ލަކުޑިބުރިން ޖަހާ ޒަޚަމްކޮށްލި ކުއްޖާ އާއި ފުލުހުންނާއި އެމްޑީޕީ ފިޔަވައި އިތުރު އެހެން މުޥައްސަސާ އަކުން ބައްދަލުކޮށްފައިނުވާ ކަމަށް އެކުއްޖާގެ ޢާއިލާއިން ބުނެފި

އިބްރާހީމް ރާމިޒް

ubaidhullah Muaz a002222އެމްޑީޕީގެ ޙައްޤު ކޮމިޓީގެ ވަގުތީ ނައިބު މުޤައްރިރު ޢުބައިދުﷲ މުއާޒް .. އެމްޑީޕީ ފައިލް ފޮޓޯ

މ.އެންދެރިމާގެ ކައިރީގައި ހުއްޓާ ލަކުޑި ބުރިއަކުން ޖަހާ ޒަޚަމްކޮށްލި ގދ.ތިނަދޫ ސެމީ، ޙުސައިން ޙަސަން އާ ފުލުހުންނާއި އެމްޑީޕީ ފިޔަވައި އިތުރު އެހެން މުޥައްސަސާ އަކުން ބައްދަލުކޮށްފައިނުވާ ކަމަށް އެކުއްޖާގެ ޢާއިލާއިން މިއަދު ބުނެފިއެވެ.

އެމްޑީޕީގެ ހައްޤު ކޮމިޓީގެ ފަރާތުން މިއަދު ހަވީރު ޙުސައިން ޙަސަންގެ ހާލު ބެލުމަށް ކުރި ޒިޔާރަތަށް ފަހު، އެ ކޮމިޓީގެ ވަގުތީ ނައިބު މުޤައްރިރު، އުބައިދުﷲ މުޢާޒް، އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ، ” އެ ކުއްޖާ އާ ވާހަކަދައްކާލުމުން އެނގުނު، ފުލުހުން ނާއި އެމްޑީޕީ ފިޔަވައި އެހެން އެއްވެސް މުޥައްސަސާ އަކުން އެކުއްޖާގެ ހާލު ބެލުމަށް ހޮސްޕިޓަލަށް ގޮސް އެ ކުއްޖާ އާއި ސުވާލުކޮށްފައިނުވާ ކަން. ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަދި މިހާތަނަށް ހޮސްޕިޓަލަށް ގޮސްވެސް އަދި ގުޅައިގެން ވެސް އެކުއްޖާގެ ޙާލު ބަލާފައިނުވާ ކަމަށް އެކުއްޖާ” ބުނާ ކަމަށެވެ. އަދި އެ ކޮމިޓީން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ކުރި ޒިޔާރަތުގައި އެ ކުއްޖާގެ އިތުރުން، އެ ކުއްޖާގެ ޢާއިލާގެ ބޭފުޅުންނާއި، އަދި އެކުއްޖާ ބެއްލެވި ޑޮކްޓަރާ ބައްދަލުކޮށް މަޢުލޫމާތު އޮޅުން ފިލުވި ކަމަށާއި، ލަކުޑި ބުރިން ޖަހާ އެކުއްޖާގެ ބޮލަށް ދިން އަނިޔާގެ ސަބަބުން އެ ކުއްޖާގެ އެއްފަޅި އަދިވެސް އެންމެ ރަގަޅަށް މަސައްކަތް ނުކުރާ ކަމަށް ވެސް ޢުބައިދުﷲ މިރޭ ވިދާޅުވިއެވެ.

އުބައިދުﷲ އިތުރަށް ވިދާޅުވީ ޙުސައިން ޙަސަން އިތުރު ފަރުވާ އަށް މާދަމާ ރާއްޖެއިން ބޭރަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އެކުއްޖާ އަށް އެންސްޕާގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން ޢާއިލާއިން ފާހަގަކުރާ ކަމަށެވެ.

ޢެމްޑީޕީގެ ޙައްޤު ކޮމިޓީގެ ފަރާތުން މިއަދު ހަވީރު ވަނީ މި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނަށް ޒިޔާރަތްކޮށް އެ ކޮމިޝަނުގެ ރައީސާ މަރިޔަމް އަޛްރާ އަޙްމަދު އާއި، ނައިބު ރައީސް ގެ އިތުރުން، އެ ކޮމިޝަނުގެ އިތުރު 2 މެންބަރަކާއި ބައްދަލުކުރައްވައި މި ހާދިސާގައި ހިއުމަން ރައިޓްސް ކޮމިޝަން ހިމޭނުން އޮންނަ އޮތުމާ ބެހޭ ގޮތުން ސުވާލުކޮށްފައެވެ.

މި ބައްދަލުވުމަށް ފަހު އެމްޑީޕީގެ ޙައްޤު ކޮމިޓީގެ ފަރާތުން ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޢުބައިދުﷲ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނުން މި މައްސަލައިގައި މިހާތަނަށް ބަޔާނެއް ނެރެފައި ނުވި ކަމުގައި ވިޔަސް، ހަމަ އެހާދިސާ ހިނގި ދުވަހުން ފެށިގެން އެޙާދިސާގެ ފުރިހަމަ މަޢުލޫމާތު ޕޮލިސް ކޮމިޝަނަރަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަށް ގުޅުއްވައިގެން ހޯއްދަވަމުން ގެންދަވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވާ ކަމަށާއި، އެމްޑީޕީގެ ޙައްޤު ކޮމިޓީއަށް ބޭނުންވާ އެހެނިހެން މަޢުލޫމާތުތައް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ހޯއްދެވި ކަމަށެވެ.

އެމްޑީޕީގެ ޙައްޤު ކޮމިޓީން އައިޖީއެމްެއެޗާއި، ހިއުމަންރައިޓްސް ކޮމިޝަނަށް މިއަދު ކުރި ޒިޔާރަތާއި ބެހޭ އިތުރު މަޢުލޫމާތު މާދަމާރޭ އޮންނަ އެ ޕާޓީގެ އާންމު ޖަލްސާ ގައި ހާމަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.