އެމްޑީޕީގެ ވަގުތީ ފަންޑް ރައިސިންގ ކޮމިޓީން ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރޭ – މައުސޫމް

އިބްރާހީމް ރާމިޒް

mausoom

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމުގެ ކުރިން ފަންޑް ރައިސިންގ ކޮމިޓީގެ ނަމުގައި ވަގުތީ ގޮތުން ހިންގަމުން އައި ކޮމިޓީން ފަންޑް ރައިސް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީގެ މެންބަރުކަން ވެސް ކުރެއްވި އެމްޑީޕީގެ ޗެއަރޕާސަން ނައިބު (މާލީ) އަޙުމަދު މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި އޮތް އެ ޕާޓީގެ މާލިއްޔަތާއި ޗަންދާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައުސޫމް އިތުރަށް ވިދާޅުވީ މި ކޮމިޓީން އެމްޑީޕީއަށް ފައިސާ ހޯދުމަށް ފުޅާ ދާއިރާ އެއް ގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި، އެމްޑީޕީ އަށް ފައިސާ ހޯދައި ޕާޓީގެ މާލީ ޙާލަތު ރަގަޅުކުރުމަށް، އެ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެމެންބަރަކަށް އެންމެ އެކަށީގެންވާ ގޮތުގައި ޚިދުމަތްކުރެވޭނޭ ދާއިރާތައް ފާހަގަކޮށް، އެ ދާއިރާތަކުން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ.

މި ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަދި ވަގުތީ ފަންޑް ރައިސިންގ ކޮމިޓީގެ ޗެއަރކަން ކުރެއްވި، އިސްމާޢީލް ޝަފީޢު (ސްޓެޓިކް އިއްސެ) ވިދާޅުވީ ކުރިން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބައްދަލުވުންތަކުން ނިންމާ މުހިންމު ގިނަ ނިންމުންތަކެއް ތަންފީޒްނުކުރެވި ދިއުން ކަމަށާއި، އެކަން ރަގަޅުކުރެވޭނީ އިދާރީ ހިންގުން ހަރުދަނާކޮށްގެން ކަމަށް ވިދާޅުވިއެވެ.

މިއަދު އެމްޑީޕީ މައި ސެކްރެޓޭރިއަޓްގެ ކޮންފަރެންސް ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި، އެ ކޮމިޓީގެ ހިންގާ ގަވއިދުގެ މަސައްކަތާއި، ކޮމިޓީއަށް މުޤައްރިރަކު ކަނޑައެޅުން ދެން އޮންނަ ޖަލްސާ އެއް ގައި ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.