އެމްޑީޕީގެ ޞިއްޙަތާއި ވެލްފެއަރ އާއި ބެހޭ ކޮމިޓީގެ މުޤައްރިރަކަށް ބާރީ ހޮވިވަޑައިގެންފި

އިބްރާހީމް ރާމިޒް

a059081

އެމްޑީޕީގެ ޞިއްޙަތާއި ވެލްފެއަރ އާއި ބެހޭ ކޮމިޓީގެ މުޤައްރިރަކަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޢަބްދުލް ބާރީ ޢަބްދުﷲ ހޮވިވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު އެކެއް ޖެހި އިރު އެމްޑީޕީ އޮފީހުގައި ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ބާރީ މުޤައްރިރު ކަމަށް ހޮވިވަޑައިގެންފައިވަނީ އެ ކޮމިޓީގެ ވަގުތީ މުޤައްރިރަކަށް މިއަދުގެ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ފަރާތް ކަމަށްވާ އިބްރާހީމް ވަހީދު (އެންސްޕާ)، އެ ކޮމިޓީގެ މުޤައްރިރަކު އައްޔަންކުރުމަށް ނަންހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން ބާރީ ފިޔަވައި އިތުރު ބޭފުޅެއްގެ ނަން ހުށަހަޅާފައި ނުވާތީ، މި ބައްދަލުވުމަށް ހާޒިރުވި 7 މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުޤައްރިރަކުވެސް ވަނީ ހޮވާފައެވެ. އެގޮތުން ނައިބު މުޤައްރިރު ކަމަށް 3 ބޭފުޅެއްގެ ނަން ހުށަހެޅުމުން އެ 3 ނަމަށް ވޯޓަށް އަހައި، އޭގެ ތެރެއިން ނައިބު މުޤައްރިރަކަށް ހޮވިވަޑައިގެންނެވީ ޖާރނީގެ ފައުންޑަރ މެންބަރ ޢައިޝަތު ލިޒިޔަން އެވެ. ލީޒިޔަންގެ އިތުރުން ދެން ހުށަހެޅުނު 2 ނަމަކީ އެމްޑީޕީގެ މެންބަރު އަޒްލިފާގެ ނަމާއި، އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ ރައީސް ހަސަން ޝިޔާންގެ ނަމެވެ.
މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ހިންގާ ގަވއިދު ފާސްކުރުމަށް ކޮމިޓީގެ މުޤައްރިރާއި، ނައިބު މުޤައްރިރުގެ މައްޗަށް އެކުލެވޭ ކުޑަ ކޮމިޓީއެއް ނަގައި، އެ ގަވައިދު ވީހާވެސް އަވަހަކަށް ފާސްކުރުމަށް ނިންމުމުގެ އިތުރުން މިއަންނަ ހޯމަ ދުވަހު ހަވީރު 4.15 ގައި އެ ކޮމިޓީގެ 2 ވަނަ ބައްދަލުވުން ބޭއްވުމަށް ނިންމިއެވެ.