެފިކުރު އެއްކިބާކޮށް ވަކި ސިފަތަކަށް ތިބުމުން މެނުވީ މުސްލިމުން ކަމުގައި ނުވާނެ ކަމުގައިބުނަމުން ރާއްޖޭގެ އަންހެން ކަނބަލުންގެ ދުނިޔަވީ އެންމެހައި ހައްގުތަކަކަށް އަރައިގަނެ، ޅަފަތުގައި ދަރީންނަށް ދެމުން ގެންދާ ވެކްސިން ދިނުމަކީ ހަރާމް ކަމެއް ކަމުގައި ގޮވަމުން، ޅަފަތުގައި އަންހެން ދަރީން ޚިތާނު ކުރުމާއި، ދުޅަހެޔޮ ސިއްހަތެއް ނުލިބެނީސް ދަރީން ޅައުމުރުގައި ގަދަކަމުން ކައިވެނީގެ ނަމުގައި ފިރިހެނުންނަށް ވިއްކާލުމާއި، ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވުނަސް ތިންހަތަރު އަނބިން ގެންގުޅުމަށް ބާރުއެޅުމާ އަންހެން ކަނބަލުންނަކީ ފިހާރަޔަކުން ގަނެގެން ގެންނަ މުދަލެއްހެން އަމިއްލަކޮށް ބޭނުންގޮތަކަށް ގެންގުޅެވޭނެ ބައެއްކަމުގައި ހަދައި އެކަނބަލުންގެ އިއްޒަތާ ކަރާމާތަށް އުނިކަން ގެނައުމަށް ރާއްޖޭގައި ގޮވާލަމުން އެގެންދަނީ ކޮންގޮތަކަށް ތިބޭ ކޮންބައެއްކަން މިމީސްކޮޅު މަދު ރާއްޖޭގެ އެންމެންނަށްވެސް އެބައެނގެއެވެ.
ބުނެވިދިޔަ ހުރިހައި ނާތަހުޒީބު އަދި، އެހާމެ އަނިޔާވެރި ކަންކަމަކީ ހުއްދަ، ހަލާލު ކަންކަން ކަމުގައި ގޮވަމުން ގެންދާބަޔަކު މިމީހުންގެ މިކަންކަން އެހެންމީހުންނަށް ފޮރުވާނަމޭ ހިތައި މިގައުމުގެ ސަރުކާރުން ޔަހޫދީން މިގައުމުގައި ވަޒަންވެރި ކުރުވަންއުޅޭ ވާހަކައާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކާން އުޅޭ ވާހަކައަކާއި ރިސޯޓުތަކުގައި ކެސިނޯ އަޅާންއުޅޭ ކަމުގައި ވާހަކަ ދެއްކުމުން ހިނިއަންނާނެތާއެވެ. މިގައުމުގައި ހަތްދިހައިގެ ކުރީކޮޅުން ފެށިގެން ފަތުރު ވެރިންނަށް ޚާއްސަކޮށްގެން ބަނގުރާ ވިއްކަމުން ގެންގޮސްފައި ވާއިރު ރިބާގެ ވަބާގައި މުޅި ރާއްޖޭގެ އެންމެހައި ރައްޔިތުން ޖައްސައިފައި ވާކަން މި މީހުންނަކަށް ނޭނގެއެވެ. ވޭތުވެދިޔަހައި ޒަމާނަކު ރާއްޖޭގައި އިސްލާމީ ބެންކެއް ކީއްކުރަން އިސްލާމިކް މިނިސްޓްރީއެއްވެސް ނުބެހެއްޓުނުކަން މިއަނދޮޅުންނަކަށް ނޭނގެއެވެ. މިއަދު މިސަރުކާރުން އެކަމަށް ފުރުސަތުދީގެން މިކުރަނީ، ނުކިޔައި އިސްލާމީ ބޭންކެއް ގާއިމްކުރުމުން އެއްކަލަ މީހުންގެ ބަހުންނަމަ އެކަންއެކުރީ އެމީހުންނޯލައެވެ. އެހެންވިއްޔާ ކެސިނޯއަޅަންވެސް އެއުޅެނީ އެމީހުންތާއެވެ. ސަރުކާރުން ކުރާ ކޮންމެ ކަމަކީ އަދި މިސަރުކާރަކީވެސް ތިމަންނާމެން ބަޔަކަށް ދިން އެއްޗެއް ކަމުގައި ބުނާއިރު އެތުހުމަތުކުރާ ނުލަފާހާ ކަމެއް ތިމާމެންގެ ބޮލުގައި ނޭޅެންވީ ކީއްވެހެއްޔެވެ؟ ވަނީ އެހެންނެއް ނޫނެވެ. މިއަދު ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ތިމާމެންނަށް ނިސްބަތްވާ ޓެރަރިސްޓު ޖަމާއަތްތަކަށް ފުރުސަތު ހަނިވުމުން މިކަހަލަ މީސްކޮޅުމަދު ގައުމެއްގައި އެފަދަމީހުން ” ބުރުގާ އަޅުވައިގެން ” ގެންގުޅެ، މިގައުމާއި މުޅިދުނިޔެއާއި މިއޮންނަ ގުޅުމުގެ ތެރެއިން އެމީހުންގެ މީހުން ދުނިޔޭގެ އެކިދިމަދިމާލަށް ފޮނުވައި، ޖަރީމާތައް ހިންގުވައި، އަނބުރައި ފަސޭހައިން ރާއްޖެގެނެސް ފޮރުވައިގެން ގެންގުޅެވިދާނެ ކަމުގައި އެމީހުންނަށް ހީކުރެވެނީއެވެ. އަދި ތިމާމެންގެ ގޮތްކުޑަ އަމަލުތައް ފޮރުވުމަށް ބޮޑުތުނބުޅި ލައިގެން މާބޮޑެތި ޝޭޚުންތަކެއް ކަމުގައި ހެދިގެން ދިވެހީންގެ ހިތްތަކުގައި މިމީހުންނަށް ކުލުނު އުފައްދައިގެން ވެރިކަންލިބިގެން މެނުވީ އެމީހުންގެ އަސްލު ކުޅިގަނޑަށް ނުދެވޭނެތީވެ އެމަގުން މަސައްކަތް ކުރަނީއެވެ. މީގެ ކުރީންވެސް ކޮންމެވެސް ގައުމަކުން ފުރައިގެންދިޔަ އުޅަނދަކަށް ވައްކަން ކުރާން އަރައި ފިލައިއޮތް ވަގަކު ފެނިގެން ރާއްޖޭގެ ސަރަހައްދަށް އެއްލައިލުމުން ހައްދުން މައްޗަށް ލައްވެ އެއީވެސް ވަލީވެރިއެއް ކަމުގައި ހީކޮށް ދިވެހީން އެކަލޭގެ ގެނެސް ކާންދީ ފަލަކޮށް މިގައުމުގައި މީހުންނާ ދެވައިގެން އުފެދުނު ބޮޑެތި ވަގުންގެ ކިބައިން މިއަދުވެސް މިގައުމު މިއުޅެނީ ސަލާމަތް ނުވެގެންނެވެ. ވީއިރު މިއަދު މިގައުމުގައި ފާޅުކަން ބޮޑުގޮތެއްގައި ހަމަނުޖެހުން ހިންގައި މިގައުމު ހަލާކުކުރުމުގެ ނިޔަތުގައި ބަޔަކު ތިމަންނާމެންނީ ޝޭޚުންނޭ ކިޔައިގެން އުޅުނެއްކަމަކު ދޫކޮށްލާފައި ސަރުކާރުން ބަލާންތިބެގެން ނުވާނެއެވެ. މިފަދަ މީހުންގެ ސަބަބުން އިޚުލާސްތެރި ދީންވެރި ސޯލިހު ޢިލްމުވެރީންގެ ނަންވެސް ޚަރާބުވެގެން ދަނީއެވެ. އަވަހަށް ފިޔަވަޅު އަޅުއްވާށެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކާ ގުޅިގެން ނަމަވެސް މިމީހުންގެ އަމަލުތައް ބަލައި ހޯދައި މާޟީގައި މިމީހުން ގަނެފައިވާ ގަނޑުތައްވެސް ބޭޒާރުކޮށްލާން ވެއްޖެ ކަމުގައި ދަންނަވަމެވެ.